ރާއްޖެއަށް ތެޔޮ ހޯދަން ސަރުކާރުން އިންޑިއާގެ އެހީއަށް އެދެފި

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކޮށް ސްޓޭމްޕް ބަދަލުކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސަލާމްކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ. ތެލުގެ އަގު އުފުލިފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ހަކަތައިގެ ކަށަވަރުކަން ހޯދުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެހީތެރިކަމަށް އެދިފައެވެ. މިކަމާ ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ދިވެހިރާއްޖެއާއި އިތުރު ގައުމުތަކުން ހުށަހެޅި މި ރިކުއެސްޓުތައް އެ ގައުމުން މިހާރު ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި އިންޑިއާގެ އަމިއްލަ ތެލުގެ ރިފައިނިން ގާބިލުކަމާއި ބޭނުންތަކަށް ބެލުމަށްފަހު މިކަމުގައި ގޮތެއް ނިންމާނެ ކަމަށް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

  • މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވޭ.
  • ތެޔޮ ސަޕްލައިކުރުމަށް ރާއްޖެއިން އިންޑިއާގެ އެހީތެރިކަމަށް އެދިފައިވޭ.
  • އިންޑިއާއިން ދަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އަދި ސްރީލަންކާގެ އެދުންތައް ވެސް ދިރާސާ ކުރަމުން.
  • ތެލުގެ އަގު އުފުލުމަކީ ދަތުރުފަތުރާއި ކާބޯތަކެތީގެ އަގުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރޭ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އިންޑިއާގެ އެހީއަށް އެދެފިއެވެ.

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ދިރާސާކުރާ "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު ވަނީ ބޮޑުވެފައެވެ.

މިގޮތުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ.

ކަން އެހެން އޮއްވައި، ރާއްޖެއަށް ތެޔޮ ސަޕްލައިކުރަން އިންޑިއާގެ އެހީތެރިކަމަށް އެދުނު ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާ ފަދަ ގައުމުތަކުން ވެސް މިފަދަ ރިކުއެސްޓްތައް އިންޑިއާއަށް ވަނީ ފޮނުވައިފައެވެ. އަދި މިހާރު އެ ރިކުއެސްޓުތައް ބަލައި ދިރާސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޮތެއް ނިންމުމުގެ ކުރިން އަޅުގަނޑުމެންގެ ރިފައިނިން ކެޕޭސިޓީއާއި އެތެރޭގެ ބޭނުންތަކާއި ޑީސަލް ލިބެންހުރި މިންވަރަށް ރިއާޔަތް ކުރާނެ،" އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވިއެވެ.

https://sun.mv/219079

މި ހަނގުރާމައިގެ ސަބަބުން އޭޝިއާގެ ގައުމުތަކަށް ވަނީ ބޮޑު ދައްޗެއް ކުރިމަތިވެފައެވެ. އެއީ އޭޝިއާގެ ގައުމުތަކަށް ތެލާއި ގޭސް އެތެރެކުރުމުގައި ބޮޑަށް ބަރޯސާވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ހަނގުރާމައިގެ ސަބަބުން ބަންދުވެފައި އޮތުމުންނެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ތެލުގެ އަގާއި ކާބޯތަކެތީގެ އަގު އޮންނަނީ ގުޅިފައެވެ. ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމުން ކާބޯތަކެތީގެ ސަޕްލައި ޗެއިންއަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. ތެލުގެ އަގަށް އަންނަ މިފަދަ ކޮންމެ ބޮޑު ލޮޅުމަކަށްފަހު ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް އަންނަކަން ތާރީހުން އެނގެން އޮތް ކަމަށް ވެސް މާހިރުން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން އިންޑިއާގެ އެހީއަށް އެދުނުއިރު ހަނގުރާމައާއި ގުޅިގެން ރާއްޖެއިން ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ މިފަހުން ވިދާޅުވެސް ވެފައެވެ.

https://sun.mv/218639

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ތެލުގެ ކަންކަން މެނޭޖުކުރަނީ އެފަދަކަމެއް ދިމާވެދާނެ ކަމަށް ދުރާލައި ވިސްނައިގެން ކަމަށެވެ. އެހެންވެ މާކެޓަށް އަންނަ ބަދަލާއި މުދާލިބޭނީ ކޮން ދިމާލަކުންތޯ ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން އަންނަކަމަށް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް