ރައީސް މުއިއްޒު އަންނަ މަހު ސްރީލަންކާއަށް: އަމާޒަކީ މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން

ލަންކާގެ ރައީސާއި ރައީސް މުއިއްޒު: --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މެއި މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސީދާ ވިޔަފާރީގެ މުއާމަލާތްތައް ފުޅާކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ ތަޖުރިބާ ލަންކާއާ ހިއްސާކުރުމާއި، ދިވެހިންނަށް ލަންކާއިން ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަކީވެސް މި ދަތުރުފުޅުގެ މުހިންމު ބައެކެވެ.

  • ރައީސް މުޢިއްޒު އަންނަ މެއި މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ
  • މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާކުރެވޭނެ
  • މެދުވެރިންނާ ނުލައި ސީދާ ވިޔަފާރީގެ މަގުތައް ގާއިމުކުރުމަށް މަސައްކަތްކުރާނެ
  • ދިވެހިންނަށް ލަންކާއިން ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރެވޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މެއި މަހުގެ ތެރޭގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް އަމާޒަކީ ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އާ އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުން ކަމަށް ލަންކާއިން ބުނެއެވެ.

ސްރީލަންކާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ މަސްވެރިކަމުގެ ސިނާއަތް ގުޅިގެން މަސައްކަތްކުރެވޭނެ އާ ދާއިރާތަކެއް ހޯދުމަށް މިހާރު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފަށާފައެވެ. މިއީ ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުން، ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދްރަސޭކަރް އާއި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މަސްއޫދު އިމާދު ވަނީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާގެ ޕާލަމެންޓް ކޮމްޕްލެކްސްގައި މަތީ ފަންތީގެ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ސްރީލަންކާގެ ފިޝަރީޒް މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ބީ.ކޭ. ކޮލިތަ ކަމާލް ޖިނަދާސަ ވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި މުދާ ފޯރުކޮށްދިނުމުގެ ސީދާ ނިޒާމެއް ގާއިމުކުރުމަށެވެ. މިހާރު ސްރީލަންކާގައި އުފައްދާ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރަނީ ދުބާއީ ފަދަ ތަންތަން މެދުވެރިކޮށް ނުވަތަ އެހެން މެދުވެރިން މެދުވެރިކޮށެވެ. މިނިސްޓަރު ޗަންދްރަސޭކަރް ވިދާޅުވި ގޮތުގައި، މެދުވެރިންނާ ނުލައި ސީދާ ވިޔަފާރީގެ މަގުތައް ހުޅުވާލުމުން ދެ ގައުމަށް ވެސް އިގުތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. އަދި މީގެ ސަބަބުން ޚަރަދުތައް ކުޑަވެ، ވިޔަފާރީގެ ފައިދާ ބޮޑުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި، ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމުގެ ތަޖުރިބާ ސްރީލަންކާގެ މަސްވެރިންނަށް ހިއްސާކުރުމަށްޓަކައި ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފެށުމާ ގުޅޭގޮތުންވެސް ވަނީ ވާހަކަދެކެވިފައެވެ. ހައިކޮމިޝަނަރު މަސްއޫދު އިމާދު ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމްގެ ސަބަބުން ސްރީލަންކާގެ މަސްވެރިންނަށް ފައިދާވުމުގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މީހުން މަދުވުމުގެ މައްސަލައަށްވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ

ރާއްޖޭގައި މިހާރުވެސް 17،000 އެއްހާ ސްރީލަންކާ ރައްޔިތުން ވަޒީފާ އަދާކުރަމުންދާއިރު، ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ފުޅާވުމަކީ ދެ ފަރާތުގެ ރައްޔިތުންނަށްވެސް އޭގެ މަންފާ ލިބޭނެ ކަމެކެވެ.

މަސްވެރިކަމުގެ ސިނާއަތް ގުޅާލުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގައި، ރާއްޖޭގެ ތާޒާ މަހުގެ ވަސީލަތްތަކާއި ސްރީލަންކާގައި ކުރިއަރަމުން އަންނަ ދަޅުގައި މަސް ބަންދުކުރުމުގެ ސިނާއަތް ގުޅުވާލައިގެން އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ މުހިންމުކަމަށް ދެ ފަރާތުން ވެސް ވަނީ އެއްބަސްވެފައެވެ. ޚާއްސަކޮށް، ރާއްޖޭގެ މާކެޓަށް އަމާޒުކޮށްގެން ސްރީލަންކާގައި މަސް ޕްރޮސެސްކޮށް، އަގުހެޔޮ އަދި ފެންވަރު ރަނގަޅު ވެލިއު-އެޑެޑް އުފެއްދުންތައް އުފެއްދުމަށް ދެ ގައުމުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ, ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއް ލަންކާއަށް ކުރައްވާއިރު އެ ގައުމުން ދިވެހީންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނާތީ ރާއްޖޭގެ ސަފީރު ވަރަށް ފަހުން ވަނީ ނުރުހުން ފާޅުކުރައްވައި ލަންކާގެ ނޫސްތަަކަށް އިންޓަވިއޫއެއް ދެއްވައިފައެވެ.

comment ކޮމެންޓް