ދައުރުގެ މެދުތެރެއިން އައި ބޮޑު ބަދަލު: އާ ކެބިނެޓްގައި ސިޔާސީ ހަކަތަ ހުރީ ކިހާވަރަކަށް؟

ރައީސް މުއިއްޒު އިއްޔެ އައްޔަން ކުރެއްވި އާ ކެބިނެޓް

ރާއްޖޭގެ ރިޔާސީ ނިޒާމުގައި ކެބިނެޓަކީ ސިޔާސީ ގޮތުންނާއި ފަންނީ ގޮތުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ފަހަކަށް އައިސް ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުން ވަނީ ކެބިނެޓުގެ ދިހަ ވަޒީރަކު ބަދަލުކުރައްވާފައެވެ. ވަކިވެވަޑައިގަތް ވަޒީރުންނަކީ ސިޔާސީ ގޮތުން ތަޖުރިބާކާރު އަދި ޕާޓީގެ އާންމު މެންބަރުންނާ ގާތް ގުޅުމެއް އޮތް ބޭފުޅުންނެވެ. ނަމަވެސް އަލަށް އައްޔަންކުރެއްވި ވަޒީރުންނަކީ ފަންނީ ބޭފުޅުން ކަމަށްވިޔަސް، ސިޔާސީ މައިދާނަށް އައު އަދި ސިޔާސީ ހަކަތަ މަދު ބައެއްކަމަށް ފާހަގަކުރެވެއެވެ. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރަށް ކުރިމަތިވާނެ ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލުމަށް މި އައު ކެބިނެޓުގެ ސިޔާސީ ގާބިލުކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

  • ވެރިކަމުގެ ނިޒާމުގައި ކެބިނެޓަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު ސިޔާސީ ޓީމު ކަމަށްވުން
  • އިންތިޚާބުތަކުގެ ނާކާމިޔާބީއަށްފަހު ސަރުކާރުގެ ދިހަ ވަޒީރަކު ބަދަލުކުރުން
  • ވަކިކުރެވުނު ވަޒީރުންނަކީ ސިޔާސީ ގޮތުން ތަޖުރިބާކާރު އަދި އާންމުންނާ ގުޅުންހުރި ބޭފުޅުން ކަމަށްވުން
  • އަލަށް އައްޔަންކުރި ވަޒީރުންނަކީ ފަންނީ ބޭފުޅުން ނަމަވެސް ސިޔާސީ ތަޖުރިބާ ކުޑަ ބައެއްކަމަށް ބެލެވުން

އެއްވެސް ޝައްކެއް ނެތް ގޮތުގައި ރާއްޖެ މިއަދު ބަލައިގެންފަ އޮތް ރިޔާސީ ނިޒާމުގައި ވެރިކަމުގެ ބާރުތައް ބެހިފައި އޮތް ގޮތަށް އެކަނި ބަލާލިނަމަވެސް ދައުލަތުގެ ގިނަ ބާރުތައް ބަރޯސާވެފަ އޮންނަނީ ވެރިކަން ހިންގާ ބާރުގެ މައްޗަށެވެ. އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ނިޒާމަށް، ގާނޫނު އަސާސީން ތިލަފަތް ހަމަކޮށް ބާރުތައް ލިބިދީފައި އޮތް ނަމަވެސް، 2008 ވަނައަހަރު ވެރިކަމުގެ ނިޒާމަށް އައި ޑިމޮކްރަޓިކް ބޮޑު ބަދަލާއެކުވެސް، ރައީސުލްޖުމޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ސިޔާސީ ބާރުތައް މުށުތެރެއަށް ލައްވައިގެން ވެރިކަން ކުރައްވަމުން ގެންދަވާ ކަމަކީ ހަމަ ކޮންމެ ރިޔާސީ ދައުރަކުންވެސް ފެންނާން އޮތް އެންމެ ބޮޑު ހަގީގަތެވެ.

