އީދަށް ރަށްރަށް ނުދިއްލުމަކުން ނުފުދޭ، އަޅަން ޖެހި ނާޅާ ހުރި ފިޔަވަޅު މާ ގިނަ!

އެނގޭހެއްޔެވެ! ސިންގަޕޫރުގެ ވިޔަފާރިއާއި ޖީޑީޕީގެ ނިސްބަތަކީ ދުނިޔޭގެ އެންމެ މަތީ މިންވަރެވެ. ހިސާބުތަކަށް ބަލާއިރު މި ނިސްބަތް ހުރީ 320 އިންސައްތައިގައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެހިސާބުތަކަށް ބަލާއިރު، ބޮލަކަށްޖެހޭ ޖީޑީޕީ ދެވަނައަށް އެންމެ މަތީ އެގައުމެވެ. ސިންގަޕޫރުގެ ބަނދަރަކީ މުދާއުފުލާ މިންވަރަށް ބަލާއިރު ދުނިޔޭގެ ހަވަނައަށް އެންމެ ބާރުބޮޑު ބަނދަރެވެ. އަދި އެއީ ދުނިޔޭގެ އެންމެބާރުބޮޑު ޓްރާންޝިޕްމަންޓް ބަނދަރުވެސް މެއެވެ. އެހާ ވެސް މުއްސަނދި, ވަރުގަދަ އިގްތިސާދެކެވެ. ނަމަވެސް މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެ ގައުމުގައި ވެސް "ހާސްކަމެއް" އެބަ އުޅެއެވެ. ކުރިއާލައި ޚަރަދު ކުޑަކުރުމަށާއި ހަކަތައިގެ ޔަގީންކަން ހޯދުމަށް ފިޔަވަޅުތައް އެބަ އަޅައެވެ.

ނަމަވެސް ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައިވާ, އަދި ހަކަތައާއި އަސާސީ ތަކެއްޗަށް ބެލި ނަމަވެސް މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ މި ކުޑަކުޑަ ރާއްޖެ މި ފެންނަނީ "ހާސްކަނޑާލާފައި" އޮންނަތަނެވެ. ކުރިއަށް ބޮޑު އިންތިޚާބެއް އޮތްކަން އެނގެއެވެ. އެކަމަކު ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާފަދައިން ގައުމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ ނުރައްކަލަކާ ކުރިމަތިވުމުގެ ބިރު އެބައޮތެވެ. އެހެންކަމުން އިގްތިސާދު ސަލާމަތް ކުރަން އަވަސް ފިޔަވަޅުތަކެއް ރާއްޖެއަށް މުހިންމެވެ. ހަރަދު ކުޑަކުރަން އެބަޖެހެއެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން ވެސް އެތައް ފިޔަވަޅެއް އަޅާއިރު އަދި ހަމަގައިމު ވެސް ދިވެހި ސަރުކާރު ފެންނަނީ "ހާސްކަމެއް ނެތި" ވަރަށް ހަމަޖެހިގެން އޮތް މަންޒަރެވެ.


މެދުއިރުމަތީގައި ފެށިފައިވާ އީރާން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރާ ހުރްމޫޒް ކަނޑުއޮޅި މިއޮތީ ނުރައްކާ ހާލަތެއްގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ ކުއްލިއަކަށް 110 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. މިއީ 1970 ގެ އަހަރުތަކަށްފަހު ދުނިޔެ ދެކޭ އެންމެ ބޮޑު ހަކަތައިގެ ކާރިސާއެވެ.

https://www.sun.mv/219292

މި ނާޒުކު ދަނޑިވަޅުގައި، އަމިއްލަ އެއްވެސް އުފެއްދުންތެރިކަމެއް ނެތް، އަދި މުޅިން ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއަށް މިކަމުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. ރާއްޖެއަކީ ކާބޯތަކެއްޗާއި،ބޭހާއި، ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތެޔޮވެސް ސައްތައިން ސައްތަ ބޭރުން އެތެރެކުރާ ގައުމަކަށް ވާއިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ސީދާ ދިވެހި ރައްޔިތުންގެ ޖީބަށް އޭގެ އަސަރުކުރާނެ ކަމެކެވެ. ތެލާއި ބޭހާއި ކާޑުގެ ބާވަތްތަކުން ފެށިގެން އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާ ހަމައަށް ހުރިހާ އެއްޗެއްގެ އަގު އުފުލުމުގެ ބިރު ވަނީ ހީވެފައެވެ. ނަމަވެސް، ދުނިޔޭގެ އެހެން ގައުމުތަކާ ޚިލާފަށް، ރާއްޖެއިން މިކަމާ ގުޅިގެން އެކަށީގެންވާ މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރެއް އަދި ނުފެނެއެވެ. ރާއްޖެ އޮތީ "ހާސްނުވެ"އެވެ.


އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން ސަލާމަތްވުމަށް، ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. ތެލާއި ގޭހުގެ އަގު 39 އިންސައްތައަށް އުފުލިފައިވާއިރު،ޔޫރަޕާއި އޭޝިއާގެ ގައުމުތަކުން ދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުއްލި ފިޔަވަޅުތައް ތަންފީޒުކުރަމުންނެވެ. އެ ގައުމުތަކުގެ ސަރުކާރުތަކުގެ ބަޖެޓުން ކުރާ އާންމު ހަރަދުތައް ކުޑަކޮށް، އައު މަޝްރޫއުތައް މަޑުޖައްސާލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މިސާލަކަށް، ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ގައުމީ ފެންވަރުގައި ކެމްޕެއިންތައް ފަށާފައެވެ. އޭވިއޭޝަން އަދި ޝިޕިން ސިނާއަތްތަކަށް އައިސްފައިވާ ހީނަރުކަމާއެކު، ލޮޖިސްޓިކްސް ޚަރަދުތައް ކުޑަކުރުމަށް އެ ގައުމުތަކުގެ ކުންފުނިތަކުން ދަނީ އައު ގޮތްތައް ހޯދަމުންނެވެ.

މީގެ އިތުރުން، އިންފްލޭޝަން މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށްޓަކައި އެ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ދަނީ މަނިޓަރީ ސިޔާސަތުތައް ހަރުކަށި ކުރަމުންނެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ގޮތުގައި، މި ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ، ދުނިޔޭގެ އިގްތިސާދީ ދުވެލި 0.3 އިންސައްތަ ދަށަށް ގޮސް، އިންފްލޭޝަން 0.6 އިންސައްތަ މައްޗަށް ދާނެއެވެ. އެހެންކަމުން، ބޮޑެތި ގައުމުތަކުން ދަނީ ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ތަދުމަޑުކަމަކަށް ތައްޔާރުވަމުންނެވެ. ސަޕްލައި ޗެއިންތަކަށް އަތުވެދާނެ ބުރޫއެރުމަކުން ސަލާމަތްވުމަށްޓަކައި، ޒަރޫރީ މުދާ ރައްކާކުރުމުގެ މަސައްކަތްވެސް ބައެއް ގައުމުތަކުން ވަނީ ފަށާފައެވެ. މިފަދަ ބޮޑެތި ފިޔަވަޅުތައް އެ ގައުމުތަކުން އަޅަމުންދަނީ، ކާރިސާއެއް ކުރިމަތިވުމުގެ ކުރިން ރައްކާތެރިވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ވާތީއެވެ. އެ ގައުމުތަކުގެ މަނިޓަނީ އޮތޯރިޓީއިން ދަނީ ލަފާތައް ދެމުން, ފިޔަވަޅުތައް އަޅަމުންނެވެ.

ރައީސާއި މިނިސްޓަރު ސައީދު: -- ފޮޓޯ/ ބީސީސީ

ސިންގަޕޫރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ގަން ކިމް ޔޮންގް ވިދާޅުވީ، ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ މުދަލުގެ އަގުތައް އުފުލި، އެ އޮއްވަރުގަދަ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އެހެންކަމުން، ބޭރުން އެތެރެކުރާ މުދަލުގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށްޓަކައި ސިންގަޕޫރުގެ މަނިޓަރީ އޮތޯރިޓީ (އެމްއޭއެސް) އިން އަންނަނީ އެ ގައުމުގެ ފައިސާގެ އަގު ހިފެހެއްޓުމުގެ ސިޔާސަތުތައް ތަންފީޒުކުރަމުންނެވެ..

