މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ފްލައިޓް ފަހުގެ ތާރީޚަކަށް ފަސްކޮށްފިއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، މިހާރު އޮތް ޙާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ޙާލަތެއް ކަމަށް މޯލްޑިވިއަނުން ލަފާކުރާ ކަމަށެވެ.
ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކާ ގުޅިގެން، ޖިއްދާގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައި ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން އެ ބަޔާނުގައި ފާހަގަކުރިއެވެ. އަދި މަސްރަޙު ގޯސްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކުން ވެސް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފައި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ނަމަވެސް މި ދަތުރު ފަސްކުރުމާ ގުޅިގެން ޢުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ މާފަށް އެދިފައެވެ. އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމުގައި އެ ދެ މުއައްސަސާއިން ފާހަގަކުރިއެވެ.
ހަމައެއާއެކު މަސްރަހު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، މި ދަތުރަށް ފައިސާ ދައްކަވާފައިވާ ހުރިހާ ބޭފުޅުންނަށް، އިތުރު އަގަކާނުލައި، ޢުމުރާގެ އަޅުކަމަށް ވަޑައިގެންނެވޭނެ ފުރުސަތު ފަހިކޮދެވޭނެ ކަމުގެ ޔަގީންކަން ޙައްޖު ކޯޕަރޭޝަނުން ވަނީ އަރުވައިފައެވެ. އަދި މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިން ވެސް ފޯރުކޮށްދެމުންދާނެ ކަމަށާއި، ސަރަޙައްދުގެ މަސްރަޙު ހަމައަކަށް އެޅި ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރު ކުރާނެ އައު ތާރީޚެއް ފަސިންޖަރުންނަށް އަންގާނެ ކަމަށް ވެސް އެ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.