އެއްވެސް ކުރިއެރުމެއް ނެތި 12 ވަރަކަށް އަހަރު ހިންގުމަށްފަހު، ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މީގެ ކުރިން ކޯސްޓް ލައިންގެ ދަށުން ހިންގާ ދަރަވަންދޫ އެއާޕޯޓު، އައިލެންޑް އޭވިއޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިވެސް ކޮށްފައެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަމީމެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހީމް އިޔާސެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މިއަދު ފެށިގެންދިޔަ މަޝްރޫއަކީ، ބ. އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން، އައިލެންޑް އޭވިއޭޝަނަކީ އެ އެއާޕޯޓު ހިންގާ ފަރާތުގެ އިތުރުން އެ އެއާޕޯޓަށް ދަތުރުތައް ބާއްވާ އެއާލައިނަށް ވެސް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން ފަސިންޖަރުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުރިއެެރުމެއްނެތި އެތައް އަހަރެއްފަހުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަނީ--- ފޮޓޯ: އައިލެންޑް އޭވިއޭޝަން
މި މަޝްރޫއުގެ ދަށުން ޓާމިނަލްގެ ބޮޑުމިން މިހާރު ހުރި 959 އަކަމީޓަރުން 1,874 އަކަމީޓަރަށް ބޮޑުކުރާނެއެވެ. އޭގެ ސަބަބުން ފަސިންޖަރުންގެ އެރައިވަލާއި ޑިޕާޗާގެ އިތުރުން ޗެކިން އަދި ބެގެޖް ހޭންޑްލިން ސަރަހައްދުތަކުގައި ހޭދަކުރާ ވަގުތުތަކަށް ބޮޑު ލުޔެއް ލިބި، ޚިދުމަތް ދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ޔުނެސްކޯ ބަޔޯސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ގެސްޓްހައުސްތަކަށް ދަތުރުކުރާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް، ދަރަވަންދޫ އެއާޕޯޓުން މިހާރުވެސް ދުވާލަކު އަށަކަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރާކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ފަރުމާކޮށްފައި ވަނީ ދަތުރުވެރިންނަށް އެންމެ ފަސޭހަވާނެ ގޮތްތައް ބަލައިގެން ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ދިރުންތަކުން މިސާލު ނަގައިގެން ތައްޔާރުކޮށްފައިވާ ހިޔާކުރެވިފައިވާ މަޑުކުރާ ސަރަހައްދުތައް ހިމެނޭއިރު، އެރައިވަލް ހޯލް ބޮޑުކޮށް ކޮންވެޔާ ބެލްޓް ހަރުކޮށް، ފަސިންޖަރުންނަށް އަވަހަށް މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ކުރިއެެރުމެއްނެތި އެތައް އަހަރެއްފަހުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަނީ -- ފޮޓޯ/ އައިލެންޑް އޭވިއޭޝަން
އަދި ޗެކް-އިން ކުރާ ސަރަހައްދުގައި ސެލްފް ޗެކިން ކިއޯސްކްތައް ބަހައްޓައި، ޑިޕާޗާ ހޯލް ތަނަވަސްކޮށް، ސެކިއުރިޓީ ކަންކަން ޒަމާނީކުރުމުން ފަސިންޖަރުންނަށް ޚިދުމަތްދޭ މިންވަރު 80 ފަސިންޖަރުންގެ ބަދަލުގައި ދެން 175 އަށް ވުރެ އިތުރުވެގެންދާނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މީގެ އިތުރުން ފޮށިތަންމަތި ބަހައްޓާ ސަރަހައްދު ބޮޑުކޮށް، ކުޑަކުދިންނަށް ޚާއްސަ ފެސިލިޓީތަކާއި ގުދުރަތީ އަލި ލިބޭ ގޮތަށް ވެއިޓިން އޭރިއާތައް ހިމަނާފައިވާ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
ދަރަވަަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަކީ އޭވިއޭޝަން ދާއިރާ ވަރުގަދަކޮށް ބ. އަތޮޅުގެ ދަތުރުވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް. އަލަށް ތަރައްގީކުރެވޭ ޓާމިނަލާއި އެގްޒެކެޓިވް ލައުންޖުގެ ސަބަބުން ދަތުރުފަތުރުގެ ގުޅުން ބަދަހިވެ، އަޅުގަނޑުމެންގެ ކަސްޓަމަރުން ބޭނުންވާ ފަދަ އިތުބާރު ހުރި، ފެންވަރު ރަނގަޅު މެހެމާންދާރީއެއް ލިބިގެންދާނެ،މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް އިޔާޒް

ކުރިއެެރުމެއްނެތި އެތައް އަހަރެއްފަހުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަނީ -- ފޮޓޯ/ އައިލެންޑް އޭވިއޭޝަން
މީގެ ދެ އަހަރު ކުރީން 2023 ވަނަ އަހަރު ބ. ދަރަވަންދޫ ކައުންސިލުން ވަނީ ދަރަވަންދޫ އެއާޕޯޓަށް 10 އަހަރުވެގެން ދިޔައިރުވެސް ތަރައްގީއެއް ލިބިފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
'ސަން'އާ ވާހަކަދައްކަވަމުން އޭރު ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވަނީ ދަރަވަންދޫ އެއާޕޯޓު އޮތް ހާލަތުގެ ސަބަބުން ފަތުރުވެރިން ގޮވައިގެންދާއިރު އެ މީހުންނަށް ލިބެންވާ ޚިދުމަތްތައް ލިބެން ނުހުންނާތީ އެއާލައިންތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުން ދިޔަކަމަށް ވިދާޅުވެފައެވެ.
ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ބާރު ބޮޑު އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފްލައިޓްތައް ޖައްސާ އެއާޕޯޓު ކަމަށްވީއިރު އެ އެއާޕޯޓުގެ ފެންވަރު ދައްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭރު ސަމީހު ވަނީ ވިދާޅުވެފައެވެ.
ބ. އަތޮޅަކީ ވަރަށް ގިނަ ރިސޯޓްތައް އޮތް ސަރަހައްދެއް ކަމަށްވުމުން ބޭނުންވާ ޚިދުމަތްތައް ނުލިބޭނަމަ ފަތުރުވެރިންގެ ހިތްހަމަނުޖެހި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.