އެމްޑީޕީން ގެންނާނީ ފަހި ދިރިއުޅުމަކާއި ވިޔަފާރިއަށް ފަހި މާލެ ސިޓީއެއް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މާލޭގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، މާލޭގައި ހުރިހާ މައްސަލައެއް އެބައޮތް ކަމަށެވެ. ނަމަވެސް، މިހާ ހިސާބަށް އައީ މި ސިޓީއަށް އަޅާލަން ޖެހޭ ވަރަށް އަޅާނުލެވި ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުގެ މިސްރާބު ހުރީ، ދެމެހެއްޓެނިވި ގޮތުގައި މާލެ ތަރައްގީކޮށް، ފަހި ސިޓީއަކަށް ހެދުމަށް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އާޒިމް ވިދާޅުވީ، ވިޔަފާރިތަކަށް ތަނަވަސް، ފަހި މާހައުލަކަށް ސިޓީއަކަށް މާލެ ހަދާނެ ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މޭޔަރު ކަމާ ހަވާލުވެވަޑައިގަތް އަމާޒު ހިފީ، ލިބޭ އެއްޗަކުން މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެގޮތުން، އެ ކައުންސިލަށް ވެސް ލިބުނީ މިހާތަނަށް ލިބެމުން އައި އާމްދަނީ ކަމަށާއި އެ އާމްދަނީ ހޭދަކުރީ، އިސްރާފު ކުރާކަށް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ރައީސް އިބްރާހީމް ޞާލިހު ---- ފޮޓޯ/ މައިމޫން
އަޅުގަނޑު [ސިޓީ ކައުންސިލަށް ލިބޭ] އާމްދަނީ ހޭދަކުރަން ވިސްނީ ކުއްޔަށް ހިފާފައި ހުރި ހުރިހާ ތަނެއް ދޫކޮށްލައި، ކޮންމެ މަހަކު 350،000 ރުފިޔާ މާލޭގެ ކުލިން ރައްކާތެރިކޮށް، އަޅުގަނޑުމެން އަމިއްލަ ތަނެއް އަޅައިގެން އަންނަން. މިއަދު އަޅުގަނޑުމެން މި ތިބީ އެތަނުގައި ދެ އަހަރު ތެރޭގައިމާލޭގެ މޭޔަރު އާދަމް އާޒިމް
އާޒިމް އެ އިޝާރަތްކުރެއްވީ، ސިޓީ ކައުންސިލުގެ ހުރިހާ ޚިދުމަތެއް އެއް އިމާރާތަކަށް ބަދަލުކުރި ވާހަކައަށެވެ. ކުރިން އެ ކައުންސިލުގެ އެކި ޚިދުމަތްތައް ދެމުން އައީ، ތަފާތު އިމާރާތްތަކުގައެވެ.
އޭގެ އިތުރުން، އެމްޑީޕީގެ ވިސްނުމަކީ ރައްޔިތުންގެ ފައިސާ ވީ އެންމެ ރަނގަޅަކަށް ޚަރަދުކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވިއްސާރަ މޫސުމާ ދިމާކޮށް، މާލޭގެ ގިނަ ރައްޔިތުންގެ ފަރުނީޗަރުތައް ހަލާކުވާތީ މިދިޔަ 40 އަހަރު ތެރޭގައި އަހަރަކު ދެ ފަހަރު އެތައް މިލިއަނެއް ޚަރަދުކުރާކަން އާޒިމް ފާހަގަކުރެއްވިއެވެ.
މި ގޮތުން، އެންމެ ފަސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެ މައްސަލަ ސިޓީ ކައުންސިލުން މިދިޔަ ދެ އަހަރު ހައްލުކޮށްފައިވާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން މިރޭ ވަނީ އެ ޕާޓީގެ މެނިފެސްޓޯ "އަމާނާތްތެރި ޚިދުމަތް، މާލެ ސިޓީގެ ވިންދު" ލޯންޗުކޮށްފައެވެ.