އާންމުންގެ ކަންބޮޑުވުންތަކާއެކު، ވިނަރެސް ފްލެޓެއްގައި ހިންގާ ލޯންޑްރީ ޚިދުމަތް ހުއްޓާލަން ނޯޓިސްދީފި

ވިނަރެސް ފްލެޓެއްގައި ހިންގާ ލޯންޑްރީ ފެކްޓްރީ ހުއްޓާލަން އެޗްޑީސީއިން ނޯޓިސްދީފި --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރުގެ އެޕާޓްމެންޓެއްގެ ތެރޭގައި ސިއްރުން ހިންގަމުންދިޔަ ބޮޑު ލޯންޑްރީ ޚިދުމަތެއް ހުއްޓުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނޯޓިސް ދީފިއެވެ. މި މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފްލެޓު ތެރޭގައި އިންޑަސްޓްރިއަލް ފެންވަރުގެ ގިނަ މެޝިންތަކެއް ބަހައްޓައިގެން ބޮޑު ވިޔަފާރިއެއް ހިންގަމުންދިޔައެވެ. މިކަމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގައިފާނެ ކަމުގެ ބިރު އޮތުމުން، އާންމުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ. އެޗްޑީސީން ވަނީ މި މައްސަލަ ބަލައި، އެ ޚިދުމަތް ހުއްޓާލުމަށް އަންގާފައެވެ.

  • ވިނަރެސް ޓަވަރުގެ އެޕާޓްމެންޓެއްގައި ގަވައިދާ ޚިލާފަށް އިންޑަސްޓްރިއަލް ލޯންޑްރީއެއް ހިންގަމުން ދިޔައެވެ.
  • ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން އެ ތަނުގައި ގިނަ އަދަދެއްގެ މެޝިނަރީ ބޭނުންކުރަމުންދާކަން ހާމަވިއެވެ.
  • ގޭސްފުޅިތަކާއި އިންޑަސްޓްރިއަލް މެޝިންތައް ބޭނުންކުރުމުގެ ސަބަބުން އަލިފާނުގެ ނުރައްކާ އޮތްކަން ފާހަގަކުރެވުނެވެ.
  • އެޗްޑީސީން ވަނީ އެތަން ހުއްޓުވުމަށް ނޯޓިސް ދީފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރުގެ އެޕާޓްމެންޓެއްގައި، އަންނައުނު ދޮންނަން ބޮޑެތި މެޝިންތައް ބަހައްޓައިގެން ހިންގަމުންދިޔަ ލޯންޑްރީ ޚިދުމަތް ހުއްޓާލަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނޯޓިސް ދީފިއެވެ.

ވިނަރެސް ފުލެޓެއްގައި ލޯންޑްރީ ޚިދުމަތް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ.

''ހައުސިން ގްރޭޓާ މާލެ'' ކިޔާ އެކްއުންޓަކުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ވިނަރެސް ފްލެޓެއްގައި އިންޑަސްޓްރިއަލް ފެންވަރުގެ ލޯންޑްރީ ޚިދުމަތެއް ދޭ ކަމަށް ބުނެ ވީޑިއޯއެއް އާންމުކޮށްފައެވެ.

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވިނަރެސް ޓަވަރުގައި ލޯންޑްރީ ފެކްޓްރީ ހިންގާކަން އެޗްޑީސީއަށް ފާހަގަވެ އެކަން ހުއްޓާލުމަށް މިހާރު ނޯޓިސް ދީފައި ވާނެކަމަށެެވެ. ނަމަވެސް ހުޓާލަން ދީފައިވަނީ ކިހާ ދުވަހެއް ކަމެއް މީޑިއާ އޮފިޝަލް ވިދާޅެއްނުވެއެވެ.

ވީޑިއޯއިން ފެންނަ މަންޒަރުތަކުން އެ ފްލެޓު ތެރޭގައި ގިނަ އަދަދެއްގެ ދޮންނަ މެޝިންތަކާއި، ހިއްކައި އިސްތިރިކޮށް ފަތްޖަހައިލެވޭ މެޝިންތައް ހުއްޓެވެ. އަދި އެ ވަގުތު ވެސް ގިނަ މެޝިންތަކަށް އަންނައުނު އަޅައި، ޖައްސައިފައި ހުރި މަންޒަރު ފެނެއެވެ.

އެ ފެކްޓްރީ ހިންގަން ބޭނުންވާ ބޮޑެތި ގޭސްފުޅިތައް ވީޑިއޯއިން ފެންނައިރު، އެއީ އަލިފާނުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށް ވީޑިއޯގައި ބުނެފައިވެއެވެ.

މީހުން ދިރިއުޅެން ދޫކުރާ ފުލެޓުތައް، ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް ބޭނުންކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް