އިސްތިއުފާއެއް ނުދޭނަން، ގޮތް ނިންމަން ވޯޓު ނަންގަވާ: ޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ): އޭނާ ވިދާޅުވީ އިސްތިއުފާނުދެއްވާނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާގެ މައްޗަށް އިތުބާރުނެތްކަމުގެ ޕެޓިޝަނެއް 55 މެންބަރުންގެ ސޮޔާއެކު ހުށަހެޅުމުން، އޭނާ ވަނީ އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމުމަށް ޕާޓީގެ ޤައުމީ މަޖިލީހުގެ ވޯޓަކަށް ދިޔުމަށް އޭނާ ވަނީ އެދިވަޑައިގެންފައިވެއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ ތިއްބަވައި ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، ޣަފޫރު ނިންމުންތައް ނިންމަވަނީ އެހެން ބައެއްގެ ނުފޫޒުގެ ދަށުން ކަމަށާއި، ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ބައެއް އިސް މަޤާމުތަކުން ބޭފުޅުން ވަކިކޮށްފައިވާ ކަމަށެވެ.

  • އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމުން ޣަފޫރު ވަކިކުރަން 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހެޅުން
  • އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެކަމަށާއި ގޮތް ނިންމަން ޤައުމީ މަޖިލީހުގެ ވޯޓަކަށް ޣަފޫރު އެދިވަޑައިގަތުން
  • މި މައްސަލަ ފެށިފައިވަނީ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުން
  • ޣަފޫރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އަސާސީ ގަވާއިދާ ޚިލާފަށް ބޭފުޅުން މަޤާމުން ވަކިކުރުން ހިމެނޭ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކި ކުރަން, 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައިވާ މި ދަނޑިވަޅުގައި އިސްތިއުފާއެއް ނުދެއްވާނެ ކަމަށާއި، ގޮތް ނިންމުމަށް އެ ޕާޓިގެ ގައުމީ މަޖިލީހުގެ ވޯޓު ނެގުމަށް އޭނާ މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުން ޣަފޫރު ވަކިކުރަން ހުށަހެޅީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުންނެވެ.

ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޢަބްދުލްޣަފޫރުގެ މައްޗަށް އިތުބާރުނެތް ކަމަށް ޕެޓިޝަނެއް ހުށަހަޅައިފައިވަނީ، ހޯމަ ދުވަހުގެރޭ ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދެއްވައިފައި ނުވާތީ، އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ޖަލްސާ ބޯއިކޮޓްކުރައްވައިފައި ވަނިކޮށެވެ. އެ ޖަލްސާ ބޭއްވީ، ހޮނިހިރު ދުވަހު ބޭއްވި ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށެވެ.

https://sun.mv/220326

އެކަމުގެ ސަބަބުން އެމްޑީޕީގެ އެތެރެ ހޫނުވެފައިވާ މި ދަނޑިވަޅުގައި ޣަފޫރު ވަކިކުރަން މިއަދު ވަނީ 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ޣަފޫރު ވަނީ އޭނާ އެ މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގޮތް ނިންމެވުމަށް، ގައުމީ މަޖިލީހުގެ މެންބަރުންގެ ވޯޓު ނެގުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މިއަދު ހުށަހެޅި ޕެޓިޝަނުގައި ވަނީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި ޢަބްދުލްޣަފޫރު ނިންމުންތައް ނިންމަވަނީ އެހެން ފަރާތަކުން އަންގާ ގޮތަކަށް ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ކުއްލިގޮތަކަށް ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ވަކިކުރިކަމަށްވެސް ޕެޓިޝަންގައި ވެއެވެ.

https://sun.mv/220330

އެކަމުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދި، ރައްޔިތުންގެ މެދުގައި އެމްޑީޕީއަށް އޮންނަ އިތުބާރު ފަނޑުވާނެ ކަމަށްވެސް، ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި ޣަފޫރު ވަނީ، އެމްޑީޕީގައި އޮތް އެއްބައިވަންތަކަން ދެމެހެއްޓުމަށް ނުކުޅެދި، އަސާސީ ގަވައިދާ ޚިލާފުވެވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއާޕާސަން މަގާމުން ވަކި ކުރެވޭނީ ގައުމީ މަޖިލީހުން ހާޒިރުވެ، ވޯޓް ދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މަޖިލީހުގައި 123 މެންބަރުން ތިބޭއިރު ކޯރަމް އަކީ 31 އެވެ.

comment ކޮމެންޓް