ކޭޝިއަރަކަށް އިން އަންހެނަކަށް ވަޅިން ހަމަލާދިން މީހަކު 18 އަހަރަށް ޖަލަށްލައި، ހަތް މިލިއަނުން ޖޫރިމަނާކޮށްފި

ޖަހަންގިރް މިއާ: ކޭޝިއަރަކަށް އިން އަންހެނަކަށް ވަޅިން ހަމަލާދިން މީހާ 18 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި --

ހުޅުމާލޭގެ ފިހާރައެއްގައި އިން އަންހެން ކޭޝިއަރެއްގެ ކަރަށް ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ބަންގްލަދޭޝް މީހަކު 18 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމާއެކު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރް މިއާގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލީ މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އެއީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު 27 ވީ ދުވަހުގެ މެންދުރު 12:15 އާއި 12:45 އާ ދެމެދުގެ ވަގުތެއްގައި، ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ ފިހާރައަކަށް ގޮސް، އެ ފިހާރައިގެ ކޭޝިއަރަކަށް އިން ނޭޕާލް ރައްޔިތެއް ކަމަށްވާ ޗަންދްރިކާ ލިމްބޫގެ ކަރަށް ވަޅިއަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާތީއެވެ.

މި ދަޢުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކޯޓުން ކަނޑައެޅި އަސާސީ އަދަބަކީ 20 އަހަރަށް ޖަލަށްލުމާއެކު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމެވެ.

ނަމަވެސް، ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު، ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު އަދަބެއް ކަމަށާއި، އަދި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަންޖެހޭނެ ކަމަށް ކޯޓުގެ ޙުކުމުގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް