ސިއްހީ ޚިދުމަތްތައް މެދުކެނޑެމުންދާ ކަމަށްބުނެ ހުށަހެޅި މައްސަލަ އަނބުރާ ފޮނުވައިލައިފި

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް: މެންބަރު ހުށަހެޅުއްވި މައްސަލަ ވަނީ އަނބުރާ ފޮނުވައިލައިފައި -- ފޮޓޯ/ މަޖިލިސް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި މި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އާސަންދައިގެ ޚިދުމަތްތައް ހުއްޓެމުންދާ ކަމަށާއި އަދި ބޭސް ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، ފީޑިންގ ޓިއުބެއް ނުލިބުމުގެ ސަބަބުން ހަ އަހަރުގެ ކުއްޖަކު މަރުވި ހާދިސާއަކީ ސަރުކާރުގެ ކޮރަޕްޝަންގެ ސަބަބުން ހިނގި ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ މި މައްސަލައިގައި ކަށަވަރުކުރެވޭ ހަގީގަތްތަކެއް ނެތްކަމަށް ވިދާޅުވެ މައްސަލަ އަނބުރާ ފޮނުވައިލައްވައިފައެވެ.

  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސިއްހީ ޚިދުމަތާ ގުޅޭ ކުއްލި މައްސަލައެއް ހުށަހެޅުން
  • އާސަންދަ އަދި ބޭސް ނުލިބުމުގެ ޝަކުވާތަކާއި ކޮރަޕްޝަންގެ ތުހުމަތުތައް މައްސަލައިގައި ހިމެނުން
  • ހަ އަހަރުގެ ކުއްޖަކު މަރުވި ހާދިސާއާ ގުޅުވައިގެން ސަރުކާރަށް ފާޑުކިޔުން
  • މައްސަލައިގައި ހަގީގަތެއް ނެތްކަމަށް ބުނެ މަޖިލީހުގެ ނައިބު ރައީސް މައްސަލަ އަނބުރާ ފޮނުވައިލުން

ޑޮކްޓަރުންނަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ލިބެމުން އައި އާސަންދައިގެ ޚިދުމަތް ހުއްޓައިލަމުންދާ ކަމަށާއި، ބޭސް ސިޓީއަށް ބޭސް ނުލިބުން ފަދަ ޝަކުވާތައް އާންމުން ކުރަމުންދާ ކަމަށް ވިދާޅުވެ، ހުށަހެޅި ކުއްލި މައްސަލައަކީ ހަގީގަތެއްކަން ކަށަވަރުކޮށްދެވިފައިނުވާ ކަމަށް ބުނެ، އެ މައްސަލަ އަނބުރާ ފޮނުވައިލައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ، މި އަހަރުގެ މިހާތަނަށް އައިއިރު، ހޮސްޕިޓަލުތަކާއި ކުލިނިކްތަކުން ޚިދުމަތް ހޯދުމަށްދާ އާންމުން ޑޮކްޓަރުންނަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް ލިބެމުން އައި އާސަންދައިގެ ޚިދުމަތް އެ ތަންތަނުން ހުއްޓައިލަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން، ބޭސް ސިޓީތަކަށް ބޭސް ނުލިބުމާއި، ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ފޯރުކޮށްނުދެވޭ ޝަކުވާ އާންމުންގެ ފަރާތުން އިތުރުވެފައިވާ ކަމަށް، އެ މައްސަލައިގައިވެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ހަ އަހަރުގެ ކުއްޖަކަށް ދޭންޖެހޭ ފީޑިން ޓިއުބު ނުލިބުމުގެ ސަބަބުން މިދިޔަ މާރިޗު މަހު އެ މަރުވި ހާދިސާއަށް އިޝާރާތްކުރައްވައި، ކުޑޫ ވިދާޅުވީ، އެފަދަ ކަންކަން ދިމާވަނީ ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި ނާޖާއިޒު ފައިދާ ނެގުމަށް އެންސްޕާއާއި އެސްޓީއޯގެ އުސޫލުތަކަށް ސަރުކާރުން ބަދަލު ގެނެސް، ބޭހާއި މެޑިކަލް ސާމާނު ވަކި ބަޔަކު އަތުން ގަތުމަށް ރާވައިފައިވުމުން ކަމަށް މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް --- ސަން ފޮޓޯ / އިބްރާހީމް ނާއިޝް

