ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި، އެމީހުން ޑީޕޯޓުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި އުޅެމުންދިޔަ ތިން މީހަކު، އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ހިންގާ ކެފޭތަކަށް ހާއްސަކޮށްގެން ރޭ ހިންގި އޮޕަރޭޝަންގައި 22 ބިދޭސީއަކު ފާސްކޮށް، އޭގެ ތެރެއިން ތިން މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާއިރު، ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ހުއްދަ ނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ.
މިފަހަކަށް އައިސް އަންނަނީ ބިދޭސީންނާ ގުޅޭ މިފަދަ މައްސަލަތައް އިތުރުވަމުންނެވެ. މިސަރުކާރު އައިފަހުން، ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށް، ގިނަ އަދަދެއްގެ ބިދޭސީންތަކެއް ޑީޕޯޓުކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ.