ފަސް އަހަރުވީ، ތިމަރަފުށީ ޓެރަރިޒަމް މައްސަލައިގެ އަޑުއެހުންތައް ނިމި ހުކުމާ ހަމައަށް

ތިމަރަފުށިން މީގެ ފަސް އަހަރު ކުރިން ހައްޔަރު ކުރި މީހުން

މީގެ ފަސް އަހަރު ކުރިން، ތ. ތިމަރަފުށީގައި އިސްލާމް ދީނާ ދުރު، ހަރުކަށި ފިކުރު އާލާކޮށް، ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ އަޑުއެހުންތައް ނިމި، ހުކުމާ ހިސާބަށް ހިނގައްޖެއެވެ.

މިއީ، 2021 ވަނަ އަހަރުގެ ތެރޭގައި ތިމަރަފުށިން އަށް މީހުން ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާތަކެއް އެ މީހުންގެ މައްޗަށް ކުރި މައްސަލައެވެ.

މީގެ ފަސް އަހަރު ކުރިން، މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ އަށް މީހުންގެ ތެރެއިން ހަ މީހުންނަކީ ތިމަރަފުށީ މީހުންނެވެ.

އެއީ އަލީ މުނީޒު، މުހައްމަދު އާސިރު، އަބްދުﷲ ޝަރީފް، އަހުސަން މުހައްމަދު، އަބްދުﷲ އިމާދު، ޝަމާހު ޝަރީފްއެވެ. ދެން ބާކީ ތިބި ދެ މީހުންނަކީ، ނ. ކުޑަފަރީ އިބްރާހިމް ލޫތު އަދި ރ. ކަނދޮޅުދޫ, އަލީ އަރުހަމް މުހައްމަދެވެ.

މި ގްރޫޕުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އިސްލާމްދީން ކުރިއެރުވުމުގެ ނަމުގައި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، އެ ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި، އެކަމަށް ވާގިވެރިވެފައިވުމާއި، ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިރުޝާދުގެ ދަށުން ގޮވާއެއްޗެއް (އައިއައިޑީ) ތައްޔާރުކުރުމަށް ފަހު ގޮއްވާލަން އުޅުން ހިމެނެއެވެ.

މި ގްރޫޕުން ގޮއްވާލަން ނިންމީ ތިމަރަފުށީ ސްކޫލު ލެބޯޓަރީ ކަމަށް ތުހުމަތު ކުރެއެވެ.

ޕީޖީ އޮފީހުން މިއަދު މީޑިއާއަށް ބުނީ، މި މައްސަލައިގެ ޝަރީއަތްތަކުގެ ހުރިހާ އަޑުއެހުންތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ އަޑުއެހުންތަކުގައި، ދެ ފަރާތުން ވެސް ހުލާސާކޮށް ވާހަކަ ދައްކައި ފަހު ބަސް އިއްވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އަޑު އެހުންތައް ނިމުނީ ބުދަ ދުވަހުއެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުން ބަންދުގައި ތިބޭތާ މިހާރު ފަސް އަހަރު ވެއްޖެއެވެ.

comment ކޮމެންޓް