އެމްޑީޕީ މިހާރު އޮތީ މަރުވެފައި؛ ޕާޓީ ވަރުގަދަކުރެވޭނީ ނަޝީދާ ހަވާލުކޮށްގެން: ޝިފާޒް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު --- ސަން ފޮޓޯ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މިހާރު އޮތީ މަރުވެފައި ކަމަށާއި، ޕާޓީ އަލުން ދިރުވައި ހިންގުން ވަރުގަދަކުރެވޭނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ހަވާލުކޮށްގެން ކަމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ. ޝިފާޒު ފާހަގަކުރެއްވި ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި އެމްޑީޕީ ހަރަކާތްތެރިވުން ވަރަށް މުހިންމެވެ. ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނު ހޮވިވަޑައިގެންފިނަމަ ޕާޓީގެ ހަރަކާތްތެރިކަން އިތުރުވެ، އެންމެންގެ ބައިވެރިވުން ލިބޭނެކަމަށް ޝިފާޒު ޔަގީންކުރައްވައެވެ. މީގެ އިތުރުން، ޗެއާޕާސަން އިންތިޚާބާ ގުޅޭގޮތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވާކަންވެސް މި ޚަބަރުގައި ފާހަގަކޮށްފައިވެއެވެ.

  • އެމްޑީޕީގެ ލީޑާޝިޕް އޮތީ ފެއިލްވެފައި ކަމަށް ޝިފާޒް ވިދާޅުވުން
  • ޕާޓީގެ ހިންގުން ރައީސް ނަޝީދާ ހަވާލުކުރުމަށް ގޮވާލެއްވުން
  • ސަރުކާރު ޖަވާބުދާރީކުރުމަށް އެމްޑީޕީ ހަރަކާތްތެރިވުން މުހިންމުކަން ފާހަގަކުރުން
  • ޗެއާޕާސަން އިންތިޚާބުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިފައިވާކަން ހާމަކުރުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ މިހާރު އޮތީ މަރުވެފައި ކަމަށާއި ޕާޓީ ވަރުގަދަކުރެވޭނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ހަވާލުކޮށްގެން ކަމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު މިރޭ ވިދާޅުވެއްޖެއެވެ.

'އެސްއެސް ޓީވީ'ގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ސަރުކާރުން ބޭނުންވި ބަދަލަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށާއި، ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް ސަރުކާރަށް ގޮވާލެވޭނީ އިދިކޮޅު ސިޔާސީ ޕާޓީއަށް ނަމަވެސް އެ ޕާޓީ މަރުވެފައި އޮވެގެން އެކަމެއް ވެސް ނުވާނެ ކަމަށެވެ.

ޝިފާޒް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވީއިރު އެމްޑީޕީގެ ލީޑާޝިޕް އޮތީ 'މަރުވެފައި' ކަމަށެވެ. އަދި ޕާޓީގެ ލީޑާޝިޕް އޮތީ ފެއިލްވެފައި ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުންފާޅު ކުރެއްވިއެވެ.

ސަރުކާރުން ބޭނުންވާ ބަދަލަކަށް ރައްޔިތުން ނޫނެކޭ ބުނީމާ ރައްޔިތުން ބޭނުންވާ ބަދަލެއް އެބަ އޮންނަންޖެހޭ. އެބަދަލު ބުނެދެވޭން އޮތީ އެންމެ ބޮޑު ސިޔާސީ ޕާޓީއިން. އެޕާޓީ މަރުވެފަ އޮތް ވަގުތަކު އެ ޕާޓީ ދިރުވަން މިއުޅެނީ. އެޕާޓީ އެކްޓިވް ވާން ބޭނުންވެގެން މި އުޅެނީ،އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް

ޝިފާޒް ވިދާޅުވީ މި ގައުމަށް ފައިދާއެއް ވާނީ އެމްޑީޕީއިން ކުރާ ކަމަކުން ކަމަށެވެ. އެ ޕާޓީއަށް އަންނަ މޫސުންތައް ގައުމަށް އަންނަކަމަށް ވިދާޅުވެ ޝިފާޒް ވިދާޅުވީ އެމްޑިޕީ މަރުވުމުން ގައުމު ވެސް މަރުވާ ކަމަށާއި ޕާޓީ ވަނދުވުމުން ގައުމު ވެސް ވަނދުވާ ކަމަށެވެ. އަދި ޕާޓީ ހަރުދަނާވުމުން ގައުމުވެސް ހަރުދަނާވާކަން ފާހަގަކުރައްވައި ޝިފާޒް ވިދާޅުވީ މިހާރު މަސައްކަތްކުރަނީ ޕާޓީ ހަރުދަނާކުރަން ކަމަށެވެ.

ޝިފާޒް ވިދާޅުވީ ޕާޓީއެއް ވަރުގަދަވަނީ އެ ޕާޓީއެއްގެ ހިންގުން ވަރުގަދަވުމުން ކަމަށެވެ.

މި އިންތިޚާބަށް ފަހު [ޗެއާޕާސަން އިންތިޚާބު] ހަމަ ޔަގީން ރައީސް ނަޝީދު މި ޕާޓީގެ ހިންގުމާ ހަވާލުވެއްޖެނަމަ މި ޕާޓީ މަޑަކުން ނޯންނާނެ. ހަމަ ބަނޑުދަމާލާފަ އޮތުމުގެ ޖާގައެއް ނުވެސް ދެއްވާނެ. އެހާ ހަރަކާތްތެރިވާނެ. އެ ހަރަކާތްތެރިކުރުވާއިރު ބާކީވާނެ ހަމަ އެކަކުވެސް ނުހުންނާނެ. އެންމެންގެ އެންގޭޖްމެންޓް ހޯއްދަވައިގެން އެ މަސައްކަތް ކުރައްވާނެ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއަށްފަހު ވަރަށް ބޮޑަށް ބޮޑުވިއެވެ. އިންތިޚާބުގެ ޕްރައިމަރީގައި ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަކުރައްވައި ނަޝީދަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނެވެ.

އެހިސާބުން ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އެ ޕާޓީއީން ވަކިވެ 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި އައު ޕާޓީއެއް އުފައްދަވައި އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއެވެ. ނަމަވެސް ޕީއެންސީގެ ސަރުކާރުން ވެރިކަމަށް އައިފަހުން ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އަލުން އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

އަދި މިހާރު ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ނަޝީދު ވާދަކުރައްވާއިރު ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން އިބްރާހީމް މުޙައްމަދު (ވާޑު)ވެސް ގެންދަވަނީ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަމުންނެވެ.

ޗެއާޕާސަން އިންތިޚާބު ބާއްވަން އެމްޑީޕީން އިއުލާނުކުރީ ޖޫން 12 ގައެވެ. ނަމަވެސް، އެ އިންތިޚާބު އިއުލާނުކުރީ އެމްޑީޕީގެ އަސާސީ ގަވައިދާ ޚިލާފަށް ކަމަށްބުނެ، އިއުލާނާއި ޓައިމްލައިން ބާތިލުކުރުމަށް އެދި، ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

comment ކޮމެންޓް