ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ބައެއް މަސައްކަތްތައް ނިންމުމަށް ދައުރު ދަންމައިލައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ބައެއް ބިލުތަކުގެ މަސައްކަތް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ވަނީ ދަންމައިލައިފައި --- ފޮޓޯ: މަޖިލިސް

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ އީގަލް ހިލްސްއަށް ދީގެން ރަސްމާލޭގައި މި ސަރުކާރުން ކުރިއަށް ގެންދަން އެއްބަސްވެފައިވާ ރަސްމާލެ މަޝްރޫއާއި އެފަދަ މަޝްރޫއުތަކާ ގުޅުންހުރި ރިއަލް އެސްޓޭޓް ބިލު ހިމެނޭހެން ބައެއް ބިލުތަކުގެ މަސައްކަތް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ދަންމައިލައިފިއެވެ.

އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދަންމައިލަން ހުށަހެޅުއްވީ ޖަލްސާގެ ކުރީކޮޅު ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުްރަޙީމް ޢަބްދުﷲ އެވެ.

ދައުރު ދަންމައިލަން ރިޔާސަތުން ވޯޓަށް އެހީ މިއަދު މެންދުރުފަހުގެ ދަންފަޅީގައެވެ. އެގޮތުން ދައުރު ދަންމައިލަން ނެގި ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން ދައުރު ދަންމައިލަން ފެންނަ ކަމަށް ވޯޓުދިނީ 43 މެންބަރުންނެވެ. ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދިނެވެ.

ރިއަލް އެސްޓޭޓު ބިލު ހިމެނޭހެން ހަތަރު ބިލެއް މި މަހުގެ ނުވަވަނަ ދުވަހު ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅިއެވެ. އެއީ ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލާއި އަބުރާ ބެހިއްޖެނަމަ ބައި މިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ބިލާއި ދާއިމަށް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެކުރުން މަނާކުރާ އިމިގްރޭޝަން ބިލެވެ.

ހަތަރު ބިލު ވެސް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އޭގެ ތެރެއިން ރިއަލް އެސްޓޭޓް ބިލަށް އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ޚިޔާލަށް ވަނީ ހުޅުވައިލައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގެ އަޣުލަބިއްޔަތުން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި، މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު، އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

comment ކޮމެންޓް