އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރާނެކަމުގެ ޔަގީންކަން ދިނަސް، ލޯންޗު ދަތުރުތަކުގެ އަގު އަދި ހެވެއްނުވޭ

އަތޮޅުތެރޭގެ އެކި ރަށްރަށަށް ދަތުރުކުރާ ލޯންޗުތަކެއް ރަސްމީ ފާލަން ކައިރީގައި: އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރިޔަސް ލޯންޗު ދަތުރުތަކުގެ އަގު އަދި ހެޔޮވެފައެއް ނުވޭ — ސަން ފޮޓޯ/ ފަޔާޒް މޫސާ

ފެރީތަކާއި ލޯންޗުތަކަށް ވިއްކާ ތެލުގެ އަގު އެސްޓީއޯއިން ހެޔޮކޮށްދޭނެކަމުގެ ޔަގީންކަން ރޭ ދިން ނަމަވެސް، މިހާތަނަށް ރަށްރަށަށް ދަތުރުކުރާ ލޯންޗުތަކުން ޓިކެޓުގެ އަގަށް އަދި މާ ބޮޑު ބަދަލެއް ނުގެންނަކަން އަގުތަކުން ހާމަވެއްޖެއެވެ.

މެދު އިރުމަތީގައި ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ނިސްބަތުން ބޮޑު އިންސައްތައެއްގެ ތެޔޮ އުފުލާ ހޮރުމުޒް ކަނޑުއޮޅި ވަނީ ބަންދުކޮށްފައެވެ. އެއާއެކު، މުޅި ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

ރާއްޖެއަށް ގެންނަ ތެޔޮ ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްގެން ގެންނަން ނުޖެހުނު ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން، ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ އުފުލިފައެވެ.

އެގޮތުން އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެފްއެސްއެމްއިން އިއްޔެވަނީ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރަން ނިންމައިފައެވެ. އޭގެ ތެރޭގައި، ރަށްރަށަށް ތެޔޮ ޑެލިވަރީކޮށްދޭ އަގުތަކާއި، ބައުޒަރުން ޖެޓީއަށް ގޮސް ތެޔޮ އަޅައިދޭ އަގުތައް ވެސް މަތިކުރަން ނިންމިއެވެ.

ބަޔަކު ފުރަން ލޯންޗަށް އަރަނީ: އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރިޔަސް ލޯންޗު ދަތުރުތަކުގެ އަގު އަދި ހެވެއް ނުވޭ — ސަން ފޮޓޯ/ ފަޔާޒް މޫސާ

އެހެންވެ އެ ބަދަލު ގެނައުމުން، އަމިއްލަ ލޯންޗު އޮޕަރޭޓަރުން ވަނީ ޓިކެޓުގެ އަގުތަކަށް ވެސް އިއްޔެ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ ކައިރި ރަށްރަށަށް ކުރާ ދަތުރުތަކުގެ ޓިކެޓް 600 ރުފިޔާއަށް ބޮޑުކުރިއިރު، ފ. އަތޮޅާއި ދ. އަތޮޅަށް ދަތުރުކުރާ ލޯންޗުތަކުގެ ޓިކެޓް އަގު ވަނީ 900 ރުފިޔާއަށް ބޮޑުވެފައެވެ. އަގު ބޮޑުވުމުގެ އިތުރުން، ބައެއް ލޯންޗުތަކުން ހަފުތާގެ ކޮންމެ ދުވަހަކު ކުރަމުން އައި ދަތުރުތައް ވެސް ވަނީ ވަކި ދުވަސްތަކަށް މަދު ވެސް ކޮށްފައެވެ.

ބޮޑުވި އަގަށް ވިޔަފާރިތަކުން ބަދަލު ގެނެސް، އަގުތައް މައްޗަށް ދިއުމާއެކު ރޭ، އަނެއްކާ ވެސް އެސްޓީއޯއިން ވަނީ ނިންމުމަށް ބަދަލެއް ގެނެސްފައެވެ. އެގޮތުން ޕަބްލިކް ފެރީއާއި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަަމަޖައްސައިދޭން ނިންމާފައިވާކަން އެސްޓީއޯއިން ރޭ ވަނީ ހާމަކޮށްފައެވެ.

https://sun.mv/219299

އެ ބަދަލު ގެނައި ނަމަވެސް، މިހާތަނަށް ރަށްރަށަށް ކުރާ ލޯންޗު ދަތުރުތަކުގެ އަގު އަދި ހެޔޮކޮށްފައެއް ނުވެއެވެ.

ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުތައް ކުރާއިރު، މިއީ އެ މީހުންނަށް ކުރިމަތިވާނެ ބޮޑު ތަކުލީފެކެވެ.

މީގެ އިތުރުން، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޭނުންކުރާ ޖެޓް ފިއުލްގެ އަގު ވެސް އުފުލިފައިވާތީ، ކުރިއަށް އޮތް ތަނުގައި އެތެރޭގެ އުދުހުންތަކުގެ އަގު ވެސް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ތެލުގެ އަގަށް އައި ބަދަލާއެކު، ބައެއް ރަށްރަށުގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 29 ރުފިޔާއާ ހަމައަށް އުފުލިފައެވެ. އެހެންވެ، ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބައެއް މީހުން ޕެޓްރޯލް ގަންނަން، ބޮޑެތި ކިޔޫތައް އަންނަނީ ހަދަމުންނެވެ.

comment ކޮމެންޓް