އެއްމެދު އިމާރާތްތައް ހިންގުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއްމެދު އިމާރާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.
އެއްމެދު އިމާރާތަކީ އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓުތައް ވަކިވަކި ފަރުދުންނަށް މިލްކު ކުރެވޭ ގޮތަށް ހަދާފައި ވުމެވެ. އަދި، އިމާރާތްތަކުގައި ހިމެނޭ އާންމު ތަންތަން ހުރިހާ ޔުނިޓުތަކެއްގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވެ އެ ތަންތަން ހިންގައި ބެލެހެއްޓުމެވެ.
އެޗްޑީސީއިން ވަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެކިއެކި އެއްމެދު އިމާރާތްތައް (ސްޓްރާޓާތައް) ބެހިފައިވާ ގޮތުގެ މަތިން، ވިނަރެސް ފްލެޓުތައް ހިމެނޭ ސްޓްރާޓާ އެކެއް ދޭއް އަދި ތިނެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާތައް މި މަހުގެ 26، 27 އަދި 28 ގައި ބޭއްވުމަށް ނިންމާފައި ވާކަމަށް ބުނެފައެވެ.
އަދި މި އަހަރީ އާންމު ޖަލްސާތަކުގެ ބޭނުމަކީ ވިނަރެސްގެ އެއްމެދު އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުން ފަސޭހަ ކުރުމަށްޓަކައި މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި އެ ކޯޕަރޭޝަންތައް ހިންގާނެ ކައުންސިލެއް އިންތިޚާބުކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީ އޮފީސް: އެއްމެދު އިމާރާތްތައް ހިންގައި ބެލެހެއްޓުމަށް މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލެމުގެ މަސައްކަތް ވަނީ ފަށައިފައި --- ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ބުނީ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ މެނޭޖްމަންޓް ކޯޕަރޭޝަންގެ ކައުންސިލާ، އެ ސްޓްރާޓާއެއްގައި ހިމެނޭ އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތައް ހަވާލުކުރާނެ ކަމަށެވެ.
ކޮންމެ ސްޓްރާޓާއެއް ވަކިން އިންތިޚާބުކުރާ އެ ކައުންސިލްގައި ހިމެނޭނީ ކައުންސިލްގެ ރައީސާއި ހަޒާންދާރާއި ސެކްރެޓަރީގެ އިތުރުން އެއް އާންމު މެންބަރެވެ.
އެގޮތުން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންގެ އިތުރުން، އެޗްޑީސީ އަދި ހައުސިން މިނިސްޓްރީގެ ބޭފުޅުން ބައިވެރިވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ގާނޫނުގައި ބުނާގޮތުން އެ ކޯޕަރޭޝަންގެ ފުރަތަމަ އަހަރީ ޖަލްސާއަށްފަހު، ކޮންމެ އަހަރަކު އެއްފަހަރު ޖަލްސާ ބޭއްވުމަށް ގާނޫނު ލާޒިމްކުރެއެވެ. އަދި އެ ސްޓްރާޓާއެއްގެ މެނޭޖްމަންޓް ކޯޕަރޭޝަން ކައުންސިލް އިންތިޚާބުވުމަށްފަހު ޖެހިގެން އަންނަ އަހަރުތަކުގައި އަހަރީ އާންމު ޖަލްސާ ބޭއްވުމަކީ އިންތިޚާބުވާ ކައުންސިލްގެ ޒިންމާއެކެވެ.
ވިނަރެސްގައި ހިމެނޭ ޓަވަރުތައް ބެހިފައިވަނީ ތިން ސްޓްރާޓާއަކަށެވެ. އެއީ:
- ސްޓްރާޓާ 1 (ވިނަރެސް ޓަވަރު 1 އިން 4): 564 ރެސިޑެންޝަލް ޔުނިޓް
- ސްޓްރާޓާ 2 (ވިނަރެސް ޓަވަރު 5 އިން 8): 492 ރެސިޑެންޝަލް ޔުނިޓް
- ސްޓްރާޓާ 3 (ވިނަރެސް ޓަވަރު 9 އަދި 10): 288 ރެސިޑެންޝަލް ޔުނިޓް
ވިނަރެސް ފްލެޓުތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި ނިމުމާއެކު ހުޅުމާލޭގެ އިތުރު ސްޓްރާޓާ އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓު ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މިއީ، އެއްމެދު އިމާރާތްތަކުގެ އާންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގު މުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުން ފަސޭހަކުރުމަށްޓަކައި އެކުލަވާލެވޭ މުހިންމު ކައުންސިލްތަކެއް ކަމަށް އެޗްޑީސީން ބުނެއެވެ.