އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވިޔަ ނުދޭށެވެ.

އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވުން މި އަދަބީބަހުން ރަމްޒުކޮށްދެނީ ދައުލަތުގެ ނުވަތަ ރައްޔިތުންގެ މުދަލާއި ފައިސާ، އަމިއްލަ މަންފާއަށް ނުވަތަ ނާޖާއިޒު ގޮތުގައި ބޭނުންކުރުމެވެ. މި ލިޔުމުގައި ފާހަގަކޮށްފައިވަނީ، ސިޔާސީ އެކިއެކި ބޭނުންތަކަށާއި އިންތިޚާބުތަކަށް ނުފޫޒުފޯރުވުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމެވެ. އަދި މިފަދަ ކަންކަން ހުއްޓުވައި، ދައުލަތުގެ މުދަލަށް އަމާނާތްތެރިވުމަށް ރައްޔިތުން ހޭލުންތެރިވާންޖެހޭކަން ބަޔާންކޮށްފައިވެއެވެ.

  • އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވުން މާނަކުރަނީ ދައުލަތުގެ މުދާ އަމިއްލަ ފައިދާއަށް ބޭނުންކުރުމަށެވެ.
  • ރައްޔިތުންގެ ޓެކުސް ފައިސާއާއި ދައުލަތުގެ މުދާ ސިޔާސީ މަންފާއަށް ބޭނުންކުރުން ވަނީ އާންމުވެފައެވެ.
  • އާސަންދަ ފައިސާއިންނާއި، ކުންފުނިތަކުގެ ޚަރަދުން އިންތިޚާބުތަކަށް ނުފޫޒުފޯރުވުން ފަދަ ކަންކަން ފާހަގަކުރެވެއެވެ.
  • މިފަދަ ޚިޔާނާތްތައް ހުއްޓުވައި، ދައުލަތުގެ މުދާ ހިމާޔަތްކުރުމަށް ރައްޔިތުން ތެދުވަން ޖެހެއެވެ.

ދިވެހި އަދަބީބަސްތަކުގެ ވާހަކަ ތަންކޮޅެއް ގިނައިން ނޫސްތަކުގެ ސުރުޚީތަކުން ފެންނަ ދުވަސްވަރެކެވެ. ސިޔާސީ އިސް ވެރިއަކު، އަދަބީބަހެއް ބޭނުންކުރެއްވީ ރަނގަޅަށް ނޫންކަމަށް ބުނެ، ސިޔާސީ ވާދަވެރިންނާއި އެ ވާދަވެރީންގެ މޯހިރުން ފައިދާ ނަގާ ފަރާތްތަކުން އަޑުއުފުލާން ފަށައިފައިވާ ދުވަސްވަރެކެވެ. ބަޔާންތައް ނެރެ އެ ބަޔާންތައް ރައްޓެހީންނަށް ހިއްސާކުރާ ދުވަސްވަރެކެވެ. އެ ވާހަކަތަކުގެ ތެރެއިން އަދަބީބަސްތައް ދިވެހި ބަސްފޮތުން އުވައިލުމަށް ވެސް އެދިވަޑައިގެންފައިވާ ދަނޑިވަޅެކެވެ. އެ ފަދަ އަދަބީބަސްތައް އުވައިނުލައި ފަރަކު ޖެހޭކަށް ނެތްތާއެވެ!

އަދަބީބަހަކީ ބަހުގެ އަދަބިއްޔާތެއްގައި ވަރަށް މުހިންމު އެއްޗެކެވެ. އަދަބީބަހެއް ބޭނުންކުރުމުގެ ސަބަބުން، ދައްކާވާހަކައިގެ ބަލާޣާތަށާއި އޭގެ ފަސާހަތްތެރިކަމަށް އަންނަ ފުރިހަމަކަން އެނގޭނީ ބަހަށް ލޯބިކުރާ ބަހާމެދު ވިސްނާ، ބަހުގެ އަހުލުވެރީންނަށެވެ. ހާލަތަށާއި ވަގުތަށާއި ދަނޑިވަޅާ މުނާސަބުކޮށް އަދަބީ ބަހެއް ބޭނުންކުރުމުން ތިމާ ދައްކަމުންދާ ވާހަކައެއް، ވާހަކަ އަޑު އެހުންތެރީންނަށް ފަސޭހަކަމާއެކު އަދި އަސަރާއެކު، ވިސްނައިގަނެވެއެވެ.

މި ލިޔުމުގެ ސުރުޚީގައި ވެސް އެ އޮތީ އަދަބީބަހެކެވެ. ވަރަށް ފަސޭހައިން މާނަ ދެނެގަނެވޭނޭ އަދަބީބަހެކެވެ. އެންމެ ފުރަތަމަ މި އިބާރާތުގެ ލަފުޒީ މާނައަށް ވިސްނައިލަމާތޯއެވެ. އަމިއްލަ ބާލީހޭ އެ ބުނަނީ ކޮންމެ މީހަކު ވެސް އެ މީހަކު ނިދާ އިރު ބޯއަޅާން ނުވަތަ އެހެން ބޭނުމެއްކުރާން ނަމަވެސް ތިމާ ގެންގުޅޭ ބާލީހަށެވެ. ހަމަ ކޮންމެ ދިވެއްސަކަށް ވެސް ބާލީސް އެނގޭނެއެވެ. އެކަމަކު އެއާ ވިދިގެން އަންނަ "ބަންޑާރަ" މި ލަފުޒާއި އަދި ލަފުޒާ ގުޅުވައި އަންނަ "ކަފަ" މި ދެ ލަފުޒުގެ މާނަ ކުޑަކޮށް ތަފުސީލުކޮށްލަން ޖެހޭކަމަށް ގަބޫލުކުރެވެއެވެ.

ހިޔާ ފްލެޓުތައް--- ސަން ފޮޓޯ/ ޢަބްދުﷲ ޙުސައިން

ދިވެހިބަސް ފޮތުގައި "ބަންޑާރަކަފަ" މި ގޮތަށް ދެ ލަފުޒު އެކުގައި ލިޔެ އޭގެ މާނައެއް ހިމަނައިފައެއް ނެތެވެ. އެހެނަސް "ބަންޑާރަ" އާއި "ކަފަ" ދެ ލަފުޒުގެ މާނަ ވެސް ވަކިވަކީން ބަސްފޮތުގައި ހިމަނައިފައި އެބަ އޮތެވެ. ފުރަތަމަ ބަލައިލާނީ، "ބަންޑާރަ" އަށެވެ. އެ ލަފުޒުގެ މާނައެއް ކަމުގައި ލިޔެފައި އޮތީ، "ސަރުކާރުގެ" އާއި "ދައުލަތު" ގެއެވެ. އަދި "ކަފަ" މި ލަފުޒުގެ މާނައެއް ކަމުގައި ލިޔެފައި އޮތީ، "ގަހެއްގައި އަޅާ ވަކެއްގެ ތެރޭގައި ހުންނަ ކެހެރި ވައްތަރުގެ ހުދުކުލައިގެ ހާވިޔާ އެއްޗެއް. މީގެ ދެ ވައްތަރެއް ހުރެއެވެ. އެއް ވައްތަރު ބޭނުންކުރަނީ ފޭރާން ވިޔުމަށާއި ރޮދި އުފެއްދުމަށެވެ. އަނެއް ވައްތަރު ބޭނުންކުރަނީ ބާލީހަށާއި ގޮދަޑި ފަދަ ތަކެއްޗަށް ލެއްވުމަށެވެ." މި ދެކެވުނު ލަފުޒީ މާނަތަކަށް ވިސްނައިލީމާ، "ބަންޑާރަކަފަ" އެއް ކަމުގައި ވާނީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ ކަފަ، އަމިއްލަ މުދަލެއްކަމުގައި ވާ ބާލީހަށް ލެއްވުމަށެވެ. އޮޅުމެއް ޝައްކެއް ވަހުމެއް ނުވާ މިންވަރަށް މާނަ ސާފުވެފައި ދެނެގަތުމަށް ފަސޭހައެވެ.

"އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވުން" މި އަދަބީބަހުގެ މާނައެއް ކަމުގައި ދިވެހި ބަސްފޮތުގައި ލިޔެފައި އޮތް މާނައަށް ވިސްނައިލަމާ ތޯއެވެ. "ތިމާ ވަޒީފާ އަދާކުރާ ތަނެއްގެ ފައިސާ ނުވަތަ މުދާ ޚިޔާނާތްތެރި ގޮތުގައި ބޭނުންކޮށް އުޅުމުން އެ ފަދަ މީހުނާ މެދު ބުނެ އުޅޭ ބަހެއް" މި މާނަކުރުމަށް ވިސްނައިލާއިރު، ސަރުކާރުގެ މުދަލެއް ކަމުގައި ވަނީ "ބަންޑާރަކަފަ" އެވެ. އަމިއްލަ ބާލީސްކަމުގައި ބެލެވޭނީ، ތިމާގެ އަމިއްލަ މިލްކުގައިވާ ކޮންމެ އެއްޗަކަށެވެ. ނަހަމަ ގޮތުގައި ތިމާގެ އަމިއްލަ އެއްޗިއްސަށް ދައުލަތުގެ މުދާ ބޭނުންކުރާ ކޮންމެ ފަހަރަކު މި އަދަބީބަސް ބޭނުންކޮށް މިސާލު ދެއްކިދާނެއެވެ. އަދި އެ ފަދަ މީހުން ވަމުންދާ ޚިޔާނާތްތަކުގެ ވާހަކަ ދައްކަމުން ވެސް މި ބަސް ބޭނުންކުރެވިދާނެއެވެ.

ދެން އޮތީ ދިވެހިރާއްޖޭގައި ހިނގާ ކަންކަމާ ގުޅުވައި މި ބަސް ބޭނުންކުރާނެ ހާލަތްތައް ދެނެގަތުމެވެ. ޚާއްސަކޮށް ދިވެހިބަސްފޮތުގައި ބަޔާންކޮށްފައިވާ ގޮތަށް ސަރުކާރުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދަނޑިވަޅުތަކާއި ހާލަތްތަކާއި ވަގުތުތައް ދެނެ ގަނެ، ދިވެހި ސަރުކާރުގެ ވެރީން ރައްޔިތުންގެ މުދަލަށް ވަމުންދާ ޚިޔާނާތްތަކާ މި އަދަބީބަހާ ގުޅުވުމެވެ.

މިއަދު ދިވެހި ސަރުކާރު ހިންގަނީ ރައްޔިތުންގެ ފައިސާއިންނެވެ. ރައްޔިތުންނަށް ޚިދުމަތްތައް ދެނީ ރައްޔިތުން އަތުން ޓެކުސް ފައިސާ ނަގައިގެންނެވެ. އެ ފައިސާތައް ވަންނަނީ ދައުލަތުގެ އެކިއެކި އިދާރާތަކަށެވެ. އެ މީހުންނާ އެ ފައިސާ ހަވާލުކުރަނީ އެއަށް އަމާނާތްތެރިވާނޭ ކަމަށް ހުވާކުރުވާފައެވެ. ދައުލަތުގެ ތިންބާރުގެ ކޮންމެ މުއައްސަސާއެއް ގައި ވެސް ތިބޭނީ ރައްޔިތުން މުސާރަދީފައި ރައްޔިތުންނަށް ތެދުވެރިކަމާއެކު ޚިދުމަތްކުރުމަށް ލައިފައި ތިބޭ މީހުންނެވެ. އަމާނާތްތެރީން ކަމަށް ބަލައިގެން އެ މަގާމުތަކަށް ލައިފައި ތިބޭ މީހުންނެވެ. އެހެނަސް ކަންތައް ހިނގާގޮތަށް ފުންކޮށް ވިސްނައިލީމާ މަންޒަރު ފެންނަނީ އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލައްވައިގެން ބާލީސް ފުފިފައިވާ ތަނެވެ. ވަކި މުއައްސަސާއެއް ނެތެވެ. އެންމެ މައި އިދާރާއިން ފެށިގެން ވެސް ފެންނަނީ ހަމަ މި ދެންނެވި ސިފަތަކެވެ.

