މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބުރޫ އަރައިފައިވާއިރު، ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މިހާތަނަށް ގޮތް ނިންމައިފައިނުވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވެސް ދަނީ ވަރުގަދަ ހަމަލާތައް ދެމުންނެވެ. އެ ގައުމުން، ގިނަ އަދަދަކަށް ތެޔޮ އުފުލާ ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ފާއިތުވި ދުވަސްތަކުގައި ތެލުގެ އަގުތައް ވަނީ ރެކޯޑު އަގުތަކަށް އުފުލިފައެވެ.
ރާއްޖެއަށް ތެޔޮ ފޯރުކޮށްދޭން އިންޑިއާގެ އެހީތެރިކަމަށް އެދުނު ކަމަށް، އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ މިދިޔަ މަހުގެ 12ގައި ވިދާޅުވެފައެވެ. އޭރު އޭނާ ވިދާޅުވެފައިވަނީ އެކަމަށް ގޮތެއް ނިންމުމުގެ ކުރިން، އިންޑިއާގައި ތެޔޮ ހުރި މިންވަރާއި އެ ގައުމުގެ ބޭނުންތަކަށް ރިއާޔަތްކުރާނެ ކަމަށެވެ.
ރާއްޖޭގެ ހުށަހެޅުމާ ގޮތުން އިއްޔެ ވެސް ޖައިސްވާލް ވަނީ ވާހަކަދައްކަވައިފައެވެ. އޭނާއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖޭން ވަނީ ދިގު މުއްދަތަށާއި ކުރު މުއްދަތަށް ވެސް ތެލުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އިންޑިއާގައި އެދިފައެވެ.
ޖައިސްވަލް ވިދާޅުވީ ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ގޮތް ނިންމުމުގެ މަސައްކަތް އެ ގައުމުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ގޮތް ނިންމުމުގައި އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވިދާޅެއްނުވެއެވެ.
ރާއްޖޭން އާންމުކޮށް ގިނައިން ތެޔޮ އެތެރެކުރަނީ އޮމާންއިންނެވެ. ނަމަވެސް، މި ހަނގުރާމަ ފެށުނު ފަހުން ސަރުކާރުން ވަނީ، އޮމާނުގެ އިތުރުން އެހެން ގައުމަކުން ތެޔޮ ގަނެގެން ރާއްޖެ އެތެރެ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައިވާއިރު، އީރާން ހަނގުރާމަ ފެށުނުފަހުން ތެލުގެ އަގު އެންމެ މަތިވި 10 ގައުމުގެ ތެރޭގައި ވެސް ރާއްޖެ ހިމެނިފައިވެއެވެ.