5 ބިދޭސީން މަރުވި އަލިފާނުގެ ހާދިސާއަށް މަހެއްވާއިރު، ފުލުހުން އެ ކަން ތަހުގީގުކުރިތޯ ބަލައިދޭން އެދިއްޖެ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް: އޭނާ ވަނީ، ދިގުރަށުގެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ހޯދަން އެދިވަޑައިގެންފައި --- ފޮޓޯ/ މަޖިލިސް

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅުނު ތަނެއްގައި އަލިފާން ރޯވެ ފަސް މީހަކު މަރުވި ހާދިސާއަށް މަހެއް ވެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބު ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވަނީ މިކަމާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ ތެރޭގައި ފުލުހުންގެ ތަހުގީގާއި، އިމާރާތުގެ ހުއްދަތަކާއި، ވަޒީފާދޭ ފަރާތުގެ ޒިންމާތަކާ ގުޅޭ ސުވާލުތައް ހިމެނެއެވެ.

  • ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 ބިދޭސީން ވަނީ މަރުވެފައި
  • މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް މަޖިލީހަށް ހުށަހެޅުން
  • ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ސާފުކުރުން
  • ހިއުމަން ރައިޓްސް ކޮމިޝަނުން އަދިވެސް މައުލޫމާތު އެއްކުރަމުންދާކަން ހާމަކުރުން

އދ. ދިގުރަށުގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ، ފަސް ބިދޭސިއަކު މަރުވި ހާދިސާއަށް މަހެއްވާއިރު، އެ ހާދިސާއާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން މައްސަލަ ތަހުގީގުކޮށް، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރިތޯ ބެލުމަށް، ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައިވަނީ، ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މަރުވި ފަސް ބިދޭސީންގެ މައްސަލައިގައި ބައެއް މައުލޫމާތުތައް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެގޮތުން، އަލިފާނުގެ ހާދިސާ ހިނގީ ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނުގައިވާ ގޮތަށް ދިރިއުޅުމަށްތޯއާއި، އެ ހާދިސާގައި ނިޔާވި ބިދޭސީން މަސައްކަތްކުރަމުން އައީ ހުއްދައާ އެކު ކޮން ބައެއްގެ ދަށުންތޯއާއި، ހާދިސާ ހިނގި އިމާރާތް "އެކްސްޕެޓްރިއޭޓް އެކޮމޮޑޭޝަން" ވިޔަފާރީގެ ހަރަކާތުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ނަމަ، އެ މައުލޫމާތު ހޯދުމަށް ވަނީ އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން، ބިދޭސީން ތިބި ބްލޮކަކީ އެ މީހުން ބޭތިއްބުމުގެ މިންގަނޑަށް ފެތޭ ތަނެއްކަން ހޯމްލޭންޑް ސެކިއުރިޓީ މިިނިސްޓްރީން ބަލައިފައިވޭތޯއާއި، ބިދޭސީންގެ ބްލޮކުތައް ބެލުމަށް މިނިސްޓްރީން ގެންގުޅޭ އުސޫލުތަކާއި، ދިގުރަށުގައި ހިނގިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ތަފުސީލަށާއި، ބިދޭސީން އުޅެން ހަމަޖެއްސި ތަނަކީ ގަވައިދާ އެއްގޮތްވާ ތަނެއްކަން ކަށަވަރުކުރުން ފަދަ ޒިންމާ ވަޒީފާ ދިން ފަރާތުން އަދާކުރިތޯ ބެލުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

އެ ސިޓީގައި ކޮމިޓީ މެދުވެރިކޮށް ހޯދުމަށް ކުޑޫ ދެން އެދިވަޑައިގެންނެވި ކަންކަމަކީ:

  • ފުލުހުން ތަހުގީގެއް ހިންގިތޯއާއި، ހިންގިނަމަ، ހާދިސާ ހިނގައިދިޔަ ސަބަބު ހޯދިއްޖެތޯއާއި އެއްވެސް ފަރާތަކުން އިހުމާލުވިކަން ފާހަގަވިނަމަ އަމަލުކުރަން ނިންމި ގޮތް
  • ބިދޭސީން އުޅުނު އިމާރާތަކީ ކައުންސިލުން ހުއްދަ ދޫކޮށްފައި އޮތް އިމާރާތެއްތޯ ނޫންތޯ
  • އެ އިމާރާތަކީ މީހުން ސަލާމަތީގޮތުން ނުރައްކާތެރި ތަނެއް ކަމަށް ކައުންސިލަށް ފާހަގަކުރެވިފައިވާ ތަނެއްތޯ ނޫންތޯ
  • އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ ވަޒީފާދޭ ތަނުގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމަށް ބަލައިފައިވޭތޯ

https://sun.mv/220458

'ސަން'އިން ވާނީ، ދިގުރަށުގެ އަލިފާނުގެ ހާދިސާގެ ތަހުގީގުގެ ތަފުސީލުތައް ހާމަނުކުރާތީ، މިހާތަނަށް ލިބުނު ކުރިއެރުންތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. ދެ ފަހަރެއް މަތިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މީޑިއާ ގްރޫޕުގައި ކުރި ސުވާލުތަކަށް އެ ކޮމިޝަނުން ކުރުކޮށް ދިން ޖަވާބުގައި މިއަދު ބުނީ، އަދިވެސް މައުލޫމާތު އެއްކުރަނީ ކަމަށެވެ.

"މި ތަހުގީގަށް ބޭނުންވާ މައުލޫމާތު ދަނީ އެއްކުރެވެމުން،" ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭގޮތުން އެ ކޮމިޝަނުން ބުންޏެވެ.

އިތުރު ތަފްސީލެއް އެޗްއާރުސީއެމުން ހިއްސާނުކުރެއެވެ.

ދިގުރަށުގައި ހުންނަ ބިދޭސީ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބްލޮކުގައި އަލިފާނުގެ ހާދިސާ ހިނގައިފައިވާ ކަމަށް އެ ރަށު ކައުންސިލުގެ ރައީސް އިބްރާހީމް ޢުޘްމާން 'ސަން'އަށް މީގެ ކުރިން ވިދާޅުވީ، ގޭސް ލީކުވެގެން ކަމަށެވެ. މި ހާދިސާގައި ފަސް މީހަކު މަރުވެ، ދެ މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

comment ކޮމެންޓް