ތާއީދު އޮތްކަން ދައްކަން, ޕީއެންސީން މިހާރު މަސައްކަތް ކުރަނީ ކައުންސިލަރުން "ގަންނަން": މެންބަރު ކުޑޫ

މެންބަރު މުހައްމަދު އިބްރާހިމް: -- ފޮޓޯ/ މަޖިލީސް

ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ކުރިން ސަރުކާރު ހިންގާ ޕާޓީއަށް ގުޅުމަށް މާލީ އަދި އެހެނިހެން ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ. މިއީ ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވުމުން، ނެތް ތާއީދެއް ދެއްކުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ. މި ތުހުމަތުތަކާ ގުޅިގެން ޕީއެންސީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

  • ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވަނީ ބޮޑެތި ސިޓީތަކާއި ރަށްތަކުގެ އަޣުލަބިއްޔަތު ހޯދާފައި
  • ކައުންސިލަރުން ހުވާކުރުމުގެ ކުރިން ޕާޓީ ބަދަލުކުރުމަށް ސަރުކާރުން ހުށަހެޅުންތައް ދޭކަމަށް އެމްޑީޕީން ތުހުމަތުކުރޭ
  • ޤާނޫނު އޮންނަ ގޮތުން ހުވާކުރުމުގެ ކުރިން ޕާޓީ ބަދަލުކުރިޔަސް ކައުންސިލަރުންގެ ގޮނޑިއެއް ނުގެއްލޭނެ
  • މި ތުހުމަތުތަކާ ގުޅޭގޮތުން ޕީއެންސީގެ އިސް ފަރާތްތަކުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ މިހާރުގެ ސަރުކާރަށް ނޫނެކޭ ބުނުމުން ސަރުކާރާއި ޕީއެންސީ މިހާރު މަސައްކަތް ކުރަނީ ހުވާ ކުރުމުގެ ކުރިން ބައެއް ކައުންސިލަރުން "ގަންނަން" ކަމަށް, އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިއަދު ވިދާޅުވެއްޖެއެވެ.

ގާނޫނު ބުނާގޮތުން ޕާޓީއެއްގެ ޓިކެޓްގައި ވެސް އަދި އަމިއްލަ ގޮތުން ވެސް ކައުންސިލްތަކަށް ހޮވޭ މެންބަރުން ހުވާ ކުރުމުގެ ކުރިން ޕާޓީ ބަދަލު ކުރެވޭނެއެވެ. ނުވަތަ ޕާޓީތަކާ ގުޅެވޭނެއެވެ. އެ ކައުންސިލަރުންގެ ގޮނޑި ގެއްލޭނީ ހުވާ ކުރުމަށް ފަހު ޕާޓީއަކާ ގުޅެއްޖެނަމައެވެ.

ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް ވެސް ހުންނެވި ކުޑޫ މިއަދު "ސަން" އަށް ވިދާޅުވީ ބައެއް ކައުންސިލަރުން ގަތުމަށް އެކިއެކި އޮފާތައް ސަރުކާރުން ކުރަމުން ދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނޫނެކޭ ބުނުމުން ސަރުކާރުން އަނެއްކާ ވެސް މި މަސައްކަތް ކުރަނީ ގޯހުގެ މައްޗަށް ގޯސް ހަދަން ކަމަށް ކުޑޫ ވިދާޅުވިއެވެ.

"ކައުންސިލަރުންނަކީ ވަރަށް ހެޔޮ އަގުގައި ގަނެވޭނެ ބައެއް ކަމަށް ބުނެ އެކަން ކުރަން އެބަ މަސައްކަތް ކުރޭ. ނެތް ތާއީދު ދައްކަން ސަރުކާރުން މި ކުރާ ޑިމޮކްރަސީއާ ބީރައްޓެހި އަމަލުގެ ސަބަބުން އަނެއްކާ ވެސް ވެއްޓޭނީ އަގު," ކުޑޫ ވިދާޅުވިއެވެ.

ޕީއެންސީ ކެމްޕެއިން ނިންމުމުގެ ހަރަކާތުގެ ތެރެއިން ރައީސް މުއިއްޒާއި ޕާޓީގެ އިސް ބޭފުޅުން-- ފޮޓޯ: ޕީއެންސީ

ކުޑޫ ވަނީ މިފަދަ ޑިމޮކްރަސީއާ ބީރައްޓެހި އަމަލުތައް ސަރުކާރުން ތަކުރާރު ނުކުރަން ގޮވާލައްވައިފައެވެ.

މި ބޮޑު ތުހުމަތާއެކު ސަރުކާރު ހިންގާ ޕީއެންސީގެ ބަހެއް ހޯދާލުމަށް އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރު, އަދި ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހަށް ގުޅައި މެސެޖު ކުރުމުން އަދި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އިންތިޚާބުގެ ކުރިން ކުރި ކެމްޕެއިންގައި ރައީސް ޑރ. މުޙައްމަދު މުއްޒާއި ފަލާހް ވެސް ވަނީ އެ ޕާޓީއިން ތާއީދު ކުރާ އަމިއްލަ ކެންޑިޑޭޓަކު ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ. އެ ޕާޓީގެ ކެންޑިޑޭޓުން ވާދަ ކޮށްފައިވާނީ ޕާޓީގެ ނަމުގައި ކަމަށް އެ ބޭފުޅުން އޭރު ވިދާޅުވިއެވެ.

މިހާރު މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ހުންނެވި, މުޙައްމަދު އަރީޝް އަކީ ވެސް, މޭޔަރުކަމުގެ މަގާމު ފުރަތަމަ އާދަމް އާޒިމް ހޯއްދެވިއިރު އެކުގައި އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާ ވެސް އެ ފަހަރު ވަނީ ހުވާ ކުރަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއި ކުރައްވައިފައެވެ. މި ފަހަރުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި އޭނާ ވާދަކުރެއްވިއިރު ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރެފަރަންޑަމް ވޯޓާއި ކައުންސިލްތަކުގެ އިންތިޚާބުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ މެންބަރުންގެ އިންތިޚާބަށް ޖުމުލަކޮށް ބަލާއިރު ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ރާއްޖޭގެ ފަސް ސިޓީއާއި އާބާދީ ބޮޑެތި ރަށްތަކުގެ ސާފު އަގުލަބިއްޔަތު ނެގީ އިދިކޮޅު އެމްޑީޕީންނެވެ.

ސަރުކާރުގެ ދައުރުގެ މެދުތެރެއިން މިހާ ބޮޑު އަގުލަބިއްޔަތަކުން ސަރުކާރަށް ނޫނެކޭ ބުނުން މިއީ ސަރުކާރުގެ ސިޔާސަތުތައް ގިނަ މީހުން ބަލައި ނުގަންނަ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް