ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އިމާރާތްކޮށްފައިވާ ޓަވަރުތަކެއް ކައިރީ ހުރި ކުނިތަކެއް ރޭ ދަންވަރު ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭގެ ދަންވަރު 02:21 ހާއިރު ކަމަށެވެ. އެގޮތުން ރޯވީ، ދޯދި ފުލެޓް 11 ކައިރީ ހުރި ކުނިތަކެއްގައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފެށި ކަމަށެވެ.

ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 08:18 ހާއިރު ކަމަށް އެ މުއައްސަަސާއިން ބުންޏެވެ.
އެ ހާދިސާގެ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ދަންވަރު ގަޑީގައި ކުނިތަކުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އަދި ބޮޑު ސަރަހައްދަކަށް ދުންގަނޑު ފެތުރިފައިވާ މަންޒަރު ފެނެއެވެ.

ހުޅުމާލޭ ދޯދި ފްލެޓް 11 ކައިރީ ހުރި ކުނިތަކެއްގައި ރޭ ދަންވަރު ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްއިން ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް ބުނެފައެވެ.
އެފްޑީސީ ޓަވަރުތައް ހަވާލުކުރަން ފެށީ މިިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ކަމަށްވާއިރު، އޭރުން ފަށައިގެން މީހުން އަންނަނީ އެ ފުލެޓުތަކަށް ބަދަލުވަމުންނެވެ.
އެފްޑީސީ ފުލެޓުތަކަށް މީހުން ބަދަލުވާއިރު، ޓަވަރުތައް ކައިރިއަށް ކުނި އެޅުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން ބައެއް ޓަވަރުތައް ކައިރީ ބޮޑެތި ކުނި ގިނަވެ، ކުނިފުނިތައް އުފެދޭތީ، ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ.
އެ މައްސަލައިގައި އެފްޑީސީން ވަނީ ކުނި ސާފު ކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ، ކުނި އަޅާ މީހުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އަދި ބައެއް މީހުން ޖޫރިމަނާކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފައިވެއެވެ.