ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާކުރުން އެމްޖޭއޭއިން ކުށްވެރިކޮށްފި، ގޮވާލީ ދައުވާތައް އަނބުރާ ގެންދިއުމަށް!

ނޫސްވެރިންތަކެއް ރައީސް އޮފީހުގެ ބޭރުގައި ކުރި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: އެމްޖޭއޭ

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ އަދަދު ނޫހުގެ ސީއީއޯ އާއި މެނޭޖިން އެޑިޓަރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމުގައި އެ ޖަމިއްޔާއިން ސިފަކުރެއެވެ.

  • އަދަދު ނޫހުގެ ދެ އިސްވެރިއެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން
  • އެމްޖޭއޭއިން މިކަން ކުށްވެރިކޮށް ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލުން
  • ކްރިމިނަލް ކޯޓުން ނެރުނު އަމުރާމެދު ކަންބޮޑުވުން ފާޅުކުރުން
  • މިއީ ޑިމޮކްރެސީއާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށް ބުނުން

އޮންލައިން ނޫސް "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިނާއީ ދައުވާތައް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ވެސް ޕްރޮސިކިއުޓާ ޖެނެރަލަށް ގޮވާލާފައެވެ.

އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވަނީ ނޫސް އިދާރާތަކާއި ނޫސްވެރިންގެ މައްޗަށް ޖިނާއީ ތުހުމަތުތައްކޮށް، ތަހުގީގު ހިންގައި ދައުވާ އުފުލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްވެރިންނަށް ބިރުދައްކައި، އެމީހުންގެ މަސައްކަތްތައް ހުއްޓުވުމަށް ރާވައިގެން ހިންގާ އަމަލުތަކެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކޮށްފައިވެއެވެ.

https://sun.mv/221803

ނޫސްވެރިންގެ ޖަމިއްޔާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ޕީޖީގެ ސީދާ އަމުރަށް ނޫސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަކީ ބިރުވެރި ސަގާފަތެއްގެ ފެށުމެކެވެ.

"މިއީ އެތައް ބައެއްގެ ގުރުބާނީން ރާއްޖެއިން ހޯދާފައިވާ ޑިމޮކްރެޓިކް ހަމަތަކާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެތައް ތަނެއް ފަހަތަށް ގޮސް ހުދުމުހުތާރު ކަމަށް ރާއްޖެ ސޮއްސާލައިގެން ދާނެ ކަމެއް،" އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ޝަރީއަތް ސިއްރުކޮށް، ނޫހުން ކޮށްފައިވާ ތުހުމަތުތައް ނުފެތުރުމަށް ރައްޔިތުންގެ މައްޗަށް ޝާމިލުވާ ގޮތަށް ކްރިމިނަލް ކޯޓުން ނެރެފައިވާ 'ގެގް އޯޑަރު' އާ މެދު ވެސް އެމްޖޭއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭނެ އަމުރެކެވެ.

އެ ބަޔާނުގައި ބުނީ މުޅި މައްސަލައަށް ވާހަކަދެއްކުން މަނާކުރެވޭ ގޮތަށް އެފަދަ "ގެގް އޯޑަރު" ނެރުމަކީ ހޮވާލެވޭ ހަބީރުންގެ މަޖިލީހަކުން ނުވަތަ ޖޫރީ ސިސްޓަމް އޮންނަ ގައުމުތަކުގައި އާންމުކޮށް ގެންގުޅޭ އުސޫލެއް ކަމަށެވެ.

އެމްޖޭއޭއިން ބުނީ މީގެ ކުރިން ކޯޓުތަކުން ނެރޭ މިފަދަ އަމުރުތަކަކީ ހަމައެކަނި ހަސްމުން ޝަރީއަތުން ބޭރުގައި ގާނޫނީ ބަހުސްތައް ނުކުރުމަށް ނެރޭ އަމުރުތަކެއް ކަމަށެވެ.

ނަމަވެސް، މިފަހަރު މުޅި މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުން އާންމު ރައްޔިތުންނަށް މަނާކުރުމަކީ މީގެ ކުރިން އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

"އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލުން

"އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ފިޔާޒާއި ޙަސަންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވަނީ އިއްޔެއެވެ.

މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގެ މައްސަލައެވެ.

މި މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާއެވެ.

ހަމައެއާއެކު ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަމުރެއް ވެސް ނެރެފައެވެ.

މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ. "ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު"ގައި ވަނީ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް