ކުރިއެރުމެއް ނެތި ދަރަވަންދޫ އެއާޕޯޓަށް 10 އަހަރު!

ދަރަވަންދޫ އެއާޕޯޓް -- ސަން ފޮޓޯ

ބ. ދަރަވަންދޫ އެއާޕޯޓަށް 10 އަހަރު ވެގެން އައިއިރު އެއްވެސް ތަރައްގީއެއް ނައިސް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފިއެވެ.

ދަރަވަންދޫ އެއާޕޯޓަށް 10 އަހަރު ވެގެން އައިއިރު އެއްވެސް ތަރައްގީއެއް ވެފައި ނެތްއިރު އެއީ ހަމައެކަނި ދަރަވަންދޫގެ ރައްޔިތުން ފާޅުކުރާ ކަންބޮޑުވުމެއް ނޫނެވެ. މުޅި ބ. އަތޮޅުގެ ރައްޔިތުން ވެސް މިކަމުގެ ކަންބޮޑުވުން އަންނަނީ ފާހަގަކުރަމުންނެވެ.

ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ބާރު ބޮޑު އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފްލައިޓްތައް ޖައްސާ އެއާޕޯޓެވެ. އެހެންކަމުން އެއާޕޯޓުގެ ފެންވަރު މިހާ ދަށްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވިއެވެ.

'ސަން'އާ ވާހަކަދައްކަވަމުން ދަރަވަންދޫ ސަމީހު ވިދާޅުވީ ދަރަވަންދޫ އެއާޕޯޓު މިހާރު އޮތް ހާލަތުގެ ސަބަބުން އެއާލައިންތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އެއީ ފަތުރުވެރިން ގޮވައިގެން އަންނައިރު އެ މީހުންނަށް ލިބެންވާ ޚިދުމަތްތައް ލިބެން ނެތް ކަމުގެ ޝަކުވާތައް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެއާޕޯޓުގައި އެންމެ ކުޑަމިނުން ކޮފީއެއް ބޯލެވޭނެ ގޮތެއް، ކާލެވޭނެ ރެސްޓޯރެންޓެއް އަދި ކެފޭއެއްވެސް ނެތް މިވަގުތު. މިއީ ވަރަށް އާދައިގެ ކުދިކުދި ކަންތައްތައް ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު

ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގައި މިހާތަނަށް އަޅާފައިވާ އެއާޕޯޓްތަކުގެ ތެރެއިން އެންމެ ކުޑަ އެއް އެއާޕޯޓެވެ. އެހެންނަމަވެސް އެންމެ ގިނަ އަދަދަކަށް މީހުން އަރާ އެއް އެއާޕޯޓަކީ ދަރަވަންދޫ އެއާޕޯޓެވެ.

މިހުރިހާ ކަމަކަށް ބަލައި އެއާޕޯޓަށް ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށް ދަރަވަންދޫ ކައުންސިލުން ގަބޫލުކުރެއެވެ. މިކަމުގެ ކަންބޮޑުވުން ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް، މީގެކުރިން ދަރަވަންދޫ ކައުންސިލުން ވަނީ ސިޓީއަކުން ހިއްސާކޮށްފައެވެ.

ސަމީހު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެއާޕޯޓްގެ ހާލަތު ބައްލަވާލެއްވުމަށް ވަޑައިގަތުމުން އެއާޕޯޓް އޮތް ހާލަތު ފެނިވަޑައިގަތް ކަމަށެވެ.

"މިނިސްޓަރު ނަހުލާ އެއާޕޯޓުގެ ހާލަތު ބައްލަވާލައި، އޮޕަރޭޓް ކުރެވޭ ފެންވަރަށް ވުރެވެސް ދަށް ހާލާތެއްގައި އޮތް އެއާޕޯޓެއްކަން ވަނީ ފާހަގަކުރައްވާފަ،" ސަމީހު ވިދާޅުވިއެވެ.

ދަރަވަންދޫ އެއާޕޯޓް ހިންގުން ހަވާލުކޮށްފައި ވަނީ ކޯސްޓް ލައިންއާއެވެ. ސަމީހު ވިދާޅުވީ ކޯސްޓްލައިނުން އެއާޕޯޓް ހިންގާތާ ހަ އަހަރުވީއިރުވެސް އެއާޕޯޓްގެ ތަރައްގީއަށް އެއްވެސް ކަމެއްކޮށްފައިނުވާ ކަމަށެވެ.

"ޑިޕާޗާ ހޯލް އެހާ ނިކަމެތިކޮށް އޮތީ. އެއާޕޯޓުގެ ހާލަތަށް ބަލާއިރު މިހާރުން މިހާރަށްވެސް އެކަމަށް ހައްލެއް ގެންނަން ޖެހޭ. ސަރުކާރުން މިކަމަށް އެކަށީގެންވާ ފިޔަވަޅު އަޅަން އެބަޖެހޭ. އެކަން ނުކޮށެއް މީގަ ކާމިޔާބާ ހަމައަށް އަޅުގަނޑުމެންނަކަށް ނުދެވޭނެ،" ސަމީހު ވިދާޅުވިއެވެ.

ދަރަވަންދޫ އެއާޕޯޓް-- ސަން ފޮޓޯ

ދަރަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ޒަމާނީ ފެންވަރަށް އެ އެއާޕޯޓް ތަރައްގީ ނުކުރެވިއްޖެނަމަ އެއީ ރާއްޖެއަށް ލިބޭނެ ދެރައެއް ކަމަށެވެ. ސަބަބަކީ އެ އެއާޕޯޓަކީ ދިވެހީންގެ އިތުރުން ފަތުރުވެރީންނަށް ވަރަށް ބޮޑަށް އަމާޒުކޮށްފައިވާ އެއާޕޯޓަކަށްވުމެވެ.

ބ. އަތޮޅަކީ ވަރަށް ގިނަ ރިސޯޓްތައް އޮތް ސަރަހައްދެއް ކަމަށްވުމުން ބޭނުންވާ ޚިދުމަތްތައް ނުލިބޭނަމަ ފަތުރުވެރިންގެ ހިތްހަމަނުޖެހި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ކޯސްޓްލައިންގެ ހަވާލުގަ އެއާޕޯޓް އޮތް ކަމުގައި ވީ ނަމަވެސް އެ ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް ނުކުރާ ކަމަށް ވާނަމަ މޮނީޓާ ކޮށްފަ އެ އަޅަން ޖެހޭ ފިޔަވަޅެއް އަޅަން އެބަޖެހޭ. އެފަރާތުން އެއާޕޯޓް އަތުލަން ޖެހިއްޖެނަމަ އަތުލައިގެން ވިޔަސް އެއާޕޯޓް ތަރައްގީ ކުރަން އެބަޖެހޭ. އަޅުގަނޑު ސަރުކާރަށް ގޮވާލަން އަޅުގަނޑުމެންގެ މި ކަންބޮޑުވުން އަޑު އައްސަވާށޭ،" ސަމީހު ވިދާޅުވިއެވެ.

comment ކޮމެންޓް