ދެ ވޯޓު ފޮއްޓެއްގެ ނަތީޖާ އަލުން ގުނަން ހުށަހަޅައިފިން: އެމްޑީޕީ

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރެއިން: ދެ ވޯޓު ފޮއްޓެއްގެ ނަތީޖާ އަލުން ގުނަން އެމްޑީޕީން ހުށަހަޅައިފި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް މައްސަލަ އުޅޭ ދެ ފޮއްޓެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީން އިއްޔެ ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި އާންމު ވޯޓާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަޙީދު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއާ މެދު އެމްޑީޕީން ހިތްހަމަ ޖެހޭ ކަމަށާއި ނަމަވެސް ބައެއް ފޮށިތަކުގައި މައްސަލަތައް ހުރިކަން އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަތަކާ ގުޅިގެން އަޅުގަނޑުމެންގެ ގާނޫނީ ޓީމުން އެ ދަނީ އިލެކްޝަނާވެސް މަޝްވަރާކުރަމުން. އެގޮތުން އަޅުގަނޑުމެންނަށް ހުޅުމާލޭގެ މެދު ދާއިރާގެ ފޮށިތައް އަލުން ގުނުމަށްޓަކައި ހުށަހަޅައިގެން އެ މަސައްކަތް [ދަނީ] ކުރަމުން. އަދި ނ. މަނަދޫގަ ބެހެއްޓިފައިވާ ދެ ނަމްބަރު ވޯޓު ފޮށީގެ މައްސަލަ ވެސް އަޅުގަނޑުމެންގެ ގާނޫނީ ޓީމުން މިދަނީ ބަލަމުން،އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަޙީދު

މިހާރު އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، ހުޅުމާލޭ މެދު ދާއިރާގެ ކައުންސިލް މެންބަރުގެ ގޮނޑީގައި ކުރީގައި އުޅެނީ ޖުމްލަ 917 ވޯޓާއެކު ވެރިކަންކުރާ ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ޝަނީޙް ހަނީފެވެ. އަދި 904 ވޯޓާއެކު ދެވަނައިގައި އުޅެނީ އެމްޑީޕީގެ ކެނޑިޑޭޓް ސަފާތް އަޙްމަދު ޒާހިރެވެ. އަދި ތިންވަނައިގައި އުޅެނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެނޑިޑޭޓް އާދަމް އާސިފެވެ.

ވަޙީދު ވިދާޅުވީ ވޯޓު ފޮށީގެ މައްސަލައިގައި އިތުރު މަރުހަލާއަކަށް ދާންޖެހިއްޖެ ކަމުގައިވާނަމަ އެ މަރުހަލާއެއް ވެސް ޕާޓީގެ ފަރާތުން ކުރިއަށްގެންދާނެ ކަމަށެވެ.

ވަޙީދު ވަނީ މި އިންތިޚާބު ނިމުނުއިރު ފެނުނީ ރާއްޖޭގެ ތާރީޚުގައި ވެސް، އެންމެ ރޭވުންތެރިކަން ދަށްކޮށް، ރައްޔިތުންނަށް އޮޅުންބޮޅުންއަރާ ގޮތަށް ރާވާފައިވާ، އިންތިޒާމުތައް ދަށް އިންތިޚާބެއް ކަމަށެވެ.

މި އިންތިޚާބުގައި އީސީގެ އިންތިޒާމުތައް ބައްޓަންކޮށްފައި ހުރީ ސީދާ އިންސާފުވެރި އިންތިޚާބަކަށް ނުވާނެފަދަ ގޮތަކަށް ކަމަށް ވަޙީދު ވަނީ ތުހުމަތުކުރައްވައިފައެވެ. އަދި ވަކިން ޚާއްސަކޮށް އީސީގެ ރައީސް މުހައްމަދު ޒާހިދު، ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކުރެއްވި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

24 ގަޑިއިރަށް ވޯޓުލުމަށް ހަމަވެފައި ވަނިކޮށް އިލެކްޝަން ކޮމިޝަނުގެ ރައީސް ވަނީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް އަމަލުކޮށްފައި. ވޯޓުލާން ތިބި މީހުންނަށް ވޯޓު ނުލުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކާފައި. އަޅުގަނޑުމެންނަށް ވަރަށް ސާފު، ސަރުކާރުގެ ސީދާ ނުފޫޒާއި ބާރުން އިލެކްޝަން ކޮމިޝަނުގެ ރައީސްގެ އަމަލުތައް އެގޮތަށް ގެންދަވަނީ،އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަޙީދު

ވަޙީދު ވިދާޅުވީ، ވެރިކަމުގައި އޮތް ޕީއެންސީގެ ސަރުކާރަށް މި އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި އީސީގެ ރައީސަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށެވެ. އޭނާ ވަނީ، ޒާހިދުގެ އިސްތިއުފާއަށް ވެސް ގޮވާލައްވައިފައެވެ. ވަޙީދު ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓުގެ ކެމްޕެއިނުގައި ވެސް ޓީމްތަކުން ކޮށްދިން މަސައްކަތައް ޝުކުރުއަދާކޮށްފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މާލެއާއި އައްޑުއާއި ފުވައްމުލަކާއި ކުޅުދުއްފުށްޓާއި ތިނަދޫގެ އިންތިޚާބުން ވެސް ކުރީގައި އުޅުއްވަނީ މިހާރު ވެސް މޭޔަރު ކަމުގައި ތިއްބެވި، އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

https://sun.mv/220142

އަދި ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ގޮނޑިވެސް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މީގެއިތުރުން މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް، މި ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން އުޅުނު އިސްލާހާ ދެކޮޅަށް ގިނަ ބަޔަކު ވޯޓު ދީފައިވާ ކަމަށް ވަގުތީ ނަތީޖާއިން ވަނީ ދައްކާފައެވެ.

comment ކޮމެންޓް