ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ބިލާއެކު ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމަށާއި، ބޮޑެތި ކުށްތަކުން ހޯދާ ނުހައްގު މަންފާ އަނބުރާ ދައުލަތަށް ނަގައި، ގާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ގާނޫނީ އޮނިގަނޑެއް ގާއިމުވެގެން ދާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވުމަކީ، ކޮރަޕްޝަނާ ދެކޮޅަށް ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތުގައި ފާހަގަކޮށްލެވޭ އަދި ތާރީޚީ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެ ބިލުގެ ސަބަބުން ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމަށާއި، ބޮޑެތި ކުށްތަކުން ހޯދާ ނުހައްގު މަންފާ އަނބުރާ ދައުލަތަށް ނަގައި، ގާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބެމުންދިޔުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ގާނޫނީ އޮނިގަނޑެއް ގާއިމުވެގެން ދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ހަމައެއާއެކު މި މުހިންމު ފިޔަވަޅަކީ މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމަށްޓަކައި މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެއް ކަމަށް އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި، އެންމެ މަތީ ދަރަޖައިގެ އިންސާފު ގާއިމުކުރުމަށްޓަކައި، މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ގުޅިގެން ގާތުން މަސައްކަތް ކުރުމުގައި އެ ކޮމިޝަން އަބަދުމެ ދެމި އޮންނާނެއެވެ.
އޭގެ އިތުރުން އެ ކޮމިޝަނުގެ އުންމީދަކީ، މި ބިލު ވީ އެންމެ އަވަހަށް އަދި ފަންނީގޮތުން އެންމެ ފުރިހަމައަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އަމަލީ ސިފައެއްގައި ތަންފީޒުކުރަން ފެށިގެން ދިއުން ކަމަށް އޭސީސީން ބުންޏެވެ.
ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލެއް އެކުލަވާލައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އިއްޔެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު އެ ބިލާ ގުޅޭގޮތުން ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުން ކަމަށެވެ. މީގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށް ކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ މައްސަލައަށް ވެސް މި ބިލުން ހައްލެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބޮޑެތި މައްސަލަތަކުގައި ކުށް ކޮށްގެން ހޯދާފައިވާ ފައިސާއާއި މުދާ ދައުލަތަށް ނެގުމަށް ކޯޓުތަކުން އަމުރުކުރި ނަމަވެސް، އެކަމާ ގުޅޭ މުދާ ދައުލަތަށް ނެގުމަށް އަންގާފައިވަނީ ވަރަށް މަދު ފަހަރެއްގައެވެ.
މިފަދަ މުދާ ދައުލަތަށް ނަގައި، އެކަމުން މާލީ މަންފާ ހުއްޓުވަން ބިލެއް ހުށަހެޅިއިރު މީގެ ކުރިން ވަނީ ނުހައްގު މުއްސަނދިކަން ހުއްޓުވާ ބިލެއް ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައެވެ.
މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅިއިރު ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބައެއް މިހާރު ވެސް ގާނޫނުގައި އެބައޮތެވެ. އަދި މި ސަރުކާރުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މީގެ ކުރިން ހުށަހެޅި ބިލެއްގައި ވެސް ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން ހިމެނިއެވެ.