ރާއްޖޭގެ ފިޔަވަޅުތައް: ހަމައެކަނި އީދު ބޮކިފަތި ނުދިއްލުން؟

ދުނިޔޭގެ ގައުމުތަކުން މިފަދަ ބޮޑެތި ފިޔަވަޅުތައް އަޅަމުންދާއިރު، ދިވެހިރާއްޖެއިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި މިހާތަނަށް އިއުލާނުކުރި ހަމައެކަނި ބޮޑު ފިޔަވަޅަކީ، ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ރަށްރަށުގައި ބޮކިފަތި ނުދިއްލުމެވެ. ސަރުކާރުން ނިންމާފައިވަނީ އީދު ބޮކިފަތި ހަމައެކަނި މާލެ ސަރަހައްދާއި، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި އެކަނި ދިއްލުމަށެވެ. މިއީ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑެތި އިސްރާފުތަކާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. މި ފިޔަވަޅަކީ އިގްތިސާދީ ބޮޑު ކާރިސާއަކުން ސަލާމަތްވުމަށް އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅެއް ނޫންކަން އިގްތިސާދީ މާހިރުން ފާހަގަކުރައްވައެވެ.

މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތު އާންމުންނަށް ސާފުކޮށްދިނުމުގައި ސަރުކާރުން ވަނީ ފަހަތު ފަޔަށް ބުރަ ވެފައެވެ. މުޅިން ވެސް ހާމަ ކުރީ ހާސް ކަމެއް ނެތް ވާހަކައެވެ. ރައްޔިތުން އަޅަންވީ ފިޔަވަޅެއް ނުބުނެއެވެ. މަރުކަޒީ ބޭންކު ވެސް އޮތީ ވަރަށް ހިމޭނުންނެވެ. އެންމެ ބޮޑު މައްސަލައަކީ އެއީއެވެ. ރައްޔިތުންނަށް ވާނުވާ ބުނެ ނުދިނުމެވެ.

"ދުނިޔެއަށް އަންނަ ދަތިކަމެއް ރާއްޖެއަށް އަންނާނެ. ހާއްސަކޮށް ރާއްޖެ ފަދަ އުފެއްދުންތެރިކަމެއް ނެތް. ހަމަ އެކަނި ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް އަސަރު ބޮޑުވާނެ. ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ މެދުއިރުމަތީގެ އެއާޕޯޓްތައް އެ އޮތީ ގާތްގަނޑަކަށް ހުއްޓިފައި. އޭގެ ސަބަބުން ޓޫރިސްޓުން އަންނަލެއް ވަރަށް ބޮޑަށް އެބަ މަދުވޭ. މިއީ އާމްދަނީ ދަށް ވާނެ ކަމެއް. އެހެންވީމަ ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރާނެ. އެއީ ސަރުކާރުގެ މައްސަލައެއް ނޫން. ނަމަވެސް މައްސަލައަކީ ކަންކަން ހާމަ ނުކުރުމާއި އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި މާ ކޫލްކޮށް ތިބުން," ހުރި ވަޒީފާގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

https://www.sun.mv/219085

ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮލް ރަނގަޅަށް އެބަހުރި ކަމަށް ވިދާޅުވިތާ ދެތިން ދުވަސް ނުވެ, ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ސަރުކާރުން ވަނީ ތެލުގެ އަގު އާއްމުންނަށް ބޮޑުކޮށްފައެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ ސަރުކާރުގެ ކުންފުނި, އެސްޓީއޯ މެދުވެރިކޮށް ޕެޓްރޯލް ލީޓަރެއްގެ އަގު 13.50 ރުފިޔާއިން 16.01 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއްގެ އަގު 13.92 ރުފިޔާއިން 17.54 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. އެކަން އެސްޓީއޯއިން އިސްވެ ހާމަ ކުރިއެވެ. ނަމަވެސް މި ހަފުތާގެ ތެރޭގައި އެއްވެސް އާއްމު އިއުލާން ކުރުމަކާ ނުލައި އެސްޓީއޯއިން ވަނީ ވިޔަފާރިތަކަށް ތެޔޮ ވިއްކާ ނިސްބަތް ރާއްޖޭގެ ތާރީހުގައި ވެސް މަތި ނުވާ ވަރަށް މަތި ކޮށްފައެވެ. އެއާއެކު އާއްމު ދަތުރުފަތުރުގެ އަގުތައް އުފުލުނެވެ. ފަހުން ސަރުކާރުން ވަނީ އާއްމު ފަތުރުފަތުރަށް އަގު ހެޔޮކޮށް ތެޔޮ ވިއްކާނެ ކަން ހާމަ ކޮށްފައެވެ.

