ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހުންނަށް ދައުލަތުން ލުއިތަކާއެކު ފޯރުކޮށްދޭ ގެދޮރު ނުވަތަ ސޯޝަލް ހައުސިން ހަމަޖައްސައިދިނުމުގައި، އެންމެ ނިކަމެތި، އެންމެ ފަގީރު މީހުންނަށް އިސްކަން ދިނުމުގެ ގޮތުން، ޚާއްސަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ''ބޯހިޔާވަހިކަން އެންމެންނަށް'' ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ، 3،260 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތާ ހަވާލުވެފައެވެ. އޭގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1،190 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށަން މިރޭ ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، 2012 ވަނަ އަހަރު ހައުސިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް، މާލޭގެ އެތައް ގެއަކަށް ޒިޔާރަތްކުރައްވައިފައިވާ ކަމަށެވެ. އެގޮތަށް ގެތަކަށް ވަޑައިގަންނަވާއިރު، ދަތި ހާލަތުގައި އުޅޭ ގިނަ ބަޔެއްގެ އަޑު އެ މަނިކުފާނު އަައްސަވައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފަދަ ގެތަކަށް ވަދެ އެ އާއިލާތަކުގެ ހާލަތު ފެނުމުން ބޯހިޔާވަހިކަމަކީ ކިހާ ހައްސާސް މައްސަލައެއްކަން އިހުސާސު ކުރެވޭނެ. މި ސަރުކާރަށް ބޯހިޔާވަހިކަމަކީ އިންސާނިއްޔަތަށް ޓަކައި ކޮށްދޭން ޖެހޭ ކަމެއް، ސިޔާސީ ކަމެއް ނޫން. މަގާމުގެ ހައިސިއްޔަތުން ނިކަމެތި ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަކީ އަޅުގަނޑުމެންނަށް ޒާތީ ކަމެއް
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
އެހެންވެ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ އެންމެ ޕްރޮގްރާމަރަކަށް ނުވަތަ ނޫން އެންމެ އުސޫލަކަށް ނޫން ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެގޮތުން، މުޖުތަމައުގެ އެކި ގިންތިތަކަށް ހޯދައިދޭން ޖެހެނީ އެކި ހައްލުތައްކަން މި ސަރުކާރުން ދެނެގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ވިސްނުމުގެ ދަށުން ބެންކް ލޯން ނަގައިގެން، ފުރަތަމަ ފަހަރަށް އަމިއްލަ ބޯހިޔާވަހިކަން ގަންނަ މީހުންނަށް ހެޔޮ އަގުގައި ފުލެޓް ގަންނަން ލިބޭނެ މަގު ފަހިކޮށްދޭނެކަން މުއްތަލިބު ފާހަގަކުރެއްވިއެވެ. އަދި ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކަށް ''ލީސް ޓު އޯން'' މޮޑެލް ނުވަތަ ވަކި މުއްދަތަކަށް ކުލި ދެއްކުމަށް ފަހު އަމިއްލަ ކުރެވޭ ގޮތަށް ދޫކުރާ ފުލެޓް އިމާރާތް ކުރުމުގެ މަސައްކަތް ބީއެމްއެލްގެ މަޝްރޫއުތަކުން މިހާރު ފަށައިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބީއެމްއެލްއިން އަޅާ 1،190 ހައުސިން ޔުނިޓުގެ ބިންގާ އެޅުން -- ފޮޓޯ/ ރައީސް އޮފީސް
މުއްތަލިބު ވިދާޅުވި ގޮތުގައި، ހިތްދަތި، ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނަށް ޚާއްސަ އުސޫލަކުން ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިކުރުމަކީ، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރެވޭ އެންމެ ބޮޑު، އެންމެ ބޭނުންތެރި މަސައްކަތެވެ.
"މާޒީގެ ތަޖުރިބާއަށް ބަލާއިރު ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ އާއިލާތަކަކީ ބޯހިޔާވަހިކަމުގެ އާންމު ސްކީމްތަކުން ފުލެޓް ނުލިބޭ ފަރާތްތައް. ބައެއް ފަހަރު އެ ފަރާތްތަކަށް އުސޫލުތަކެއް ނޭނގޭ، ރަނގަޅު މައުލޫމާތެއް ނުލިބޭ، ބޭނުންވާ އެހީތެރިކަމެއް ނުލިބޭ، ނޫނީ ބޭނުންވާ ލިޔެކިޔުންތައް ހަމައެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ، ވަރަށް ގިނަ ފަހަރަށް އެފަދަ މީހުންނަކީ ބާކީވެފައިވާ، ހަވާސާކޮށްފައިވާ މީހުން ކަމަށެވެ. އޭގެ ސަބަބުން، ދިރިއުޅުމުގެ ދަތިތަކާ އެއްކޮށް، ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކަށް އެދި ފޯމުލުން ވެސް އޮންނަނީ ނުވާ ވަރު ކަމަކަށް ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު، އެންމެ ނިކަމެތި މީހުންނަކީ އެންމެ ނުފެންނަ މީހުންނަށްވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަން ގަބޫލުކުރަން ބޭނުންނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތަކީ އެންމެ ފަގީރު، އެންމެ ނިކަމެތި ފަރާތްތައް ހޯދައި، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"އެހެންވެ ޕްރައޯރިޓީ ސޯޝަލް ހައުސިން ރެޖިސްޓާއެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވިގެން، އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ފެށިފައި. އޯގާތެރި ސަރުކާރަކުން ނިކަމެތިން އެހީއަށް އެދި އާދޭސްކުރުން ހުއްޓުވަން ކެނޑިނޭޅި މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވިއެވެ.
މުއްތަލިބު މީގެ ކުރިން ވެސް ވަނީ، މި ސަރުކާރުގެ ސިޔާސަތު ޚާއްސަ ކުރަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން، މިހާރު ފަށާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެ ތަންތަނަށް ރައްޔިތުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވައިފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ރިޔާސީ ދައުރު ތެރޭގައި 18 އަހަރުން މަތީގެ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ ރައީސްގެ ވައުދުފުޅެކެވެ.