ރައްޔިތުންގެ މަޖިލިހުގައި ސުޕަރ މެޖޯރިޓީ އޮންނަމަވެސް މިދައުރުގައިވެސް މަޖިލިސް ކޮންޓްރޯލް ކުރައްވަމުން ގެންދަވަނީ ވަލިއްޔުލްއަމުރެވެ. ރައީސުލްޖުމުހޫރިއްޔާ ވިދާޅުވާ ގޮތަކަށް މެނުވީ އެ މަޖިލީހަށް ހަމަ ހިރިލެވޭކަންވެސް ނެތެވެ. އެންޓި ޑިފެކްޝަން ބިލް ރައީސުލްޖުމުހޫރިއްޔާ ތަސްދީގު ކުރެވިފަހުން އެ ހަގީގަތް އަދި މާސާފުކޮށް ފެންނާން އެބައޮތެވެ. ދެން އޮތީ ޖުޑިޝަރީއެވެ. އިއްޔެވެސް މިއަދުވެސް ޝަރުޢީ ދާއިރާއިންވެސް ފެންނާން އޮތް ދެބަސް ވެވެން ނެތް ހަގީގަތަކީ އެއީއެވެ.

އެހެންކަމުން ގާނޫނު އަސާސީގައި ބާރުތައް ތިލަފަތް ހަމަކޮށްފައި އޮތް އުސޫލުން އެ މަންޒަރުތައް އަމަލީގޮތުން ސިފަވަމުން ނުގޮސް ވެރިކަމުގެ ބާރުތައް ވެރިކަން ހިންގާ ފަރާތުގެ މުށުތެރެއަށް ޖަމާވެފައި އޮންނަ އޮތުމުގެ އެންމެ ބޮޑު ނަތީޖާއަކީ ރައީސުލްޖުމުހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއްގެ އެންމެ އަރިސް ބޭފުޅުން ކަމުގައި އެ ވަގުތު އޮންނަ ކެބިނެޓެއް ވެގެން ދިއުމެވެ.

އެއީ ރައްޔިތުންގެ މަޖިލިސް ވެސް ފާލުން ނެއްޓިގެންދިޔަ ނުދީ، އަދި ވަކީން ޚާއްސަކޮށް ރައީސުލްޖުމުހޫރިއްޔާއަށް ސިޔާސީ ހަރާކާތްތައްވެސް ހިންގާ ދިނުމުގައި އެންމެ ކުރީ ސަފުގައި ތިއްބަވާ ބޭފުޅުންނެވެ. ތަރައްގީގެ މަޝްރޫއުތަކަށް އަމަލީ ސިފަ ގެނެސްދީ، ސަރުކާރުގެ ސިޔާސީ ކެމްޕޭންތަކުގެ އެންމެ ކުރީ ސަފުގައި ތިއްބަވާމެ، މުޅި ސަރުކާރު "ކޮނޑަށް ލައްވައިގެން" ކުރިޔަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު ޒިންމާއެއް އަބަދުވެސް އުފުއްލަވަން ޖެހިވަަޑައިގަންނަވަނީ ސަރުކާރުގެ ކެބިނެޓަށެވެ. ކުރު ގޮތަކަށް ދަންނަވަނީ ނަމަ ރައީސުލްޖުމުހޫރިއްޔާގެ ހަގީގީ ޓީމެއްގެ ގޮތުގައި އޮންނަނީ ކެބިނެޓެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓް

އޭގެ ނަގީޖާއަކީ ކޮބައިތޯއެވެ. ކެބިނެޓްގައި އިލްމީ ގާބިލްކަން ހުރުމުގެ އިތުރުން ސިޔާސީ ހަކަތައް ހުންނާން ޖެހެއެވެ. ރައީސުލްޖުމުހޫރިއްޔާއަށް ސިޔާސީ ލަފާފުޅުތައް އެރުއްވޭވަރުގެ ސިޔާސީ ވިސްނުން ކެބިނެޓުގައި ހުންނާން ޖެހެއެވެ. ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ އެކޮޅު މިކޮޅު އެބޭފުޅުން ދެނެވަޑައިގަންނަވާން ޖެހޭނެއެވެ. ޕާޓީގެ ގްރާސް ރޫޓާއި ބޮޑު ގުޅުމެއް އޮންނާން ޖެހެއެވެ. ދައުރުގެ މެދަކާ ހަމައަށް އަންނައިރު އެގުޅުން އޮންނާން ޖެހޭނީ ވަރަށްވެސް ވަރުގަދަ ކޮށެވެ. އެބީދައިން އެގުޅުން އުފެއްދިގެން މެނުވީ ސިޔާސީގޮތުން އުފެއްދުންތެރި މަސައްކަތަކެއް ކުރިޔަށް އޮތް ތަނުގައި ކޮށް، ވަޒީރަކަށް ތަފާތު ދެއްކުން އޮންނާނީ ދަތިކަމަކަށް ވެފައެވެ.

