ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި، އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އެ ޕާޓީން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތް ޒަހިއްޔާ (ޒާޔާ) އަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި މައުރޫފާއި ޒާޔާގެ އިތުރުން، އެމްޑީޕީގެ މެންބަރެއް ކަމަށްވާ އަބްދުއްސަލާމަށް ވެސް ވަނީ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފާ ކަމުގެ ޗިޓު ފޮނުވައިފައެވެ.
ޗިޓުގައި ވާގޮތުން އެ ތިން މީހުންގެ މައްޗަށްވެސް ކޮށްފައި ވަނީ، ޣައިރު ޤާނޫނީ އެއްވުމެއް ރޫޅާލުމަށް އުޅޭ މީހާއަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
ދައުވާގެ ތަފުސީލުގައި ފުލުހުން ބުނެފައިވައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް، މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށް އާންމު ދަތުރުފަތުރަށް ހުރަސްއަޅައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައި ވާކަމަށެވެ.
އެ މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ކަނަޑައެޅުމަށް ޕީޖީ އޮފީހަށް މައްސަލަ މިހާރު ފޮނުވާފައި ވާކަމަށް ޗިޓުގައިވެއެވެ.
އެ މައްސަލައިގައި މިހާތަނަށް ޕީޖީ އޮފީހުގެ ބަހެއް ލިބިފައެއް ނުވެއެވެ.
އެމްޑީޕީން ތިނެއް އޮކްޓޯބަރުގައި ކުރިއަށް ގެންދިޔަ ''ލޫޓުވައިފި'' މުޒާހަރާއާ ގުޅިގެން އަށް މީހަކު ހައްޔަރުކުރިއެވެ. އަދި އޭގެ ތެރެއިން ހަ މީހެއްގެ ބަންދަށް ދުވަސް އިތުރުކުރުމަށްފަހު ދައުވާ ކުރުމަށް މީގެ ކުރީންވެސް ފުލުހުން ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. ނަމަވެސް އެ ފަހަރު ޕީޖީ އޮފީހުން ނިންމީ އެ މީހުންގެ މައްޗަށް ދައުވާ ނުކުރުމަށެވެ.