ގޭހަށް ގެނައި ކޮންޓްރޯލް ވެސް ހަމަ އެގޮތެވެ. މޯލްޑިވް ގޭހުން 10 ކިލޯގެ ގޭސްފުޅިއެއް މި ފަހުން ވިއްކަން ފެށީ ގަސް ކިލޯގެ ގޭސް އަޅައިގެންނެވެ. ނަމަވެސް އެ ކަން ވެސް އެ ކުންފުނިން އިސްވެ ހާމަ ކުރީއެއް ނޫނެވެ. ނޫސްވެރިންނަށް އެކަން އެނގިގެން އެ ވާހަކަ ލިޔުނީއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އޮތްކަން އެނގޭ

ކިތަންމެ މުހިންމުވި ނަމަވެސް ސަރުކާރަށް ހަރުދަނާ އިގްތިސާދީ ފިޔަވަޅުތަކެއް އަޅަން ނުކެރިގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާއި މައި ދެ އިންތިޚާބު އެއް ދުވަހަކާ ބޭއްވުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ވޯޓް ކަމަށް, ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ. މިއީ މިފަދަ ހާލަތެއްގައި އިގްތިސާދީ ދަތިކަމެއްގެ ތެރޭގައި ދައުލަތަށް އުފުލަންޖެހޭ ވަރަށް ބޮޑު މާލީ ބުރައެކެވެ. އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދަތިވާ ފަދަ ފިޔަވަޅުތަކެއް އެޅުމަކީ ސިޔާސީ ގޮތުން ގެއްލުންވާނެ ކަމެއް ކަމަށް ސަރުކާރަށް ގަބޫލުކުރެވެނީ ކަމަށް ވެދާނެއެވެ. ވޯޓު ހޯދުމުގެ ބޭނުމުގައި، އިގްތިޞާދީ ހަގީގަތްތައް ރައްޔިތުންނަށް ފޮރުވުމަކީ ސިޔާސީ ޕާޓީތަކުން އާންމުކޮށް ކުރާ ކަމެކެވެ.

އެހެންކަމުން، އާއްމުކޮށް ގިނަ ހިސާބުތަކެއް ހާމަ ކުރައްވާ, އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް އޮފިޝަލުން ގެންދަވަނީ ގައުމުގައި އެއްވެސް އިގްތިސާދީ ހާސްކަމެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ބޮޑު ބަދަލާއެކުވެސް، ރާއްޖޭގެ އިގްތިސާދު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށް ދައްކަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، މިއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އިގްތިސާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ. އިންތިހާބުން މޮޅުވުމަށްޓަކައި ގައުމުގެ އިގްތިޞާދީ ހާލަތު އޮޅުވާލުމަކީ ދުރު ރާސްތާގައި ރާއްޖެއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. ރައްޔިތުންނަށް ހަގީގަތް ހާމަނުކޮށް، ކުއްލިއަކަށް ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިއްޖެނަމަ، އޭގެ ގެއްލުން މާ ބޮޑުވާނެއެވެ.

މިއީ އިސްރާފު ކުޑަ ކުރަންވީ ވަގުތު

އިގްތިސާދީ ތަޖުރިބާކާރުންނާއި އިދިކޮޅު ސިޔާސީ ބޭފުޅުން ދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކެނޑިނޭޅި އާދޭސް ކުރަމުންނެވެ. ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބައިނަލްއަގްވާމީ މާލީ އިދާރާތަކުންވެސް ވަނީ ރާއްޖޭގެ ދަރަނި ބޮޑުވަމުންދާތީ،ޚަރަދު ކުޑަކުރުމަށް ތަކުރާރުކޮށް ލަފާދީފައެވެ. ނަމަވެސް، މި ގޮވާލުންތަކަށް އެހެން ސަރުކާރުތަކެކޭ އެއްގޮތަށް މި ސަރުކާރުން ވެސް ދޭ އެއްވެސް ބޮޑު އިޖާބައެއް ނެތެވެ. ސަރުކާރުގެ އަމަލުތަކުން ފެންނަނީ މުޅިން އިދިކޮޅު މަންޒަރެކެވެ.

