ބީއެމްއެލްއަށް ފުރަތަމަ ކުއާޓަރުގައި 631 މިލިއަނުގެ ސާފު ފައިދާ، 27 އިންސައްތައިގެ ކުރިއެރުމެއް

ބީއެމްއެލްގެ ސީއީއޯ މުހައްމަަދު ޝަރީފް: ބީއެމްއެލްއަށް ފުރަތަމަ ކުއާޓަރުގައި 631 މިލިއަނުގެ ސާފު ފައިދާއެއް ވަނީ ލިބިފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ބޭންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ލޯނާއި ފައިނޭންސިންގެ އިތުރުން ފީ އާއި ކޮމިޝަނުން ލިބުނު އާމްދަނީ އިތުރުވުމުގެ ނަތީޖާއެވެ. މީގެ އިތުރުން ބޭންކުގެ ޖުމްލަ އެސެޓް ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައެވެ.

  • ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބުން.
  • ފާއިތުވި އަހަރާ އަޅާބަލާއިރު ސާފު ފައިދާ 27 އިންސައްތަ ކުރިއެރުން.
  • ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އެރުން.
  • ބޭންކުގެ ޖުމްލަ އެސެޓް 60.6 ބިލިއަން ރުފިޔާއަށް އިތުރުވުން.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލްއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެ މުއްދަތުގައި ލިބުނު ނަތީޖާއަކީ، ޖެހިޖެހިގެން ދެ އަހަރު ރެކޯޑް މިންވަރަކަށް ބޭންކަށް ލިބުނު ކުރިއެރުމަށްފަހު، ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށެވެ. އެގޮތުން، ބޭންކުގެ 43 އަހަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި މިދިޔަ އަހަރު ނިންމާލުމަށްފަހު، މާލީ އާ އަހަރާ ބޭންކުން ކުރިމަތިލީ އެ ކާމިޔާބީ ދެމެހެއްޓުމުގެ އަޒުމުގައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު އެ ބެންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސާފު ފައިދާއަށް ލިބިފައިވަނީ 497 މިލިއަން ރުފިޔާ ކަމަށްވާއިރު، އެއީ އެ މުއްދަތާ އަޅައިބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ކަމަށް އެ ބެންކުން ބުންޏެވެ.

ބީއެމްއެލްއިން ބުނީ ބެންކުގެ ޖުމްލަ އާމްދަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށާއި އެއީ، ލޯނާއި ފައިނޭންސިންގެ ފައިދާއިން ލިބުނު އާމްދަނީއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން ކަމަށެވެ.

ބީއެމްއެލްއިން މިދިޔަ މަހު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

އެގޮތުން ލޯނާއި ފައިނޭންސިންގެ ފައިދާއިން އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބުނުއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބެންކުން ބުންޏެވެ.

މީގެ އިތުރުން، ބޭންކު ހިންގުމުގެ ޚަރަދުތައް ވަރަށް ބަލައިގެން މެނޭޖްކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން ހަރުދަނާ މިންގަޑެއްގައި ހިފެހެއްޓި، އާމްދަނީއާ އަޅައިބަލާއިރު ޚަރަދު ހުރި މިންވަރު ވަނީ ކުރީ އަހަރުގެ 25 އިންސައްތައިން 24 އިންސައްތައަށް ރަނގަޅު ކުރެވިފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން، ފުރަތަމަ ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެއްކަން ބީއެމްއެލްއިން ފާހަގަކުރިއެވެ. އަދި އެއީ ބޭންކުގެ ތާރީޚުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރު ކަމަށް ވެސް ބެންކުން ބުނެފައިވެއެވެ.

https://sun.mv/218398

ބީއެމްއެލްއިން ބުނީ، ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ ޢަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ބޭރު ފައިސާގެ ޑިޕޮސިޓްތައް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. އަދި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އިތުރުވެ، ލޯނުގެ ޖުމްލަ ޢަދަދުވަނީ 27.6 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ވެސް އެ ބެންކުން ބުންޏެވެ.

ބީއެމްއެލްއިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި އެ ބެންކަށް މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވެއެވެ. އެއީ އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.

comment ކޮމެންޓް