ކެބިނެޓް ވަޒީރުން ވާންޖެހޭނީ އަދުގެ ސިޔާސީ މަސްރަހުގައި ފައި ހަމަ ކޮށްލެވޭނޭ "ފެންވަރު" ހުރި ބޭފުޅުންނަށެވެ. ޖަލްސާތަކުގެ ކުރީ ބަރި ފުރުއްވާލައްވަން އެކަނި އެބޫފުޅުންނަށް މިއަދަކު ނުތިއްބެވޭނެއެވެ. ސިޔާސީ ޕޯޑިއަމްތަކަށް ފަރިތަވާން ޖެހޭނެއެވެ. ކުރު ގޮތަކަށް ދަންނަވަނީނަމަ، ރައީސުލްޖުމުހޫރިއްޔާގެ ކެބިނެޓް ވާން ޖެހޭނީ އަދުގެ ހަލަބޮލި ސިޔާސީ މަސްރަހުގައި ފައި ހަމަކޮށްލެވޭވަރުގެ "ގާބިލް" "ސިޔާސީ ހަކަތަ" ހުރި ކެބިނެޓަކަށެވެ. އެބޭފުޅުންގެ ކިބައިގައި އިލްމާއި ސިޔާސީ ހިލްމު ހުންނާން ޖެހޭނެއެވެ.

10 ވަޒީރުން ބޭރު ކުރެއްވުމަށްފަހު އާ ކެބިނެޓެއް، ސިޔާސީ ހަކަތައް އެބަހުރިތަ؟

ފާއިތުވިން ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރުން ނެގިގެންދިޔަ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބިގެންދިޔަ ބޮޑު ނާކާމިޔާބީއަށްފަހު، އަންގާރަ ދުވަހު ރައީސް މުއިއްޒު މިވަނީ ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވާފައެވެ. އެގޮތުން މި ބަދަލާއެކު، އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އައްޔަން ކުރެއްވި ކެބިނެޓްގެ 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެބޭފުޅުން ބަދަލުގައި މުޅި އާ ބޭފުޅުން މިހާރުވަނީ ވަޒީރުކަމުގެ ހުވާ ކުރައްވާފައެވެ.

އެގޮތުން ބަލާއިރު، ކެބިނެޓަށް އައި މި ބަދަލާއެކު ޖާގަ ނުލިބުނު ބޭފުޅުންގެ ތެރޭގައި ފާހަގަކޮށްލެވޭ މުހިންމު ބޭފުޅުންކޮޅެއް ތިއްބެވިކަންވެސް މި ފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ. އޭގެ ތެރޭގައި ޚާރިޖީ ވުޒާރާއާއި، ދިފާޢީ ވުޒާރާއާއި، ސިއްޙީ ވުޒާރާގެ އިތުރުން ޒުވާނުންނާ ބެހޭ ވުޒާރާއާއި ތިމާވެއްޓާ އަދި ފަތުރުވެރިކަމާބެހޭ ވުޒާރާގެ އިތުރުން ސިޓީތަކާބެހޭ ވުޒާރާ މިއީ ފާހަގަކޮށްލާންޖެހޭ މުހިންމު ވުޒާރާތަކެވެ. މި ވުޒާރާތައް ހިންގަވަމުން ގެންދަވާފައިވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭންގައި އިސްކޮށް އުޅުއްވި، ޕީޕީއެމްގެ ފިކުރުގެތެރެއިން ކެބިނެޓަށް ވަޑައިގެންނެވި ވަޒީރުންނެވެ. އެބޭބޭފުޅުންނަކީ ޕީޕީއެމް ޕީއެންސީގެ ގްރާސް ރޫޓާ ގުޅުން ބަދަހި، ރައީސް މުއިއްޒުގެ ސަރުކާރާއެކީ ކުރިޔަށް ވަޑައިގެންނެވުމުގައި މިހާތަނަށްވެސް ވަރުގަދައަށް ކަމަރު ބަންނަވައިގެން ތިއްބެވި ޕީޕީއެމް ޕީއެންސީގެ ފިކުރުގެ ވަޒީރުންކަން މި ފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.

