އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކި ކުރަން, 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުން ޢަބްދުލްޣަފޫރު ވަކިކުރަން ހުށަހެޅީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުންނެވެ.
ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޢަބްދުލްޣަފޫރުގެ މައްޗަށް އިތުބާރުނެތް ކަމަށް ޕެޓިޝަނެއް ހުށަހަޅައިފައިވަނީ، ހޯމަ ދުވަހުގެރޭ ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދެއްވައިފައި ނުވާތީ، އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ޖަލްސާ ބޯއިކޮޓްކުރައްވައިފައި ވަނިކޮށެވެ. އެ ޖަލްސާ ބޭއްވީ، ހޮނިހިރު ދުވަހު ބޭއްވި ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށެވެ.
އެ ޕެޓިޝަނުގައިވަނީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނަވައި ޢަބްދުލްޣަފޫރު ނިންމުންތައް ނިންމަވަނީ އެހެން ފަރާތަކުން އަންގާ ގޮތަކަށް ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ކުއްލިގޮތަކަށް ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ވަކިކުރިކަމަށްވެސް ޕެޓިޝަންގައި ވެއެވެ.
އެކަމުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދި، ރައްޔިތުންގެ މެދުގައި އެމްޑީޕީއަށް އޮންނަ އިތުބާރު ފަނޑުވާނެ ކަމަށްވެސް، ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމުން ވަކި ކުރެވޭނީ ގައުމީ މަޖިލީހުން ހާޒިރުވެ، ވޯޓް ދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މަޖިލީހުގައި 123 މެންބަރުން ތިބޭއިރު ކޯރަމް އަކީ 31 އެވެ.
އިބުރޭ ވަކިކުރުމާ ގުޅޭ ގޮތުން ރޭ އޭނާ 'ސަން'އަށް ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ ދަށުން ޗެއާޕާސަނަށް އެގޮތަށް އޭނާ އެ މަގާމުން ވަތްކެއް ނުކުރެވޭނެ ކަމަށެވެ. އަދި އެކަން އޭނާ ގަބޫލު ވެސް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތަކަށް އަސާސީ ގަވާއިދުގެ ދަށުން ވަތްކެއް ނުކުރެވޭނެ. އެގޮތަށް ވަކިކުރެވޭނެ ކަމަކަށް ގަބޫލެއް ވެސް ނުކުރަން،" އިބުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ ވަކިކުރީ، އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާގައި ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލައިގައި އެމްޑީޕީގެ އެތެރެ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ޖަލްސާއަށް ފަހު 'އެކްސް'ގައި ޢަބްދުލްޣަފޫރު ކުރެއްވި ޕޯސްޓެއްގައިވަނީ، ހޯމަ ދުވަހުގެރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ނަޝީދު އެދިވަޑައިގަތް ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަތަކެއް ފެތުރުނީ އެ ދެބޭފުޅުން ވާހަކަދެއްކުމުގެ އިންތިޒާމު ހަމަޖައްސަމުން ދަނިކޮށް ކަމަށް، އޭނާ ލިޔުއްވައިފައިވެއެވެ.
އެމްޑީޕީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުނު އިރު، މީގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭ ހަމަނުޖެހުން އުފެދި ޕާޓީ ބައިވިއެވެ.
އޭރު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް، އެ މެންބަރުން ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން، ކައުންސިލު އިންތިޚާބުގެ ކެމްޕެއިނަށް ރަށްތަކަށް ވަޑައިގެން އުޅުއްވިއެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، އެ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބުނީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީން ކުރި މަސައްކަތުންނެވެ.