ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އެއްދުވަހެއްގައި ބާއްވަން ދައުލަތުގެ ޚަރަދުކުޑަކުރަން ކަމަށް ޕީއެންސީގެ މި ސަރުކާރުން ބުނުމަކީ ބޮޑު މަލާމާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އަސާސީއަށް މަޖިލީހުން ވަނީ އިސްލާހު ގެނެސްފައެވެ. އެ އިސްލާޙު ރައީސް ތަސްދީޤު ކުރައްވާނީ، އެކަމަށް ނަގާ ފެންނަނުފެންނަ ވޯޓުގައި ރައްޔިތުން އެ ގޮތަށް ނިންމައިފިނަމައެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެ ވޯޓު ނަގާނެއެވެ.
ދެ އިންތިޚާބު އެއްކުރަން ޕީއެންސީންނާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ދައްކަވާ ސަބަބަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމެވެ. އަދި އެންމެ ގިނައިން ވޯޓުލާން މީހުން ނިކުންނަ އިންތިޚާބުކަމަށްވާ ރިޔާސީ އިންތިޚާބާ، މަޖިލިސް އިންތިޚާބު އެއްކުރުމުން ގިނަ ބަޔަކު ވޯޓުލައި ޑިމޮކްރަސީ ހަރުދަނާވާނެ ކަމަށް ވެސް ރައީސް ވިދާޅުވެއެވެ.
ދެ އިންތިޚާބު އެއްކުރުމަށް ނަގާ ފެންނަނުފެންނަ ވޯޓުގައި ނޫނެކޭ ބުނުމަށް ގޮވައިލައި، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ދެ އިންތިޚާބު އެއްކުރަނީ ޚަރަދުކުޑަކުރަންކަމަށް މި ސަރުކާރުން ބުނުމަކީ މަލާމާތެއް ކަމަށެވެ. އަދި މިއީ ޑިމޮކްރަސީ ހަރުދަނާކުރަން ކުރާ ކަމެކޭ ބުނުމަކީ ވެސް "ހިނިއަންނަ ޒާތުގެ" ވާހަކައެއްކަމަށް އީވާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޚަރަދުކުޑަކުރަން ކުރަންވީ ބައިވަރު ކަންކަން ދެއްކި ދާނެ ކަމަށާއި، އެ ކަން ކުރަންވީ އިންތިޚާބަކުން ނޫން ކަމަށެވެ. އިންތިޚާބަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި، އެއީ ރައްޔިތުންގެ އަތްމަތީ އޮންނަ އެއް ބާރު ކަމަށް ވިދާޅުވިއެވެ. އަދި ޚަރަދުކުޑަކުރަން ވާނީ ރައްޔިތުންގެ އަތުގައި އޮންނަ ބާރަކުން ނޫން ކަމަށް ވިދާޅުވިއެވެ.
"އެހެރަ ވަޒީފާތަކާއި، އެމްބަސީތަކުގައިި އެހެރަ ވަޒީފާތަކާއި، އެހެރަ ހަވާނެގުމާއި ގިރިޓީ މަޝްރޫއުތަކާއި، މިހެންގޮސް މިހެންގޮސް އެތައް ދިމާއެއް އަޅުގަނޑުމެންނަށް ކިޔައިދެވިދާނެ އަސްލުގައި ޚަރަދުކުޑަކުރަން. އިންތިޚާބަކުން ނޫން ޚަރަދުކުޑަކުރަން ފަށަންޖެހޭނީ.... އެހެންވީމާ މިއީ ޑިމޮކްރަސީ ޚަރުދަނާކުރަން ކުރާ ކަމެކޭ ބުނީމާ އެއީ މަލާމާތެއް،" އީވާ ވިދާޅުވިއެވެ.
އީވާ ތުހުމަތުކުރެއްވި ގޮތުގައި ޕީއެންސީން މަސައްކަތްކުރަނީ މަޖިލިސް އިންތިޚާބަށާއި، ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެ ޕާޓީން ކުރަންޖެހޭ ޚަރަދުކުޑަކޮށް، އެއްފަހަރާ އެއްބުރުން އެއް ކެމްޕޭނަކަށް އެ ޕާޓީގެ ފައިސާ ޚަރަދުކޮށްގެން ދެ ބާރު ހޯދަން ފަސޭހަކުރުން ކަމަށެވެ. ސަރުކާރު ހިންގާ ޕާޓީގެ ޚަރަދުކުޑަކުރުމަކީ ދައުލަތް ހިންގުމުގެ ޚަަރަދުކުޑަކުރުން ނޫންކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މި ބަދަލަކީ ވަގުތީ ބަދަލެއް ނޫންކަމަަށާއި، މިއީ ރާއްޖޭގެ މުޅި ޑިމޮކްރަސީ ހިނގާ ޠަބީއަތަށް ބަދަލު ގެނުވާނެ، ދާއިމީ ބަދަލެއް ކަމަށެވެ.
މީގެ އިތުރުން މިފަދަ ބޮޑު ބަދަލަކަށް ފެންނަނުފެންނަ ވޯޓެއްލާއިރު މިކަމުގެ ސަބަބުން އަމިއްލަ މީހާއަށް ކުރާނެ އަސަރަކާއި، ގައުމަށް ކުރާނެ އަސަރު ވެސް ގިނަ ރައްޔިތުންނަށް ނޭނގޭނެ ކަމަށާއި، އެ ކަން ވެސް ހޯދައިބަލަން ރައްޔިތުން ވަގުތު ހޭދަކުރަން އީވާ ގޮވައިލެއްވިއެވެ. އަދި ފެންނަނުފެންނަ ވޯޓުގައި ނޫނެކޭ ބުނުމަށް އީވާ ގޮވައިލެއްވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވަނީ މިކަމުގެ މައުލޫމާތު ރައްޔިތުންނަށް ނޭނގޭ ކަމަށާއި، އެ ފުރުސަތު ލިބޭނެހެން ކަންކަން ފަހިކުރުމަށް ގޮވައިލައްވައިފައެވެ.
ހަސަން ވިދާޅުވީ މި ފެންނަނުފެންނަ ވޯޓު ޕީއެންސީއަށް ކާމިޔާބުވެއްޖެނަމަ، ދެން އިންތިޚާބުކުރާ މެންބަރުންތަކަކަށްފަހު ރައްޔިތުންގެ މަޖިލީހަށް މެންބަރުން އައްޔަންކުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށާއި ޖުޑިޝަރީއަށް ވެސް ސީދާ ރައީސް މެންބަރުން އައްޔަންކުރަން ފެށުމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ.