ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުތައް ސިންދަފާތުކޮށް، ހަލާލް ޓޫރިޒަމް ފުޅާކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރު މިއަދު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ނެރުނު "ޓޫރިޒަމް ޑޭ ސަޕްލިމެންޓް 2026" ގައި އާންމުކުރެއްވި ހިތާބެއްގައި ޔާސިރު ވިދާޅުވީ، މިކަމަށް ގޮވާލެއްވީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ޖިއޮޕޮލިޓިކަލް މައްސަލަތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިލުންތެރިކަން ވަރުގަދަކުރަން ޖެހިފައިވާތީ ކަމަށެވެ.
ފާއިތުވި އަހަރަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވިލުންތެރިކަން ބިނާކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަ އަހަރެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ބައިނަލްއަގުވާމީ މައި މާކެޓުތަކާއި ރާއްޖެއާ ގުޅުވައިދޭ ވައިގެ މަގުތަކަށް ޖިއޮޕޮލިޓިކަލް މައްސަލަތަކުގެ ސަބަބުން ކުރިމަތިވި ހުރަސްތަކާއެކު، އާ މާކެޓުތައް ހޯދުމަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުން މުހިންމުކަން ފާހަގަކުރައްވައި، ޔާސިރު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިންނާ ހަމައަށް ވާސިލުވުމަށް ޑިޖިޓަލް ޓްރާންސްފޯމޭޝަން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. މިގޮތުން، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ހިންގާ ކެމްޕޭންތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ހަރަކާތްތެރިވުން އިތުރުކުރުމަކީ ފަތުރުވެރިންގެ އާދަތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ މިސާލެއްގެ ގޮތުން، ރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ޒިޔާރަތްކުރެވޭނެ މަންޒިލެއްކަން އަންގައިދިނުމަށް ސިނާއަތުގެ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރިއަށްގެންދިޔަ "ސީޒަނަލް ސަމާ" ކެމްޕޭން އޭނާ ފާހަގަކުރެއްވިއެވެ.
މުސްތަގުބަލުގައި މާކެޓުތައް ސިންދަފާތުކުރުމަށް އޮތް އެންމެ ބޮޑު އެއް ފުރުސަތަކީ ހަލާލް ޓޫރިޒަމްކަން ފާހަގަކުރައްވައި ޔާސިރު ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުމާއެކު، އިސްލާމީ އާދަކާދަތައް ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހަލާލް ކާބޯތަކެއްޗާއި ނަމާދުކުރެވޭނެ އިންތިޒާމުތައް ފަސޭހައިން ލިބެން ހުރުމަކީ، މުސްލިމް ފަތުރުވެރިންނަށް އެ މީހުންގެ ދީނީ ވާޖިބުތަކަށް ރައްކާތެރިވަމުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފަތް ތަޖުރިބާކުރުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަމަކީ ބައިނަލްއަގުވާމީ ހަލާލް ޓޫރިޒަމް މާކެޓުގައި ރާއްޖޭގެ ހިއްސާ ފުޅާކުރުމަށް އޮތް ވަރަށް ވަރުގަދަ ބިންގަލެއް ކަމަށް ވީއެމްސީގެ ސީއީއޯ ވިދާޅުވިއެވެ.
ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން ހޯދާފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި މެދުކެނޑުމެއްނެތި އީޖާދީ ބަދަލުތައް ގެނައުމާއި، ޑިޖިޓަލް ތަރައްގީއާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުން މުހިންމުކަން ޔާސިރު ފާހަގަކުރެއްވިއެވެ. ޔާސިރު ވިދާޅުވި ގޮތުގައި، އެންމެން ގުޅިގެން ވިލުންތެރިކަން ބިނާކުރުމުން ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ވިލުންތެރި ލީޑަރެއްގެ ގޮތުގައި ދެމިއޮންނާނެކަން ކަށަވަރުކުރެވޭނެއެވެ.