ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ލަގްޒަރީ ދަތުރުތަކަށް ޚާއްސަކޮށްގެން އަލަށް ގެނައި "ކިންގް އެއާ 360" މަރުކާގެ މަތިންދާބޯޓު މިއަދު ހަވީރު ރާއްޖެ ގެނެސްފިއެވެ.
މި ބޯޓަކީ "ނިލާ ކޮރަލްސް" އާ ގުޅިގެން މޯލްޑިވިއަނުން ފަށާ ލަގްޒަރީ އުދުހުންތަކަށް ގެނައި ބޯޓެކެވެ.
މި ބޯޓު ރާއްޖެ އައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ އެންމެ މުހިންމު ބަހާއަކީ ފަތުރުވެރިކަން ކަމަށާއި، ފަތުރުވެރިކަން ފުޅާވަމުން އަންނައިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިން އުފުލުމުގައި އެންމެ ބުރަ މަސައްކަތެއް ކުރަމުން ދަނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ.
އެގޮތުން އަލަށް ތައާރަފުކުރި މި މަތިންދާބޯޓަކީ ކަނެކްޓިވިޓީ ހޯދަން އެދޭ ފަރާތްތަކަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށާއި، ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް ދަތުރުކުރުމުގައި މި ޕްރޮޑަކްޓް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މިއަދު މި ތައާރަފު ކުރެވުނު އައު ޚިދުމަތާ އެކުގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް ދަތުރުކުރުމުގައި މި ޕްރޮޑަކްޓް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވި ގޮތުގައި ކިންގް އެއާ 360 މަތިންދާ ބޯޓަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ލަގްޒަރީ ބޭނުމުގައި ޗާޓަ ދަތުރުތަކުގައި ބޭނުންކުރަމުން އަންނަ ބޯޓެކެވެ. އެހެންކަމުން މި ބޯޓުގެ ހިތްފަސޭހަކަމަކީ ވެސް ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަނުން މައުލޫމާތު ދިން ގޮތުގައި މިއީ އެ އެއާލައިނުން މިހާރު ބޭނުންކުރަމުން އަންނަ ބޯޓުތަކާ މުޅިން ތަފާތު ބޯޓެކެވެ. ކިންގް އެއާ 360 މަތިންދާބޯޓަކީ މަދު ފަސިންޖަރުންތަކަކާ އެކު ދަތުރުކުރެވޭ، ހިތްގައިމު އިންޓީރިއާއެއް ހިމެނޭ އަދި އޭޓީއާރު މަތިންދާބޯޓުތަކަށް ވުރެ ވެސް އަވަހަށް މަންޒިލްތަކަށް ދަތުރުކުރެވޭ ބޯޓެކެވެ.
މި ބޯޓު ބޭނުންކޮށްގެން ދަތުރުކުރުމުގެ ފުރުސަތު ހުރިހާ ކުންފުނިތަކަށާއި، އަމިއްލަ ޖަމާއަތްތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.
"ކިންގް އެއާ 360 ބޯޓުގެ މި ދުމަތް ރާއްޖޭގެ ހުރިހާ ކުންފުނިތަކަކަށް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ އަދި އަމިއްލަ ޖަމާއަތްތަކާއި އެކިއެކި ފަރުދުންނަށް ވެސް މި ބޯޓުގެ ލަގްޒަރީ ޚިދުމަތް ލިބޭނެ ފުރުސަތު އޮތީ ހުޅުވިފަ." އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވިއެވެ.
ސަލިމް ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެ އެއާލައިންގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޓިކެޓް ނަގާއިރު، މި ބޯޓުގެ ޚިދުމަތް ހިމެނޭހެން ހުރިހާ ޕްރޮޑަކްޓަކަށް އެދުމުގެ ފުރުސަތު އާންމުކޮށް ހުޅުވިގެންދާނެއެވެ.
މި އައު ޚިދުމަތަކީ ދުނިޔޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް މޯލްޑިވިއަނުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަން އަކީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ދަށުން ހިންގަމުން އަންނަ ދިވެހިރާއްޖޭގެ ގައުމީ އެއާލައިނެވެ. މި އެއާލައިނަކީ ރާއްޖޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ނިޒާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއާލައިނެކެވެ.
އެއާލައިނުން ދެމުންގެންދާ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އެއާޕޯޓުތަކަށް ޝެޑިއުލް ފްލައިޓުތައް ބޭއްވުމާއި ޓޫރިސްޓުން ރިސޯޓުތަކަށް އުފުލުމަށް ޑީހެވިލަންޑް ކެނެޑާ މަރުކާގެ ސީޕްލޭން ބޭނުންކޮށްގެން ދަތުރުތައް ކުރުމުގެ އިތުރުން އިންޑިއާ އަދި އަވަށްޓެރި ބައެއް ގައުމުތަކަށް އިންޓަނޭޝަނަލް ދަތުރުތައް ބޭއްވުން ހިމެނެއެވެ.