އިސްވެ ދެންނެވި ވާހަކައިގެ ބައެއް މިސާލުތަކަށް ބަލައިލަމާތޯއެވެ. ރައްޔިތުންގެ ބޭސްފަރުވާއަށް އުފައްދައިފައިވާ އާސަންދައިގެ ފައިސާއިން އަމިއްލަ ޓީވީ ޗެނަލެއް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފި ވާހަކަ ނޫސްތަކުން ފެނުނެވެ. އެއޮތީ އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލައްވާފައެއް ނޫނެވެ. އަމިއްލަ ބާލީހަށް ކަފަ ގަންނަވާފައެވެ. އެހެން މިސާލެކެވެ. އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން މި ކުރާ ޚަރަދުތަކަކީ ވެސް ހަމަ އަމިއްލަ ބާލީހަށް ގަންނަވާ ކަފައެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން ހުވާކޮށްގެން ތިބި ޔުނިފޯމް އެޅި ސަޚްޞިއްޔަތުންގެ މުއައްސަސާއިން ވެސް، ވިޔާފާރި ކުންފުންޏެއް ހަދައި އެ ތަނަށް ލިބޭ ރައްޔިތުންގެ ފައިސާއިން އަމިއްލަ ބާލީހަށާއި ގާތް ރަޙުމަތްތެރިޔާގެ ބާލީހަށް ވެސް ހަމަ "ބާރު ބާރަށް" ކަފަ ގެންނެވީއެވެ.

ނިކަމެތީންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މާތް މަގުސަދުގައި ސަރުކާރުން އަޅައިދީފައިވާ ފުލެޓުތަކުގެ ކުލީން ވެސް ބައެއް މައާފުކޮށްދީ، އަމިއްލަ ގޮޑި ކާމިޔާބުކުރެވޭތޯ ބަލަނީއެވެ. މައާފުކޮށްދިން ފައިސާއަކީ ދިވެހި އެންމެހައި ރައްޔިތުންގެ ކަފައެވެ. އެކަމަކު އެ ކަފަ ބޭނުންކުރަނީ އިންތިޚާބުގެ ގޮޑިއަށް ލައްވާށެވެ. މިހުރީ ހައްތަހާ ވެސް މި ފަދަ މިސާލުތަކެވެ.

އަމިއްލަ އެދުމުން ފޯވެފައިވާ ގިނަ ބަޔަކު، މިއަދު ހޭބޯ ނާރާ މަސައްކަތްކުރަނީ، ބަންޑާރަކަފަ ކޮޅެއް ހޯދައިގެން އަމިއްލަ ބާލީހަށާއި ގޮދަނޑިއަށް ލޭއްވޭތޯއެވެ. "ބަންޑާރަކަފަ ދަނޑު" މިއަދު އޮތީ ތަން މިނަށް ހުޅުވައިލާފައެވެ. ބޭނުން މީހަކު ދަނޑަށް ވަދެ، އެ މީހަކަށް ކެރުނު މިންވަރަކަށް، އަމިއްލަ ބާލީހަށް ކަފަ ލައްވަން ވީއެވެ. ބާރަށް ގަންނަވަންވީއެވެ. އެ ކަންކުރަނީ ފާޅުގައެވެ. ގޯލިގޯޅީގެ ކަންކަން މަތީގައާއި މަގުތަކުގައި ފޮތިތައް ދަމައިގެން ބަންޑާރަކަފަ ދަނޑު ލޫޓުވަނީއެވެ. މުޅި މަގުތައް އެއްކުލަ ވާ ވަރަށް ތިމާގެ ފޮޓޯތައް ޖަހައި، އިންތިޚާބު ކާމިޔާބުކުރަން "ބަންޑާރަކަފަ" ބަހަނީއެވެ. ހަމަ ގައިމުވެސް އަމިއްލަ މީހާގެ ދަނޑެއްގައި އެ ބަހާ ވަރަކަށް ކަފައެއް ނުހުންނާނެއެވެ.

ވަރުގެ ނެތްތަނަށް ދުފައިގެން، ހަރު އަޑުން ލަވަޖަހައިގެން ތިބެ ހަމަ ފޯރީގައި ގޮދަނޑިތަކަށް ކަފަ ލައްވަނީއެވެ. "ބަންޑާރަކަފަ" އަކީ އެންމެންގެ އެއްޗެއްކަން ދަނެ، އެއާ މެދު އަމާނާތްތެރިވާނީ ކޮން ދުވަހަކުން ތޯއެވެ؟ އެކަންކަން ކުރާ މީހުންނާ ދިމާއަށް އެކަން ނުކުރުމަށް ފާޅުގައި ބުނާނީ ކޮން އިރަކުންތޯއެވެ؟ ތިޔަ ބޭނުންކުރަނީ އަހަރެންގެ މުދަލެއްކަމަށް ބުނެ، އެކަން ހުއްޓުވަން ނުކުންނާނީ ކޮން ދުވަހަކުން ތޯއެވެ؟

comment ކޮމެންޓް