ގާނޫނުއަސާސީ ފަރުމާކުރި މުސައްނިފުން ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ނުބާއްވަން ނުވިސްނަވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރޭ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު، މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވަނީ ނިންމާފައެވެ. ސަރުކާރު ހިންގާ ޕީއެންސީން އެ ކަމަށް ތާއީދުކުރާއިރު، އެމްޑީޕީން އަންނަނީ އެ ކަމަށް ދެކޮޅު ހަދަމުންނެވެ.
ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ މައްޗަންގޮޅި ދެކުނު ޖަގަހަ ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވަނީ ގާނޫނުއަސާސީ އުފެއްދިއިރު ވެސް ދެ އިންތިޚާބު އެކީ ބޭއްވުމުގެ ބަހުސްކުރި ކަމަށް ވިދާޅުވިއެވެ. އެ ޚާއްސަ މަޖިލީހުގައި ވެސް މަސައްކަތްކުރެއްވި ނާޒިމް ވަނީ އޭރު ކަން ހިނގި ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދެއްވާފައެވެ.
"ފެންނަ ނުފެންނަ ވޯޓަކުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފަހު، އިންތިޚާބުތައް ބާއްވާނެ ތާރީޚުތައް ކަނޑައެޅުމުގައި ވެސް އެ ބަހުސް އޮތީ ކުރެވިފައި. ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚާއްސަ މަޖިލީހުގައި ހުށަހެޅުމެއް ހުށަހަޅާ، އެ ހުށަހެޅުމަށް ތާއީދު ލިބި، އެ ހުށަހެޅުމަށް ވޯޓަށް ވެސް އަހާފައި އެބައޮތް،" އޭނާ ވިދާޅުވިއެވެ.
އެހެންވެ، އެއީ ކުރިން ކޮށްފައިނުވާ ބަހުސެއް ކަމަށް ބުނެ އެމްޑީޕީން އޮޅުވާލަނީ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، ދެ އިންތިޚާބުގެ ތާރީޚު ފުށުއެރީ އޭރު އިންތިޚާބު ބާއްވަން ހަދަން ޖެހޭ ގާނޫނުތައް ހެދުން ލަސްވުމުގެ ސަބަބުން ކަމަށެވެ. އެ ގޮތުން، އާ ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ފުރަތަމަ ރިޔާސީ އިންތިޚާބު ބޭއްވުމަށް ފަހު، އަލަށް އުފެދުނު މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި އިންތިޚާބުތަކުގެ އާ ގާނޫނެއް ފަރުމާކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، އެ މަސައްކަތް ނިންމާލައި، މަޖިލީސް އިންތިޚާބު ބޭއްވުނީ 2009 ވަނަ އަހަރުގެ މޭ މަހު ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ގާނޫނުތައް ފަރުމާކޮށް، ފާސްކޮށް ނިންމަން ނެގި ވަގުތުގެ ސަބަބުން ދެ އިންތިޚާބު ބާއްވާ ތާރީޚު ފަރަގުވެގެން ދިޔައީ،" އޭނާ ސާފުކޮށްދެއްވިއެވެ.
"އެ ދެ އިންތިޚާބު އެއްކޮށް ނުބޭއްވުމަކީ އެއް ގޮތަކަށް ވެސް ގާނޫނުއަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއް ނޫން. ގާނޫނުއަސާސީ އޭރު ނިންމި ޚާއްސަ މަޖިލީހުން ވީ އެންމެ އަވަހަކަށް ދެ އިންތިޚާބު ބާއްވާ ގޮތަށް އޮތީ،"
އެމްޑީޕީން ދައްކާ ވާހަކަތަކުގެ ސަބަބުން މިއީ ރާއްޖޭގައި އަލަށް ކުރަން އުޅޭ ކަމެއް ކަމަށް ހީވާ ކަމަށް ވިދާޅުވެ، ނާޒިމް ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާން ނުކުންނަ ރައްޔިތުންގެ އަދަދު ވެސް އިތުރުވާނެ ކަމަށެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ސަރުކާރުން ތާއީދުކުރި ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ. އެ ގޮތުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އުޅެނީ ބާރުތައް މަސްހުނިކޮށް، ޚަރަދު ކުޑަކުރުމުގެ ނަމުގައި ޕާޓީއަށް އެއްފަހަރާ ދެ ބާރު ހޯދަން ފަސޭހަކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.