ރައްޔިތުން އެދެނީ އެމްޑީޕީން އެކުގައި މަސައްކަތްކޮށް މި ސަރުކާރު ބަދަލުކުރަން، ފަހަތަށް ޖެހެވޭކަށް ނެތް: ޝާހިދު

"ހޭވައްލާ ތައްޔާރު" އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މިހާރުގެ ސަރުކާރު ބަދަލުކުރުމަށް ގޮވާލައްވާފައެވެ. އަދި ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތައް ދޫކޮށްލައި ގައުމަށް ހެޔޮގޮތް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރުގެ މެންބަރުންނަށްވެސް ރައްޔިތުންނާ ގުޅިވަޑައިގަތުމަށް ޝާހިދު ގޮވާލެއްވިއެވެ.

  • އެމްޑީޕީން ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރުން.
  • މިހާރުގެ ސަރުކާރު ބަދަލުކުރުމަށް އެމްޑީޕީގެ މެންބަރުން ގުޅިގެން މަސައްކަތްކުރުމަށް އަބްދުﷲ ޝާހިދު ގޮވާލެއްވުން.
  • ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކޮށް އެކަތިގަނޑަކަށް ވުމަށް ބާރުއެޅުން.
  • ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ރައްޔިތުންނާ ގުޅުމަށް އިލްތިމާސްކުރުން.
  • ދެ އިންތިޚާބު އެއްކުރުމާ ދެކޮޅަށް ވޯޓުދިން ފަރާތްތަކަށް ޝުކުރުއަދާކުރުން.

ރާއްޖޭގެ ރައްޔިތުން އެދެނީ އެމްޑީޕީގެ ރަން ރީނދޫ ލަޝްކަރު އެކުގައި ނުކުމެ، މަސައްކަތް ކޮށްގެން އަދުގެ ސަރުކާރު ބަދަލުކުރަން ކަމަށާއި އެކަމުގައި ފަހަތަށް ޖެހެވޭން ނެތްކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރައްތުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓުން އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު ހޯދިފައިވާ ކާމިޔާބީއަކީ އެ ޕާޓީގެ މެންބަރުންނާއި ރައްޔިތުންގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.

ޝާހިދު ވަނީ އެމްޑީޕީގެ މަސައްކަތަކަށް ވާންޖެހޭނީ މިއަދު ވެރިކަމުގައި އޮތް ޕީއެންސީގެ ސަރުކާރު ބަލިކޮށްލައި، ރާއްޖެ ހަމަމަގަށް އެޅުވުން ކަމަށެވެ.

ޝާހިދު ވަނީ އެމްޑީޕީގެ އެތެރޭގައި އޮތް ޚިޔާލުތަފާތުވުން އެއްކިބާކޮށް އެ ޕާޓީއިން މިހާރު މަސައްކަތްކުރަންވީ، މި ސަރުކާރު ބަދަލުކޮށް، ރާއްޖެއަށް ހެޔޮ ގޮތް ހޯދުމަށް ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި އެންމެން ގުޅިގެން ކުރިއަށް ދިޔުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ އުންމީދު ތިލަފަތަށް މާ ބޮޑު. ތިލަފަތް ރަމްޒުކޮށްދެނީ، ކުރިއަށް ދިއުމާއި ތަރައްގީ. އެ އުންމީދުގައި އަޅުގަނޑުމެންނާއެކު ތިބި ހުރިހާ ރައްޔިތުންނާއެކު ކުރިއަށްދަމާތޯ! އަޅުގަނޑުމެންނަށް ފަހަތަށް ޖެހެވޭކަށް ނެތް! އަޅުގަނޑުމެން ކުރިއަށް ދާން ރައްޔިތުން އެދެނީ. އަޅުގަނޑުމެން އެކުގައި ގޮސް މި ސަރުކާރު ބަލިކޮށްލަން [ހިނގާ]!އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިބި ސަރުކާރުގެ މެންބަރުންނަށް ވެސް އެ މެންބަރުންގެ ކަސްތޮޅު ނައްޓާލައި ރައްޔިތުންނާއެކު ނުކުމެވަޑައިގަތުމަށް ގޮވާލައްވާފައެވެ.

"ހޭވައްލާ ތައްޔާރު" އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން: އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ --- ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އަޅުގަނޑު ގޮވާލަން ތިޔަ ބޭފުޅުންގެ އަނގަފުޅުގައި އަޅުއްވާފައިވާ ކަސްތޮޅުތައް ނައްޓާލައްވާފައި ރައްޔިތުންނާއެކު ނުކުމެވަޑައިގަންނާށޭ. 70 ޕަސެންޓާއެކު ނުކުމެވަޑައިގަންނަވާށޭ. ގުޅިވަޑައިގަންނަވާށޭ. އަޅުގަނޑުމެންގެ ގާނޫނުއަސާސީގެ ހިމާޔަތުގައި ތިބޭފުޅުން ނުކުމެވަޑައިގަންނަވާށޭ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވަނީ އެ ޕާޓީގެ ފަރާތުން ކައުންސިލަށާއި އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވި އެންމެހައި ބޭފުޅުންނަށް ޝުކުރުއަދާކޮށްފައެވެ. އަދި ރާއްޖޭގެ އިސްލާހީ މަސައްކަތަށް، ދެ އިންތިޚާބު އެއްކުރުމަށް ނޫނެކޭ ބުނެ ވޯޓުދެއްވި އެންމެ ބޭފުޅުންނަށް ޝާހިދު ވަނީ ފަށްފަށުން ޝުކުރު އަދާ ކުރައްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މާލެއާއި އައްޑުއާއި ފުވައްމުލަކާއި ކުޅުދުއްފުށްޓާއި ތިނަދޫގެ އިންތިޚާބުން ވެސް ކުރީގައި އުޅުއްވަނީ މިހާރު ވެސް މޭޔަރު ކަމުގައި ތިއްބެވި، އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ގޮނޑިވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މީގެ އިތުރުން މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް، މި ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން އުޅުނު އިސްލާހާ ދެކޮޅަށް ގިނަ ބަޔަކު ވޯޓު ދީފައިވާ ކަމަށް ވަގުތީ ނަތީޖާއިން ވަނީ ދައްކައިފައެވެ.

comment ކޮމެންޓް