އިގްތިޞާދީ ގޮތުން ގޮންޖެހުން ބޮޑު އަހަރަކަށް ފަހު ވެސް، އޭޝިއާ ސަރަޙައްދުގައި ބޮޑު ބާރެއްގެ ގޮތުގައި އިންޑިއާ އޮތް މަގާމު އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އޮސްޓްރޭލިއާގެ މިނިވަން ތިންކް ޓޭންކެއް ކަމަށްވާ "ދަ ލޯވީ އިންސްޓިޓިއުޓް" އިން މި ހަފުތާގައި ޢާންމުކުރި "އޭޝިއާ ޕަވަ އިންޑެކްސް 2026" ރިޕޯޓުން ދައްކައިފިއެވެ.
ސިޑްނީގައި ގާއިމުވެފައިވާ މި އިދާރާގެ އިންޑެކްސްގައި އިންޑިއާއަށް ޖުމްލަ 40.5 ޕޮއިންޓް ލިބިފައިވާއިރު، 2018 ވަނަ އަހަރު މި އިންޑެކްސް އެކުލަވައިލަން ފެށި ފަހުން، ސަރަޙައްދުގެ އެންމެ ކުރީގައި އުޅޭ ބާރުތަކާއި އިންޑިއާއާ ދެމެދު އޮތް ފަރަގު މިހާ ބޮޑަށް ކުޑަވި މިއީ ފުރަތަމަ ފަހަރެވެ.
މި ރިޕޯޓް ދައްކާ ގޮތުން، ފައިސާގެ އަގަށް އައި ބަދަލުތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ގައުމުތަކުގެ އިގްތިޞާދު ވަޒަންކުރާ މިންގަނޑަށް ގެނައި ބަދަލުތަކުގެ ސަބަބުންނާއި، ބޭރުގެ އިންވެސްޓްމަންޓްތަކުން ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރު ދަށްވުމާ ގުޅިގެން، އިންޑިއާގެ އިގްތިޞާދީ ގާބިލުކަމުގެ ސްކޯ ވަނީ 26.4 އަށް ކުޑަކޮށް ދަށްވެފައެވެ. އެހެންނަމަވެސް، އިގްތިޞާދީ ގާބިލުކަމުގެ ގޮތުން އިންޑިއާ އަދިވެސް އޮތީ ތިންވަނައިގައެވެ. އަދި މުސްތަގުބަލުގެ ވަސީލަތްތަކާ ގުޅޭ "ފިއުޗަރ ރިސޯސަސް" ބައިން 56.2 ޕޮއިންޓް ހޯދައި، ކުރިމަގުގައި އިންޑިއާގެ އިގްތިޞާދު ވަރުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޚާރިޖީ ގުޅުންތަކާއި ނުފޫޒުގެ ދާއިރާއިން އިންޑިއާއިން ވަނީ 70.3 ޕޮއިންޓް ދަމަހައްޓައި، ވަރުގަދަ ކާމިޔާބީއެއް ހޯދާފައެވެ. މިގޮތުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ލީޑަރޝިޕް ފާހަގަކޮށް، މުޅި ސަރަޙައްދުގައި ވެސް ދެވަނައަށް އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު ލީޑަރުގެ ގޮތުގައި މާހިރުން ވަނީ އެމަނިކުފާނު ރޭންކްކޮށްފައެވެ.
މީގެއިތުރުން، ދިފާޢީ ގުޅުންތަކުގެ ސްކޯ 18.6 އަށް އަރައި ނުވަވަނައަށް ޖެހިލާފައިވަނީ، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ބްރަހްމޯސް މިސައިލް ވިއްކުމާއި ސަރަޙައްދީ ދިފާޢީ އެއްބާރުލުން އިތުރުވުމުގެ ސަބަބުންނެވެ. އަދި ސަގާފީ ގޮތުން އޮތް ނުފޫޒުގެ ސްކޯ ވެސް ވަނީ 43.8 އަށް އުފުލިފައެވެ. މިއާއެކު، އިންޑިއާގެ ގާބިލުކަމާއި ޙަގީގީ ނުފޫޒާ ދެމެދު އޮތް ފަރަގު 2023 ގެ ފަހުން ފުރަތަމަ ފަހަރަށް ކުޑަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި އިންޑެކްސްގައި ދިވެހިރާއްޖެ ހިމަނާފައި ނުވި ނަމަވެސް، އިންޑިއާ ކަނޑުގެ މުހިންމު ކަނޑުދަތުރުފަތުރުގެ މަގުތަކުގައި އޮތް ދިވެހިރާއްޖެއަށް، އަވައްޓެރި އިންޑިއާގެ މި ކުރިއެރުމަކީ ނުހަނު މުހިންމު ކަމެކެވެ. ދެ ގައުމުގެ ދެމެދުގައި ޒަމާންވީ ސަގާފީ، އަދި ވިޔަފާރީގެ ވަރުގަދަ ގުޅުމެއް އޮތްއިރު، 2025 ވަނަ އަހަރުގެ ޖުލައި މަހު ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ 565 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދެއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް (އެފްޓީއޭ) މަޝްވަރާ ފެށުމަށާއި، އިންވެސްޓްމަންޓް އެއްބަސްވުމެއް އެކުލަވައިލުމަށް ވެސް ވަނީ ނިންމާފައެވެ.
އެހެންކަމުން، ސަރަޙައްދީ ބާރެއްގެ ގޮތުގައި އިންޑިއާގެ ދައުރު ފުޅާވަމުން ދިޔުމަކީ ރާއްޖޭގެ ވިޔަފާރިއާއި އިގްތިޞާދީ ތަރައްގީއަށް އިތުރު ފުރުސަތުތަކެއް ފަހިވާނެ ކަމެއް ކަމަށް ބެލެވެއެވެ.