ބޭސް ލިބުން ދަތިވެފައިވާ އެތައް އާއިލާއެއް އެބަ ތިބި ކަމަށާއި، އިދާރާތަކުން އިހުމާލުވުމުގެ ސަބަބުންނާއި ފަރުވާ ލަސްވުމުގެ ސަބަބުން އެތައް ފުރާނައެއް ގެއްލި ދިއުމުގެ ބިރު އެބައޮތް ކަމަށް ވެސް، އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅޭގޮތުން، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލައެއް ވާންވާނީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައަކަށް ކަމަށެވެ. އަދި ކުއްލި މައްސަލައެއްގައި ބަޔާންކުރާ ކަންކަމަކީ ހަގީގަތެއްކަން ކަށަވަރުކުރުމަކީ މައްސަލަ ހުށަހަޅާ މެންބަރު ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށްވެސް، ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް --- ފޮޓޯ: މަޖިލިސް

"އެހެން ނަމަވެސް، އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަން ދިމާވަނީ ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި ނާޖާއިޒު ފައިދާ ނެގުމަށް ސަރުކާރުން އެންސްޕާއާއި އެސްޓީއޯގެ އުސޫލުތަކަށް ބަދަލު ގެނެސްގެން ބޭހާއި މެޑިކަލް ސާމާނު ވަކިބައެއްގެ އަތުން ގަތުމަށް ރާވައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެއީ ހަގީގަތެއްކަން އިއްޒަތްތެރި މެންބަރަށް ދައްކުވައިދެވިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

އަދި ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވާ ކަމެއް ދިމާވާންޖެހޭނީ ކުއްލިއަކަށް ކަމާއި، އެ ޝަރުތުވެސް ފުރިހަމަނުވާ ކަމަށް، ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން، ކުޑޫ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމަވައި، ނާޒިމް ވަނީ އެ މައްސަލަ އަނބުރާ ފޮނުވައިލައްވައިފައެވެ.

https://sun.mv/219702

އުމުރުން ހަ އަހަރުގެ އިބްރާހީމް އަޒާން މަރުވި މައްސަލަ ފެންމަތިވީ، ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. މިދުއަމް ހާމަކުރި ގޮތުގައި، އަޒާނަށް ކާންދިނުމަށް ބޭނުންވާ ޕީއީޖީ ޓިއުބެއް ހޯދުމަށް އެ ކުއްޖާގެ މަންމަ އަށް މަސް ދުވަސް ވަންދެން އިންތިޒާރު ކުރަން ޖެހުނެވެ.

ނަމަވެސް، އެހާ ގިނަ ދުވަސް ފަހުން އެންސްޕާ އާއި އެސްޓީއޯއިން ބުނީ އެ ޓިއުބަށް އޯޑަރުވެސް ދީފައި ނުވާ ކަމަށް މިދުއަމްގެ ޕޯސްޓުގައިވެއެވެ.

މިދުއަމް ބުނި ގޮތުގައި، ދައުލަތުގެ އިދާރާތަކުން އެހީތެރިކަން ނުލިބުމުން އަމިއްލަ ފަރާތެއްގެ އެހީގައި އެ ޓިއުބް ހޯދައި ރާއްޖެ ގެނައެވެ.

ނަމަވެސް، އެ ޓިއުބް ހަވާލުކުރުމަށް ކުއްޖާގެ މަންމައަށް ގުޅިއިރު، ވަގުތު ފާއިތުވެ ކުއްޖާ އޮތީ މަރުގެ ތުންފަތްމަތީގައި ކަމަށް މަންމަ ބުނިކަމަށް އޭނާ ކުރި ޕޯސްޓުގައި އޮތެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ކަމާބެހޭ މުއައްސަސާތަކަށް އަމާޒުވެފައި ވަނިކޮށް، ހެލްތު މިނިސްޓްރީން މިދިޔަ މަހުގެ 26ވަނަ ދުވަހު ބުނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ، އެ މައްސަލައަށް ބޭނުންވާ މައުލޫމާތު ހޯދައިފައިވާ ކަމަށާއި، ރިޕޯޓު ތައްޔާރުކުރެވުނުހާ އަވަހަށް ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކުރާނެ ކަމަށެވެ.

comment ކޮމެންޓް