"ގްރޭޓާ އައްޑޫ"ގެ ނަމުގައި ބޮޑު ތަސައްވުރެއް ދައްކައިގެން އައްޑޫ ސިޓީގައި ސަރުކާރު ހިންގާ ޕީއެންސީން ކުރި މަސައްކަތުގައި ބޮޑު ބައްޔެއްވެ، އައްޑޫ ސިޓީގެ 22 ގޮނޑީގެ ތެރެއިން 20 ގޮނޑި ގެއްލިއްޖެއެވެ.
މޭޔަރުކަމުގެ ގޮނޑި ހިމެނޭހެން ކައުންސިލްގެ ޖުމްލަ 11 ގޮނޑިއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމުގެ ގޮނޑި ހިމެނޭހެން އެ ކޮމިޓީގެ ޖުމްލަ 11 ގޮނޑި އައްޑޫ ސިޓީގެ ގޮނޑިތަކުގެ ތެރޭ ހިމެނެއެވެ. އެއީ ޖުމްލަ 22 ގޮނޑިއެވެ.
ނަމަވެސް ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ޖުމްލަ 11 ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ. އޭގެ ތެރޭ މޭޔަރުކަން ދިފާއުކުރެއްވި އަލީ ނިޒާރު ވެސް ހިމެނިވަޑައިގަންނަވައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ވެސް ރައީސާކަމުގެ މަގާމު ހިމެނޭހެން ޖުމްލަ 10 ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. ޕީއެންސީއަށް ލިބުނީ ފޭދޫ މަގުއްދޫ ދާއިރާގެ ގޮނޑިއެވެ.
މިހާ ބޮޑު ބައްޔެއް އައްޑޫ ސިޓީން ލިބުނުއިރު، އެހެން ހުރިހާ ސިޓީއަކުން ވެސް ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބެއް ކުރިމަތިވެފައެވެ.