https://www.sun.mv/219397

ޚަރަދު ކުޑަކުރުމުގެ ބަދަލުގައި ފެންނަމުންދަނީ، އިންތިޚާބާ ދިމާކޮށް ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތައް ކޮށްގެން ކެމްޕެއިން ކުރަމުންދާ މަންޒަރެވެ. ސިޔާސީ ބޭނުމަށްޓަކައި ކުންފުނިތަކަށާއި މިނިސްޓްރީތަކަށް ގިނަ އަދަދެއްގެ ވަޒީފާތައް ދަނީ ބަހަމުންނެވެ. މިއީ ދައުލަތުގެ ރިކަރަންޓް ޚަރަދު އިންތިހާއަށް ބޮޑުވެގެންދާ ކަމެކެވެ. އަދި އެއްވެސް ރޭވުންތެރިކަމެއް ނެތި، ކުއްލި ކުއްލިއަށް ރަށްރަށުގައި ބޮޑެތި މަޝްރޫޢުތައް ފަށައި، ދައުލަތުގެ ފައިސާ ދަނީ އިސްރާފު ކުރަމުންނެވެ.

ބަނދަރު ހެދުމާއި، މަގު ހެދުން ފަދަ މަޝްރޫޢުތައް އިންތިޚާބާ ދިމާކޮށް ފެށުމަކީ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ނަމަވެސް، މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެކަން ކުރުމަކީ އިގްތިސާދީ ގޮތުން ބަލާއިރު ވަރަށް ބޮޑު ގޯހެކެވެ. އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ނެތި، ހަމައެކަނި ސިޔާސީ މަންފާއަށްޓަކައި ކުރާ މިފަދަ ޚަރަދުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި މަތިވުން ނޫން އެހެން ކަމެއް ނުވާނެއެވެ. ބޭރުގެ ދަރަނި ދެއްކުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، އެތެރޭގެ ޚަރަދުތައް ކޮންޓްރޯލް ނުކުރެވުމަކީ މާލީ ނިޒާމު ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމެކެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ, މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި، ރާއްޖޭން އަވަސް އިޞްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެންމެ ފުރަތަމަ ކަމަކަށް، ސިޔާސީ ބޭނުމަށް އުފައްދާފައިވާ ވަޒީފާތައް މަދުކޮށް، ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ވަގުތުން ކުޑަކުރަން ޖެހެއެވެ. ދެވަނަ ކަމަކަށް، ކޮންމެހެން ހިންގަން ނުޖެހޭ ބޮޑެތި އުމްރާނީ މަޝްރޫއުތައް މަޑުޖައްސާލައި، އެ ފައިސާ އިގްތިސާދު ހިފެހެއްޓުމަށް ބޭނުންކުރަން ޖެހެއެވެ. މިއީ އައިއެމްއެފް ފަދަ އިދާރާތަކުންވެސް އެންމެ ބޮޑަށް ބާރުއަޅާ އެއް ކަމެވެ.

މީގެ އިތުރުން، ތެލާއި ކަރަންޓަށް ދެމުންގެންދާ ސަބްސިޑީތައް މުރާޖައާކޮށް، ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ސަބްސިޑީ ދޭ ނިޒާމަކަށް ބަދަލުކުރުމަކީވެސް މުހިންމު ކަމެކެވެ. މުއްސަނދިންނާއި ފަގީރުންނަށް އެއް ހަމައެއްގައި ސަބްސިޑީ ދިނުމަކީ ދައުލަތަށް އުފުލޭނެ ބުރައެއް ނޫނެވެ. ދިގު މުސްތަގުބަލުގައި, ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި، އިގްތިސާދު ސިންދަފާތުކޮށް، އާމްދަނީ ލިބޭނެ އެހެން މަގުތައް ހޯދަން ޖެހެއެވެ.

ސަރުކާރުން އިންތިޚާބަށްވުރެ ގައުމުގެ މުސްތަގުބަލު އިސްކޮށް، ހަގީގަތާ ކުރިމަތިލައިގެން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، އީރާން ހަނގުރާމައިގެ އިގްތިސާދީ ރާޅުގެ ދަށުވެ، ދިވެހިރާއްޖެ ފުން ވަޅުގަނޑަކަށް ވެއްޓުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަށްވުރެ، ގައުމުގެ އިގްތިސާދީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ނިންމާ ނިންމުންތައް މާ މުހިންމެވެ. ހަމައެކަނި ރަށްރަށުގައި ބޮކިފަތި ނުދިއްލުމަކީ އަދި ހައްލެއް ނޫނެވެ. އެއަށް ވުރެން އަޅަން ޖެހޭ މާ މުހިންމު ފިޔަވަޅުތައް އެބަހުއްޓެވެ.

comment ކޮމެންޓް