ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރަންޖެހޭ ގޮތަށް، އެއްގަމު ދަތުރުފަތުރުކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރު ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހުށަހެޅުއްވި ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ފާސްކުރުމަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުންނެވެ.
ނުފެންނަ ކަމަށް 12 މެންބަރަކު ވޯޓު ދެއްވިއެވެ.
މި ބިލުގެ 46ވަނަ މާއްދާގައިވާ ގޮތުން، ހިނގާބިނގާވެ އުޅޭ މީހުން މަގު ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.
އެ މިންގަނޑުތަކުގައި މީހުން ދުވާރު ބޭނުންކުރަންޖެހޭ އުސޫލުތަކާއި ދުވާރުގެ ބަދަލުގައި އެއްގަމު އުޅަނދުފަހަރު ދުއްވާ ސަރަހައްދު ބޭނުންކުރެވޭނެ ހާލަތްތަކާއި މަގު ހުރަސްކުރުމުގެ އުސޫލުތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިނގާބިނގާވެ އުޅޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅަންވާނެ ކަމަށް ވެސް، ބިލުގައި ވެއެވެ.
ބިލުގެ 131 ވަނަ މާއްދާގައިވާ ގޮތުން، އެ އުސޫލުތަކާ ޚިލާފަށް މަގު ހުރަސްކުރާ މީހުންގެ އަދަބަކީ 100 ރުފިޔާއިން ޖޫރިމަނާކުރުމެވެ.
މި ބިލުގައިވާ ގޮތުން، ބިލު ގާނޫނަކަށްވާ ހިސާބުން ފެށިގެން އަސްކަރީ ބޭނުމަށް އަސްކަރީ އުޅަނދުފަހަރު ބޭނުންކުރާ ހާލަތުގައި އެ އުޅަނދުފަހަރުގެ މައްޗަކަށް މި ގާނޫނު ނުހިނގާނެއެވެ. ނަމަވެސް އަސްކަރީ އުޅަނދުފަހަރު ބޭނުންކުރަންވާނީ އާންމުންނާއި އެހެން އުޅަނދުފަހަރުގެ ރައްކައުތެރިކަން ކަށަވަރުވާނެ ގޮތެއްގެ މަތިން ކަމަށް، ބިލުގައިވެއެވެ.
މިއަދު ފާސްކުރި ބިލު ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މި ގާނޫނު ތަސްދީގުކުރައްވާ ހިސާބުން ފެށިގެން 30 ދުވަސް ހަމަވުމުންނެވެ.