އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބުގެ ކަންކަމަށް އެއްވެސް ބުރުލެއް ނާރާނެ: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް: ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބު ކަންކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

ރޭ އަލިފާނުގެ ހާދިސާ ހިނގީ، އިންތިޚާބީ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށްވީ ނަމަވެސް، އަންނަ މަހު ބާއްވާ ތިން އިންތިޚާބުގެ ކަންކަމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އެ ހާދިސާ ހިނގީ، މާލޭ އިއްޒުއްދީން މަގުގައި ހުންނަ ޕްރައިމް ގޯޑައުން ގުދަނުގައެވެ. އެތަނުގައި ކެމިކަލްއާއި ގަސް ކާނާ ރައްކާކޮށްފައި ހުރިއިރު، މި ހާދިސާގައި އެ ގުދަން ވަނީ އަނދާފައެވެ. އީސީގެ އިންތިޚާބީ މަރުކަޒު ހުރީ ރޯވި ގުދަނާ ޖެހިގެންނެވެ.

https://sun.mv/219400

މި ހާދިސާ ގުޅިގެން އެ ސަރަހައްދުގައި ހުންނަވައި، މީޑީއާތަކަށް ދެއްވި އިންޓަވިއުއެއްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އެ މަރުކަޒުގައި ހުރި އިންތިޚާބަށް ބޭނުންވާ ލިޔެކިޔުންތައް ރައްކާތެރިކަމާ އެއްކޮށް ނެރެފައިވާ ކަމަށެވެ.

އެހެންވެ، އެއްވެސް ބުރުލެއް ނާރާ އަންނަ މަހު ހަތަރެއްގައި އިންތިޚާބު ބޭއްވޭނެ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ. އަދި، އިންތިޚާބީ މަރުކަޒަށް ވަދުމުގެ ހުއްދަ އެމްއެންޑީއެފްގެ ފަރާތުން ލިބެންދެން ހުރިހާ މަސައްކަތްތައް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، އަލިފާން މިހާރު ނިއްލާފައިވާއިރު، އެ ސަރަހައްދުގައި ދުން ބޯވުމުގެ ސަބަބުން 15 ގެއަކުން ވަނީ މީހުން ހުސްކޮށްފައެވެ. ހަތްދިހަ ހަތް މީހުންނަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް