ބީއެމްއެލްއިން ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭނެ އިތުރު ފުރިހަމަކަމެއް: ސީއެމްޑީއޭގެ ސީއީއޯ

ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު-- ފޮޓޯ: ޕީއެސްއެމް ނިއުސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ހިއްސާތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ބަދަލުތަކުގެ ތެރޭގައި ހިއްސާ ބައިކުރުމާއި (ސްޓޮކް ސްޕްލިޓް) އަދި ބޯނަސް ހިއްސާ ދޫކުރުން ހިމެނެއެވެ. ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ފާހަގަކުރެއްވި ގޮތުގައި، މި ފިޔަވަޅުތަކުގެ ސަބަބުން ހިއްސާގެ އަގު ހެޔޮވެ، އާންމު އިންވެސްޓަރުންނަށް ހިއްސާ ގަތުމަށް ފަސޭހަވެ، މާކެޓުގެ ލިކުއިޑިޓީ އިތުރުވެގެން ދާނެއެވެ. މިއީ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކުރުމަށާއި، ބޭންކުގެ ގްރޯތު ޕޮޓެންޝަލް ފުޅާކުރުމަށް އެޅޭ ވަރަށް ފުރިހަމަ ފިޔަވަޅެކެވެ.

  • ބީއެމްއެލްގެ ހިއްސާ ވަން އިޒް ޓު 10 ރޭޝިއޯއިން ބައިކުރުން
  • ހިއްސާގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަކުރުން
  • ހިއްސާގެ އަގު ހެޔޮވުމުން އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވުން
  • މާކެޓް ލިކުއިޑިޓީ އާއި ޓްރޭޑިން ހަރަކާތްތައް އިތުރުކުރުން
  • އާންމު ރައްޔިތުންނަށް ހިއްސާގެ ބާޒާރުގައި ބައިވެރިވުމަށް މަގުފަހިވުން

ބީއެމްއެލްގެ ހިއްސާތަކަށް ގެންނަ ބަދަލާއެކު ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީވެގެން ދާނެ ކަމަށް ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަނިކު ވަނީ ބީއެމްއެލްގެ ހިއްސާ 'ވަން އިޒްޓު 10 ރޭޝިއޯ' އިން ބައިކުރުމުން، ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއަކަށް ޖެހޭ އަގު ހެޔޮވުމުން، ހިއްސާ ގަނެ ވިއްކާ މިންވަރު އިތުރުވެ ފަހި ބަދަލުތަކެއް ހިއްސާގެ ބާޒާރަށް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

ހިއްސާ ވިއްކާ އަގުތައް މިހާރު ހުރީ، މަތީ އަގެއްގައި ހިފަހެއްޓިފައި ކަމަށާއި އެހެންނަމަވެސް ހިއްސާގެ އަގު ކުޑަ ވެއްޖެނަމަ ބެންކުގެ 'ގްރޯތު ޕޮޓެންޝަލް' އިތުރުވެގެންދާނެ ކަމަށް މަނިކު ވިދާޅުވިއެވެ.

ބެންކުން ހުށަހަޅާ ގޮތަށް ޝެއާ ސްޕްލިޓް ވީމާ ހިއްސާގެ އަގު ދަށްވެފައި އެ ވިއްކަން ފެށީމަ އަޅުގަނޑުގެ ލަފާކުރުމަކީ، މާދުރު ނޫން މުސްތަގުބަލެއްގައި ބޭންކުގެ ގްރޯތު އަދި މާކެޓް ކެޕިޓަލައިޒޭޝަން ތިން ގުނަ ނުވަތަ ހަތަރު ގުނައަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް،ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު

މަނިކު ވިދާޅުވި ގޮތުގައި ލިސްޓުކޮށްފައިވާ އެހެން ކުންފުނިތަކުން ވެސް ބީއެމްއެލްއިން ހިއްސާތަކަށް ގެނައި ފަދަ ބަދަލެއް ގެނައުމަކީ، ސީއެމްޑީއޭގެ އެދުމެކެވެ. އަދި އޭގެ ސަބަބުން އާންމު ރައްޔިތުންނަށާއި ކުންފުނިތަކަށް ވެސް ފައިދާވާނެ ކަމަށް މަނިކު ވިދާޅުވިއެވެ.

ބީއެމްއެލްއިން ހިއްސާ އަށް ގެންނަ ބަދަލުތައް:

ހިއްސާދާރުންގެ އަތުގައި 'ރެކޯޑް ޑޭޓް' (18 މާރިޗު 2026) އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާގެ ކޮންމެ އެއް ހިއްސާއަކަށް ދެ ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ އާންމު ޖަލްސާއަށް ހުށަހަޅާފައެވެ. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުމެވެ. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެއެވެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެއެވެ.

ހަމައެއާއެކު 'ވަން އިޒް ޓު 10 ރޭޝިއޯ' އަށް ހިއްސާ ބައިކުރުމަށް ބީއެމްއެލްއިން ވަނީ ނިންމައިފައެވެ. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުމެވެ. މި ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހަކަށް ޖުމްލަ 3000 ހިއްސާ ލިބޭނެއެވެ.

އެއާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން ފަސް ރުފިޔާއަށް ކުޑަވާނެ ކަމަށާއި މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކީ:

  • އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން
  • ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން
  • މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުން
  • މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން
  • ހިއްސާގެ އަގު ކުޑަވުމާއެކު މާކެޓުގައި އިންވެސްޓްރުންނަށް ބައިވެރިވުމަށް ހިތްވަރުދެވި، ލިކުއިޑިޓީ އަދި ޓްރޭޑިން ހަރަކާތްތައް އިތުރުވެގެން ދިޔުން
comment ކޮމެންޓް