ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު އަލުން ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެ މަޝްރޫއުގެ މަސައްކަތް 2017 ވަނަ އަހަރު ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަޝްރޫއު އޮތީ ހުއްޓިފައެވެ. އެގޮތުން، މިހާރު އެ ތަނުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ނުވަ އަހަރު ވެއްޖެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނި ގޮތުގައި، އަލުން މަޝްރޫއު ފެށީ ޒަމާނީ ފެންވަރުގެ ބައިނަލްއަގުވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުރިހަމަ، ފުޅާ މާސްޓާ ޕްލޭނެއްގެ ދަށުންނެވެ.

މި މަޝްރޫއުގެ ޑިވެލޮޕަރަކީ ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑު ކަމަށްވާއިރު، މި މަޝްރޫއުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.
ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި، ދެ ބަޔަކަށް ބަހާލައިގެން ތަރައްގީކުރާ މި މަޝްރޫއަކީ ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ބިޔަ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މޫދާއި ގުޅިފައިވާގޮތަށް ހުޅުމާލޭ އަތިރިމަތީގެ ހިތްގައިމު މާހައުލެއްގައި ތަރައްގީކުރާ މި ވޯޓާ ތީމް ޕާކުގައި މައިގަނޑު 11 ވޯޓާ އެޓްރެކްޝަނާއި ޚިދުމަތްދޭ 30 ވަސީލަތް ހިމެނެއެވެ. މި ގޮތުން، އެ ތަނުގައި އަށް ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި ފޯރިގަދަ 'ޓޯނޭޑޯ ސްލައިޑަކާއި 290 މީޓަރުގެ ދިގު 'ލޭޒީ ރިވާއަކާއި 900 އަކަމީޓަރުގެ 'ނިއުމެޓިކް ވޭވް ޕޫލް'އަކާއި 1,900 އަކަމީޓަރުގެ 'ސްޕްލޭޝް ޕެޑް' އަދި 'ވޯޓާ ހައުސް'އެއް ގާއިމުކުރާނެއެވެ.
މީގެ އިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަކޮށް، ކިޑްސް ބޫމަރޭންގް ސްލައިޑް'، 'ޓޮޑްލަރ ޕޫލް'، 'ކިޑްސް ސްލައިޑްސް' އަދި އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ 'ސްޕާ ޕޫލް' އެއް ހިމެނެއެވެ. އަދި، މޫދު ފެންނަ ގޮތަށް އޮންނަ 230 އަކަމީޓަރުގެ 'އިންފިނިޓީ ބަބްލް ޕޫލް'އަކާއި، މޫދު މަތީގައި އޮންނަ 'އިންފްލޭޓަބަލް ޗެލެންޖް ގޭމްސް'، ކޯސްޓަލް ވޯޓަރ ސްލައިޑް، 'އޯވަހޭންގިންގ ވިއުއިންގ ޕްލެޓްފޯމް'، އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެއެވެ.
ވޯޓާ ތީމް ޕާކު ތަރައްގީކުރާ ގޮތުގެ ކުރެހުމެއް: އެ ތަނުގެ މަސައްކަތް އަލުން ފެށީ ނުވަ އަހަރަށް ފަހު ---އެ ތަނުގައި 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތެއް ތަރައްގީކުރަން އާ މާސްޓަރ ޕްލޭންގައި ހިމަނާފައިވާއިރު، ފަސް ފަންގިފިލާގެ އޮފީހަކާއި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތަކާއި ރެސްޓޯރެންޓަކާއި ފޮޓޯ ނަގާ ޚާއްޞަ ތަންތަނުގެ އިތުރަށް، މަލްޓިމީޑިއާ ޒޯން އަދި ޕާކިން ޖާގަތައް ވެސް ހިމެނެއެވެ.
ވޯޓާ ތީމް ޕާކާ ގުޅިގެން ތަރައްގީކުރާ ވޯކޯ ރިސޯޓް ހޮޓަލުގައި ޖުމުލަ 250 ކޮޓަރިއާއި ސުއިޓް ހިމެނެއެވެ. މީގެ އިތުރުން 95 ސާވިސްޑް އެޕާޓްމަންޓާއި ދިގު މުއްދަތަށް ކުއްޔަށް ދޭ 15 ލޯންގް-ސްޓޭ އެޕާޓްމަންޓް އަދި ބީޗްފްރަންޓް 3 ހޮޓެލް ވިލާ ހިމެނެއެވެ.
މީގެ އިތުރުން، 2,942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގައާއި ސްޓޯލް ކުއްޔަށް ދޫކުރާ ވައިރަލް މާކެޓަކާއި 3,550 އަކަމީޓަރުގެ ހަ ފަންގިފިލާ އާއި ތިން ފަންގިފިލާގެ ދެ އޮފީސް އިމާރާތް އަލަށް ތަރައްގީކުރާނެއެވެ. އަދި، މިހާރު ހުރި އިމާރާތްތައް ވެސް މަރާމާތުކޮށްގެން ބޭނުންކުރަން ވަނީ ހަމަޖެހިފައެވެ. މި އިމާރާތްތަކުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ ޒަމާނީ އިންތިޒާމު ހަމަޖައްސަން ވެސް ވަނީ ނިންމާފައެވެ.
ވޯޓަރ ތީމް ޕާކު މަޝްރޫއު އަލުން ފެށުމަކީ، ހުޅުމާލޭގައި އެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސް، ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތަކަށް ހައްލު ހޯދައިދީ، އެ ތަންތަނުގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކަށް އިތުރުވި މުހިންމު ބޮޅެއްގެ ގޮތުގައި އެޗްޑީސީން ސިފަކުރެއެވެ.