އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ، އެމްޑީޕީގައި އޮތް އެއްބައިވަންތަކަން ދެމެހެއްޓުމަށް ނުކުޅެދި، އަސާސީ ގަވައިދާ ޚިލާފުވެވަޑައިގެންފައި ކަމަށް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ 55 މެންބަރަކު ވަނީ، ޢަބްދުލްޣަފޫރުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް، ޗެއާޕާސަންކަމުން ވަކިކުރުމަށްޓަކައި ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި، މިއަދު ޕެޓިޝަނެއް ހުށަހަޅައިފައެވެ.
'އެކްސް'ގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައިވަނީ، ނިމިދިޔަ ކައުންސިލުގެ އިންތިޚާބުގެ ނަތީޖާއަކީ ދިވެހި ރައްޔިތުން އިސްލާހަށް ބޭނުންވެފައިވާ މިންވަރުގެ ހެއްކެއް ކަމަށާއި، ދިވެހީން އެމްޑީޕީއަށް އިތުބާރުކުރާކަން ސާބިތުވެފައިވާ ކަމަށެވެ.
ޒަމާނާ އެއްގޮތަށް މިއަދުގެ ބޭނުންތައް ދެނެގަނެ، ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ޕާޓީ ތަރައްގީކުރަން ޖެހޭ ކަމަށާއި، އެ ކަން ކުރެވޭނީ ދެފުށްފެންނަ ގޮތަށް އެމްޑީޕީއަށް އާ ޗެއާޕާސަނަކު އިންތިޚާބުކުރެވޭނެ ނިޒާމެއް ކަށަވަރުކުރެވިގެން ކަމަށް، ފައްޔާޒް ލިޔުއްވައިފައިވެއެވެ.
"މި ބޮޑު ކާމިޔާބީއާ ހަމައަށް ވާސިލުވީއިރު އޮތް އެއްބައިވަންތަކަން ދެމެހެއްޓުމުގައި މިހާރުގެ ޗެއާޕާސަން ނުކުޅެދިފައިވާތީ، އަދި އިންތިޚާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރުމުގައި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވާން މަޖުބޫރުވެފައިވާތީ..." ޢަބްދުލްޣަފޫރު ވަކިކުރަން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރެއްވި ސަބަބު ހާމަކުރައްވައި އޭނާ ލިޔުއްވައިފައިވެއެވެ.
ފައްޔާޒް ލިޔުއްވިގޮތުގައި، ނިޒާމީ އިސްލާހަކާ ނުލައި، މާޒީ އިޔާދަވުމުގެ ފުރުސަތު އެބައޮތެވެ.
އެމްޑީޕީ އިސްލާހުކުރުމަކީ ދިގު މަސައްކަތެއް ކަން ފާހަގަކުރައްވައި ފައްޔާޒް ލިޔުއްވިގޮތުގައި، އެމްޑީޕީން ގަބޫލުކުރާ އަސާސްތައް އަލުން ކަނޑައަޅައި، އެ ޕާޓީގެ ބިންގާ އަލުން ބިނާކުރަންޖެހެއެވެ.
އެއާއެކު ފައްޔާޒް ވަނީ، ޕާޓީ އިސްލާހުކޮށް ހަމަ މަގުން ގެންދިއުމަށްޓަކައި، އެމްޑީޕީގެ މެންބަރުންނާއި ދިވެހީންގެ ޚިޔާލުތައް ހުށަހަޅައި، ބިނާކުރުވަނިވި ޚިޔާލުތައް ކުރިއަށް ނެރުމަށް ގޮވައިލައްވައިފައެވެ.
"ގައުމު އިސްލާހު ކުރަން ބޭނުންނަމަ، ފުރަތަމަ ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީ (އެމްޑީޕީ) އިސްލާހު ކުރަން،" އޭނާ ލިޔުއްވައިފައިވެއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ: އޭނާގެ އިތުބާރު ނެތް ކަމަށް ޕެޓިޝަނެއް ހުށަހެޅީ މިއަދު -- ފޮޓޯ/ އެމްޑީޕީ
ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޢަބްދުލްޣަފޫރު، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ، ފައްޔާޒް ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ޢަބްދުލްޢަފޫރުގެ މައްޗަށް އިތުބާރުނެތް ކަމަށް ޕެޓިޝަނެއް ހުށަހަޅައިފައިވަނީ، ހޯމަ ދުވަހުގެރޭ ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދެއްވައިފައި ނުވާތީ، އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ޖަލްސާ ބޯއިކޮޓްކުރައްވައިފައި ވަނިކޮށެވެ.
އެ ޕެޓިޝަނުގައިވަނީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި ޢަބްދުލްޣަފޫރު ނިންމުންތައް ނިންމަވަނީ އެހެން ފަރާތަކުން އަންގާ ގޮތަކަށް ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ކުއްލިގޮތަކަށް ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ވަކިކުރިކަމަށްވެސް ޕެޓިޝަންގައި ވެއެވެ.
އެކަމުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދި، ރައްޔިތުންގެ މެދުގައި އެމްޑީޕީއަށް އޮންނަ އިތުބާރު ފަނޑުވާނެ ކަމަށްވެސް، ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމުން ވަކި ކުރެވޭނީ ގައުމީ މަޖިލީހުން ހާޒިރުވެ، ވޯޓުދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މަޖިލީހުގައި 123 މެންބަރުން ތިބޭއިރު ކޯރަމަކީ 31 އެވެ.
ފާހަގަކުރެވޭ ގޮތުގައި، ޢަބްދުލްޣަފޫރު ވަކިވަކިން ސިޓީތައް ފޮނުއްވައި ވަނީ، ކުއްލިގޮތަކަށް ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު (އިބުރޭ) "ވަކި"ކޮށްފައެވެ.
އިބުރޭ ވަކިކުރުމާ ގުޅޭ ގޮތުން ރޭ އޭނާ 'ސަން'އަށް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ ދަށުން ޗެއާޕާސަނަށް އެގޮތަށް އޭނާ އެ މަގާމުން ވަތްކެއް ނުކުރެވޭނެ ކަމަށެވެ. އަދި އެކަން އޭނާ ގަބޫލު ވެސް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.