އަދި އަމުދުން މި ސަރުކާރުގެ ވުޒާރާތަކުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިސްވެ ދެންނެވުނު ވަޒީރުން ކުރެއްވި މަސައްކަތްތައް ވަކީން ފާހަގަކޮށް ހުނި ޖަހާލުމަށްފަހު ނަތީޖާ ވަކީން ގޯސްކަމަށް ދެއްކެން ނެތްކަމީވެސް ގަބޫލުކުރާންޖެހޭ ވަރަށްވެސް ބޮޑު ހަގީގަތެކެވެ. ސަބަބަކީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި، އާ ކެބިނެޓްގައި މިހާރުވެސް ތިއްބެވި ވަޒީރުންނަކީ، އިސްތިއުފާ ދެއްވި ވަޒީރުންނަށްވުރެ ވަކީން އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވިފައިވާ ވަޒީރުންކަމަށް ފާހަގަވާން ނެތުމެވެ. ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ދުވެލި ލަސްވުމުގައި ވަކި ވުޒާރާއެއް އިސްތިސްނާ ކުރެވޭކަށް ނެތެވެ.

އާ ކެބިނެޓުން ޖާގަ ލިބިވަޑައި ނުގެންނެވި ވަޒީރުން

ދެން އޮތީ ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ކުރިމަތިލާން ޖެހުނު ބޮޑު ނާކާމިޔާބީއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ބޮޑު ނާކާމިޔާބީއަކީ ވަކި ވަޒީރެއްގެ ޕާފޯމަންސާއި ގުޅުން އޮތް ނަތީޖާއެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ.

ވަކީން ޚާއްސަކޮށް ފެންނަ ނުފެންނަ ވޯޓެވެ. މުޅި ރާއްޖެއިން މި ވޯޓުގައި ނޫނެކޭ ބުނި ބުން މޭރުން ކުރާންޖެހެނީ ސަރުކާރަށް ނެތް ތާއީދެއްގެ ގޮތުގައެވެ. އެ ނަތީޖާ ގުޅިފައި ވަނީ ވަކިވަކި ވަޒީރުންގެ ބަދަލުގައި، ސަރުކާރުގެ މައްޗަށް ކުރެވެމުންދާ ކޮރަޕްޝަންގެ ތުހުމަތުތަކާއެވެ. މިރާއްޖެ ބަލައިގެންފަ އޮތް ޑިމޮކްރަޓިކް ނިޒާމަށް ގެނެވެމުންދާ "ނުރަނގަޅު" ބަދަލުތަކާއެވެ. ރައްޔިތުންގެ ޖީބުތައް ތަނަވަސްނުވެ، ކުރިމަތިވަމުންދާ އިގްތިސާދީ ދަތިތަކާއެވެ. އެއީ ވަކި ފަރުދަތަކަށް އަމާޒު ކުރެވެންނެތް، މުޅި ސަރުކާރުގެ ސިޔާސަތުތަކާ ގުޅުންހުރި ކަންކަމެވެ.

