ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާ މި ދަނދިވަޅުގައި މާލެއިން ރަށްރަށަށް ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކުން ވެސް، މުދަލުން ނަގާ ނާލު އަގު ބޮޑުކުރަން ފަށައިފިއެވެ.
އަތޮޅުތަކަށް ދަތުރުކުރާ ބޯޓުފަހަރުގެ ނާލު ބޮޑުކުރަން ފަށާފައިވާކަމުގެ މައުލޫމާތު 'ސަން'އަށް ވަނީ ލިބިފައެވެ. އެ ގޮތުން. ހއ. އަށް ދަތުރުކުރާ ބޯޓަކުން ވަނީ، އެ ބޯޓުން މީގެ ކުރިން ނަގާ އަގަށް، ކޮންމެ އެއްޗަކުން އިތުރަށް ފަސް ރުފިޔާ ނަގަން ނިންމާފައިވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން، ލ އަތޮޅަށް ދަތުރުކުރާ ބައެއް ބޯޓުތަކުން ވެސް ވަނީ އެ ބޯޓުތަކަށް އަރުވާ ތަކެތީގެ ނާލު ބޮޑުކޮށްފައިވާ ކަމަށް ބުނެފައެވެ. ބައެއް ބޯޓުތަކުން ނާލުގެ ގޮތުގައި ނަގާ އަގަށްވުރެ އިތުރުރަށް 10 ރުފިޔާ ވެސް ނަގަން ވަނީ ނިންމާފައެވެ.
މި ބަދަލާ އެކު މުދަލުގެ އަގަށް ވެސް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ. ރަށްރަށުގެ ވިޔަފާރިތަކުން އާންމުކޮށް މި ބޯޓުތަކުގައި މުދާ އުފުލާއިރު، ނާލުގެ އަގަށް އަންނަ ބަދަލާ އެކު ތަކެތީގެ އަގަށް ވެސް އެ ބަދަލު އަންނާނެ ކަމަށް ލަފާކުރެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ތެލުގެ އަގު ބޮޑުވެ، ރަށްރަށަށް ދަތުރުކުރާ ލޯންޗުތަކުން ވެސް ވަނީ ޓިކެޓު އަގުތައް ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ.
މެދު އިރުމަތީގައި ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ނިސްބަތުން ބޮޑު އިންސައްތައެއްގެ ތެޔޮ އުފުލާ ހޮރުމުޒް ކަނޑުއޮޅި ވަނީ ގާތްގަނޑަކަށް ބަންދުވެފައެވެ. އެއާއެކު، މުޅި ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.
ރާއްޖެއަށް ގެންނަ ތެޔޮ ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްގެން ގެންނަން ނުޖެހުނު ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން، ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ އުފުލިފައެވެ.
އެގޮތުން، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެފްއެސްއެމްއިން ވަނީ ހޯމަ ދުވަހު ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމާފައެވެ. އޭގެ ތެރޭގައި، ރަށްރަށަށް ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކާއި، ބައުޒަރުން ޖެޓީއަށް ގޮސް ތެޔޮ އަޅައިދޭ އަގުތައް ވެސް މަތިކުރަން ނިންމިއެވެ.
އެހެންވެ، އަމިއްލަ ލޯންޗު އޮޕަރޭޓަރުން ވަނީ ޓިކެޓުގެ އަގުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މާލެ ކައިރި ރަށްރަށަށް ކުރާ ދަތުރުތަކުގެ ޓިކެޓް 600 ރުފިޔާއަށް ބޮޑުކުރިއިރު، ފ. އަތޮޅާއި ދ. އަތޮޅަށް ދަތުރުކުރާ ލޯންޗުތަކުގެ ޓިކެޓް އަގު ވަނީ 900 ރުފިޔާއަށް ބޮޑުވެފައެވެ. އަދި، ލ އަތިޅާއި ތ އަތޮޅަށް ދަތުރުކުރާ ލޯންޗުތަކުގެ ޓިކެޓު އުޅޭނީ، 1600 އަށްވުރެ މަތީގައެވެ.
އަގު ބޮޑުވުމުގެ އިތުރުން، ބައެއް ލޯންޗުތަކުން ހަފުތާގެ ކޮންމެ ދުވަހަކު ކުރަމުން އައި ދަތުރުތައް ވެސް ވަނީ ވަކި ދުވަސްތަކަށް މަދު ވެސް ކޮށްފައެވެ.
ނަމަވެސް، އެސްޓީއޯއިން މިހާރު ވަނީ އަގުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން، ޕަބްލިކް ފެރީއާއި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަަމަޖައްސައިދޭން ނިންމާފައިވާކަން އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.
އެ ބަދަލު ގެނައި ނަމަވެސް، މިހާތަނަށް ރަށްރަށަށް ކުރާ ލޯންޗު ދަތުރުތަކުގެ އަގު އަދި ހެޔޮކޮށްފައެއް ނުވެއެވެ. ތެލުގެ އަގަށް އައި ބަދަލާއެކު، ބައެއް ރަށްރަށުގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 29 ރުފިޔާއާ ހަމައަށް އުފުލިފައެވެ.