ފާއިތުވި 10 އަހަރު މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާ ކަމަށް ބުނެ އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ، ރާއްޖޭގެ ވެރި ރަށް މާލޭގެ ތަންތަނާއި، ބިންތަކާއި އަދި އާއްމު ވަސީލަތްތަކުގެ މާލީ ނަފާ ލިބެމުންދާ އިދާރާ ކަމުގައިވާ މާލެ ސިޓީ ކައުންސިލް ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ވެސް އޮޑިޓްކޮށްފައި ނެތްކަން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެހާ އިދާރާތައް އޮޑިޓްކުރުމަށް އޮޑިޓާ ޖެނެރަލް ވެސް މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.
އެހެންކަމުން މާލެ ސިޓީ ކައުންސިލް މިހާތަނަށް އޮޑިޓްކޮށްފައި ނުވަނީ ކީއްވެކަން ސާފުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ކުޑޫ ވިދާޅުވިއެވެ.
ކުޑޫ ވަނީ މާލެ ސިޓީ ކައުންސިލް އޮޑިޓްކޮށްފައި ނުވަނީ ކީއްވެކަން ސާފުކުރުމަށާއި އެކަން ނުކޮށް މިހާ ގިނަ ދުވަސްވެގެން ދިޔަ ސަބަބު ރައްޔިތުންގެ މަޖިލީހުން އިތުރަށް ދެނެގަތުމާއެކު އަވަހަށް އޮޑިޓްކުރުމަށްފަހު، ރިޕޯޓުތައް އާއްމުކުރުމަށް ބާރުއެޅުމުގެ ގޮތުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް އިންތިޒާމުކޮށްދިނުމަށް އެދިފައެވެ.
ހަމައެއާއެކު މި މައްސަލަ ކުރިއަށް ދާއިރު ގާނޫނުއަސާސީގެ 99 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން މާލެ ސިޓީ ކައުންސިލް އަދި އޮޑިޓާ ޖެނެރަލް އެ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް ވެސް ކުޑޫ އެދިވަޑައިގަތެވެ.
ކުޑޫ އެ މައްސަލަ ހުށަހެޅިއިރު، މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އިދާރާ އޮޑިޓު ނުކުރެވޭނެކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ޗެލެންޖުކުރަމުން ގެންދެވި ކަމަށެވެ. ނަމަވެސް އޮޑިޓު ނުކުރެވޭނެކަމަށް ބުނި މާލޭ ސިޓީ ކައުންސިލުގެ އިދާރާ ވެސް އޮޑިޓުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.