އެ ނަޒަރިއްޔާތުން ވިސްނާއިރު، ކެބިނެޓަށް އައި ބޮޑު ބަދަލާއެކު، އާ ކެބިނެޓުން ޖާގަ ނުލިބުނު ބައެއް މުހިންމު ވަޒީރުން ރައީސް މުއިއްޒުގެ ވެރިކަމުގެ ދެ އަހަރާ ބައިގެ މުއްދަތުގައި އުފެއްދެވި ސިޔާސީ ހަކަތައާއި، ގާއިމްކުރި ގުޅުންތަކާއި، ކުރެއްވި ސިޔާސީ މަސައްކަތަކުން ޖަމާވި ސިޔާސީ ހަކަތަ އާ ވަޒީރުންނަށް ނަކަލް ވެގެން ދިއުމަކީ ނާދިރު ކަމެއްގެ ގޮތުގައި މިއަދު ސިފަކުރާން ޖެހެއެވެ. އެ ބޭބޭފުޅުންގެ ބަދަލުގައި އާ ކެބިނެޓަށް ވަޑައިގެންނެވި ހުރިހާ ވަޒީރުންނަކީވެސް ހަމަ ފަންނީ ބޭބޭފުޅުންނެވެ. އެއީ ސިޔާސީ ބޭބޭފުޅުންނެއް ނުމެ ނޫންމެއެވެ.

ސަބަބަކީ ކެބިނެޓަށް ވަޑައިގެންނެވި އާ ވަޒީރުންނަކީ ސިޔާސީ މަސައްކަތްތަކަށް ފަރިތަ ބޭބޭފުޅުންގޮތުގައި މޭރުންކުރެވޭނެ އެއްވެސް ހަމައެއް ފެންނާކަށް ނެތުމެވެ. އޭގެ ތެރޭގައި ޕޯޑިއަމަށް ފަރިތަ ހަމަ އެންމެ ބޭފުޅަކުވެސް ފެންނާކަށް ނެތެވެ.

އާދޭހެވެ. ވަޒީރަކު ޕޯޑިއަމަށް ފަރިތަވާން ޖެހޭތޯ، މިއީ އުފައްދެވިދާނެ ވަރަށްވެސް ފަސޭހަ ސުވާލަކަށް ވެދާނެއެވެ. އެހެންނަމަވެސް ގަބޫލުކުރާންޖެހޭ އެންމެ ބޮޑު ހަގީގަތަކީ ކެބިނެޓް ޕޯޓްފޯލިއޯއަކީ ވަރުގަދަ ސިޔާސީ މަގާމެއްކަމެވެ. ސިޔާސީ ގޮތުން ވާނުވާ ނުދަންނަ، ސިޔާސީ ހިސާބު ރަނގަޅަށް ޖައްސަވާ އެނގިވަޑައި ނުގަންނަވާ ބޭފުޅަކަށް އެ މަގާމުގައި ހިފަހައްޓައެއް ނުލެއްވޭނެއެވެ. ރައީސް މުއިއްޒުގެ އިސްތިއުފާ ދެއްވި ކެބިނެޓް ވަޒީރުންގެ ތެރެއިންވެސް މާސާފުކޮށް ފެންނާން އޮތް ހަގީގަތަކީ މިއީއެވެ. މުޅިން އާ މޫނަކަށް، ނުވަތަ ސިޔާސީ ހަކަތައް ނެތް ބޭފުޅަކަށް އަދުގެ ސިޔާސީ މަސްރަހުގައި "ފެނަށް ދިރެން" ވަރަށްވެސް ވަގުތު ބޭނުންވާނެއެވެ. ދައުރުގަ ބާކީ އޮތީ ހަމަ އެންމެ ދެ އަހަރެއްހާ ދުވަހުގެ މުއްދަތެވެ.

އެ މުއްދަތުގައި ރައީސް މުއިއްޒުއަށް ދަތުރުކުރައްވާން ޖެހިވަޑައިގެންފައި ކުރިޔަށް އޮތީ ވަރަށްވެސް ގަދަ ކަނޑެއްގައެވެ. ފެންނަ ނުފެންނަ ވޯޓުގެ ބޮޑު ނާކާމިޔާބީއާއެކު، ގިރާ ކުރައްވަން ޖެހިވަޑައިގެންފައި އޮތް ގޮންޖެހުންތައް ބޮޑީއެވެ. އާ ކެބިނެޓްގައި އެ ސިޔާސީ ހަކަތަ ހުރިތޯ ނުވަތަ ނެތްތޯ ކުރެވޭ ސުވާލުގެ ޖަވާބު އެހާމެ ބޮޑަށް މުހިންމު ވެގެންދާ ހަގީގީ ސަބަބަކީވެސް އެއީއެވެ.

comment ކޮމެންޓް