ނިވާކަން ކުޑަ ހެދުމުގައި މަސްތުގެ ހާލަތުގައިތިބެ ހަމަނުޖެހުން ހިންގި ދެ ބިދޭސީއަކު ބަންދުކޮށްފި

މީގެ ކުރިން އިމިގްރޭޝަނާއި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ބިދޭސީންތަކެއް ހައްޔަރުކުރަނީ --- ފޮޓޯ: އިމިގްރޭޝަން

މަސްތުގެ ހާލަތުގައި ނިވާކަންކުޑަ ހެދުމުގައި ތިބެގެން ހަމަނުޖެހުން ހިންގި ދެ ބިދޭސީއަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް ދޭއްގެ އެމްޕީއެލް ޓަވަރެއްގައި ނިވާކަން ކުޑަ ހެދުމެއްގައި މަސްތުގެ ހާލަތުގައި ތިބެ، އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް، ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ދެ ފިރިހެނުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފުސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ބިދޭސީންނާ ގުޅޭ މިފަދަ މައްސަލަތައް ދޭތެރެއަކުން ނަމަވެސް އަންނަނީ ފެންމަތިވަމުންނެވެ. ވަކިން ޚާއްސަކޮށް މަސްތުވާ ތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައި ހައްޔަރުކުރާ ބިދޭސީންގެ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް މީހުން ގިނައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިސަރުކާރުން ވަނީ ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށް، ގިނަ އަދަދެއްގެ ބިދޭސީންތަކެއް ޑީޕޯޓުކޮށްފައެވެ.

comment ކޮމެންޓް