މާލޭގެ މުހިންމު މައްސަލަތައް ހައްލުތައް ގެނެސްދޭ ގޮތަށް ބައްޓަންކޮށް، އެމްޑީޕީން ކައުންސިލް އިންތިޚާބަށް ތައްޔާރުކުރި މާލޭގެ މެނިފެސްޓޯ މިރޭ އިފުތިތާހުކޮށްފިއެވެ.
އަމާނަތްތެރި ޚިދުމަތް، މާލެ ސިޓީގެ ވިންދުގެ ނަމުގައި އެ މެނިފެސްޓޯ ފަރުމާކޮށްފައިވަނީ މާލޭގެ މައްސަލަތަކަށް ދެމެހެއްޓެނިވި އަވަސް ހައްލުތައް ހޯދައިދޭ ގޮތަށް ކަމަށް އެ ޕާޓީން ބުނެއެވެ.
މި މެނިފެސްޓޯ ބިނާކޮށްފައިވަނީ ތިން ދާއިރާއަކަށެވެ. އެއީ، ރައްޔިތުންނަށް ބާރާއި ފަހި ދިރިއުޅުމާއި ވިޔަފާރިއަށް ފަހިއެވެ. އެ ތިން ދާއިރާ ވެސް ވަނީ، އެކި ކަންކަމަށް ބަހާފައެވެ.
މި ގޮތުން، މާލެ ސަރަހައްދުން ދޫކޮށްފައި ހުރި ގޯތިތައް އަވަހަށް ހަވާލުކުރުމަކީ، އަމާޒެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ގަޕޯ --- ފޮޓޯ/ މައިމޫން
ސިނަމާލެ ފުލެޓުތައް ތަޅާލައި، އަލުން ތަރައްގީކުރަން ފެށުމަށާއި ހަނި ގޯޅިތައް ހިތްފަސޭހަ ތަނަކަށް ހެދުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
ކުނި އުކާލުމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި ޕާކިން މައްސަލައަށް ހައްލު ގެނައުމަށް މަލްޓި ޕާޕަސް ޕާކިންއާއި ގޭދޮށު ޕާކިން ހަދަން ވަނީ ނިންމާފައެވެ. އޭގެ އިތުރަށް، މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ޒަމާނީ ބަސް ހުއްޓިތަކާއި އުޅަނދުތައް ގެންގުޅެވޭނެ ވަކި މިންވަރެއް ކަނޑައަޅައި ތަންފީޒުކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
އެ މެނިފެސްޓޯގައި އެމްޑީޕީން ވަނީ، ހުޅުމާލެ ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީގެ މަސައްކަތް ސިޓީ ކައުންސިލަށް ބަދަލުކުރަން ހިމަނާފައެވެ.
އެއާއެކު، މާލޭގެ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ތަރައްގީކޮށް، އަގުތައް ޑިޖިޓަލްކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އަދި، ވިލިމާލޭގައި ލޯކަލް ޓުއަރިޒަމް ފުޅާކޮށް، ލޯކަލް މާރުކޭޓު ސަރަހައްދުގައި ދިވެހި އުފެއްދުންތައް ގަންނަން ލިބޭހެން ތަރައްގީކުރަން ވަނީ ނިންމާފައެވެ.