ކުންފުނިތަކަށް ކުރާ ހޭދަ ހިމެނޭހެން ސަރުކާރުން ޚަރަދު ކުޑަކުރަން ޖެހޭ، ނޫނީ ރައްޔިތުންގެ އާމްދަނީ މަދުވޭ: ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތުޅާދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމްކުރައްވަނީ --- ފޮޓޯ: އެމްޑީޕީ

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލެމުންދާ ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން ކަމަށާއި، ސަރުކާރުން ކުރާ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އެއްޗެއް މަދުވާ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވާހެން، އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ވަނީ ކައުންސިލު އިންތިޚާބުގެ ކެމްޕެއިނަށް ބ. ތުޅާދުއަށް މިއަދު ވަޑައިގެންފައެވެ.

ތުޅާދުއަށް ވަޑައިގެން ނަޝީދު ވިދާޅުވީ، ދިވެހީން ތިބީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށާއި، ފަގީރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮވެ، މެދު އާމްދަނީގެ ގައުމަކަށް ބަދަލުވުމަށްފަހު، އަލުން އަނބުރާ ނިކަމެތި ގައުމެއްގެ ދަރަޖައަށް ދާން އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ.

އީސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާއި، އެ ގައުމުން ގަލްފުގެ އެހެން ގައުމުތަކަށް ދެމުންދާ ހަމަލާތަކުގެ މައްޗަށް އަލިއަޅުވާލައްވައި ނަޝީދު އިތުރަށް ވިދާޅުވީ، ދޭދޭ ގައުމުތަކުގެ މެދުގައި ދެބަސްވުން އިތުރުވެ، އަވައްޓެރި ގައުމުތަކުގެ މެދުގައި ހަނގުރާމައިގެ ހާލަތު އުފެދުމުގެ ސަބަބުން ދުނިޔޭގެ މަސްރަހު އަންނަނީ ބަނަވަމުން ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ތެލާއި ޒަރޫރީ ތަކެތީގެ އަގުތައް އުފުލޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"[މި ދަނޑިވަޅުގައި] ކުރާން އޮތް އެންމެ ރަނގަޅު ކަމަކީ ސަރުކާރުގެ ޚަރަދު ކުޑަކުރުން، ސަރުކާރުގެ ޚަރަދު ބޮޑުވި ވަރަކަށް ރައްޔިތުންނަށް ލިބެން އޮންނަ އާމްދަނީގެ މިންވަރު ކުޑަވެގެން އެބަދޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިދާ ނުވީމާ ކުންފުނިތަކަށް ފައިސާ ދޭންޖެހެނީ ސަރުކާރުން، ރައްޔިތުންގެ ފައިސާއިން ކަމަށެވެ. އެހެންވެ ނަޝީދު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮނިގަނޑު ބަދަލުކުރަން ޖެހޭ ކަމަށެވެ.

"ކޮބައިތޯ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މުސާރަ، ޕޭރޯލަށް ޚަރަދުކުރެވޭނެ މިންވަރަކީ، ކޮބައިތޯ ހަރު މުދަލަށް ޚަރަދުކުރަންޖެހޭނެ މިންވަރަކީ، ކޮބައިތޯ ރިކަރަންޓް ޚަރަދަށް ޚަރަދުކުރަންވީ މިންވަރަކީ، ކޮބައިތޯ ހޯދެން އޮތް އާމްދަނީއަކީ، މިއީ ގާނޫނީ އޮނިގަނޑެއްގެ ތެރޭގައި ކޮންމެހެންވެސް އަޅުގަނޑުމެން ބަހައްޓަންވީ ކަންކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒާއި ނަޝީދު: ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް ނަޝީދު ވަނީ ގޮވާލައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ދަރަނީގެ ހާލަތަށް އަލިއަޅުވާލައްވައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރަށް ވުރެ 140 ޕަސެންޓު އިތުރަށް ރާއްޖެ އޮތީ ބޭރު ގައުމުތަކަށާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ދަރާފައި ކަމަށެވެ.

އަންނަ އޭޕްރިލް މަހު ރާއްޖޭން ދައްކަން ޖެހޭ ބައި ބިލިއަން ޑޮލަރުގެ ސުކޫކަށް އަލިއަޅުވާލައްވައި ނަޝީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ތަކެތީގެ އަގު ބޮޑުކުރުން ނޫން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ނަމަވެސް, ތެލުގެ އަގު ވަނީ ބޮޑުވެފައިވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެހެންކަމުން ސުކޫކު ދައްކަން ފައިސާ ހުރި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ފައިސާ ހުރިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ.

ސަރުކާރުން ދަރަނި ދައްކާ ގޮތް އަލުން އަނބުރާ އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވެ، މިއީ ދަރަނި ދައްކަން އިތުރު ދަރަނި ނަގައި ދަރަނީގެ ދަންތުރައަކަށް ގައުމު ވައްޓާލަންވީ ވަގުތެއްނޫން ކަމަށްވެސް، ނަޝީދު ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމަ އަދި ވެސް ނުހުއްޓޭއިރު، ރިޒާވަށް އަސަރު ކުރުމުގެ ބިރު އޮތުމުން އިތުރު 100 މިލިއަން ޑޮލަރު ހޯދުމަށް އިންޓަލެޓަރަލް ދެ އެޖެންސީއަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވެފައިވެއެވެ.

https://sun.mv/219089

މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު މަތިވާތީ އިތުރަށް ކުރަން ޖެހޭ ޚަރަދު ފޫބެއްދޭނީ އެ ފައިސާ ހޯދައިގެން ކަމަށެވެ.

މި މަހު ކުރީކޮޅު ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ، އެ ސުކޫކު ދެއްކުމަށްޓަކައި ޖުމްލަ 650 މިލިއަން ޑޮލަރު ރައްކާކޮށްފައިވާ ކަމަށާއި އެ ފައިސާ ދެއްކުމަށް ފަހު ވެސް ސަރުކާރުގައި ބާކީ ފައިސާ ހުންނާނެ ކަމަށެވެ.

ތެލުގެ އަގަށް އަންނަ ބަދަލުތައް ފާހަގަކުރައްވައި، މީގެ ކުރިން ނަޝީދު ވަނީ ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ، ބައެއް ގަޑިތަކުގައި ކަރަންޓު ކެނޑުން ހިމެނޭ ގޮތަށް، ސަރުކާރުން ފިޔަވަޅުތައް އެޅުމަށް ގޮވާލައްވައިފައެވެ.

comment ކޮމެންޓް