އިންޑިއާގެ ޑެންގީ ވެކްސިންގެ ފަހު މަރުހަލާ ފަށައިފި

ޕެނަޝިއާ ބަޔޯޓެކްގެ ލެބޯޓްރީގައި ވެކްސިން އުފެއްދުމުގެ ޕްރޮސެސް ބަޔޮލޮޖިކަލް އާރްއެންޑްޑީގެ ހެޑް ޕްރިޔަންކާ ޕްރިޔާދަރްސިނީ، ކިޔައިދެއްވަނީ. ފޮޓޯ/އޭއެފްޕީ

މުޅި ދުނިޔޭގައިވެސް ޑެންގީ ބަލި ޖެހޭ މީހުންގެ އަދަދު ހަލުއިކަމާއެކު އިތުރުވަމުން އަންނައިރު، އެ ބައްޔާ ދެކޮޅަށް އެންމެ ޑޯޒަކުން ރައްކާތެރިކަން ހޯދޭ އެއް ވެކްސިންގެ ތަހުލީލުތަކުގައި އެންމެ ފަރު މަރުހަލާ ފަށާފައިވާ ކަމަށް އިންޑިއާގައި އެ ވެކްސިން އުފައްދާ ކުންފުނިން ބުނެފިއެވެ.

އެގޮތުން ޑެންގީ ބަލީގެ ނުރައްކާ ކުޑަކޮށް ހުއްޓުމުވުުމުގެ އުންމީދުގައި އިންޑިއާގެ ޕެނަޝިއާ ބަޔޯޓެކް އިން ވަނީ ގާތްގަނޑަކަށް 15 އަހަރު ވަންދެން މަސައްކަތް ކޮށްފައެވެ. މިހާރު 'ޑެންގިއޯލް' ވެކްސިންގެ ފަހު މަރުހަލާގެ ޓްރަޔަލްތައް ފަށާފައި ކަމަށް އިންޑިއާ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ބަލަހައްޓާ މި ދިރާސާގައި މުޅި އިންޑިއާއިން 10،000 އަށް ވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވެފައިވާއިރު، ޓްރަޔަލްގެ ނަތީޖާ ރަނގަޅު ނަމަ އަންނަ އަހަރުގެ ކުރީކޮޅު ވެކްސިން ލިބޭނެ ކަމަށް ބެލެވެއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން މި ވެކްސިން ވީހާވެސް އަވަހަކަށް ލިބޭނެގޮތް ހެދުމަށް،" ޕެނަޝިއާގެ ޗީފް ސައިންޓިފިކް އޮފިސަރު ސައިދު ޚާލިދު އަލީ އޭއެފްޕީއަށް ވިދާޅުވިއެވެ.

ނިއުދިއްލީގެ އިންސްޓިޓިއުޓް އޮފް ލިވާ އެންޑް ބިލިއަރީ ސައިންސަސްގެ ކްލިނިކަލް ވައިރަލޮޖީގެ ޕްރޮފެސަރު ޑރ. އެކްތާ ގުޕްތާ ވިދާޅުވީ އިންޑިއާގައި މިހާރު ޑެންގީ އަކީ ހައިޕާއެންޑެމިކް ބައްޔެކެވެ. އެ ބަލީގެ ހަތަރު ވައިރަސް ސީރޯޓައިޕް ވެސް އެއްފަހަރާ ފެތުރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކޭސްތައް ދިމާވުން ކޮންޓްރޯލް ކުރުމަށް، ނުވަތަ އެންމެ ކުޑަމިނުން އޭގެ ސީރިއަސްކަން ހުއްޓުވުމަށް މިވަގުތު މި ވެކްސިން ވަރަށް ބޭނުންވޭ." ޑރ.އެކްތާ ވިދާޅުވިއެވެ.

ތަހުލީލުގެ ތިން ވަނަ މަރުހަލާގައި، 2024 ވަނަ އަހަރު ބައިވެރިވި މީހުންނަށް ދިން ވެކްސިން ނުވަތަ ޕްލެސީބޯގެ ނަތީޖާ މި އަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް ބެލެވެ އެވެ.

ޑެންގީގެ ހަތަރު ސީރޯޓައިޕްއަށް ވެކްސިން ދިނުމަކީ ޒަމާނުއްސުރެ ސައިންޓިފިކް ގޮންޖެހުމެކެވެ. އެއް ސްޓްރެއިން ޖެހުމަކީ އަނެއް ސްޓްރެއިން އިން ރައްކާތެރިކޮށްދޭ ކަމެއް ނޫނެވެ. އަދި އެއް ސްޓްރެއިން ޖެހުމަށް ފަހު އަނެއް ސްޓްރެއިން ޖެހުމުން ބަލީގެ ނުރައްކާ ބޮޑު ވެސް ވެއެވެ.

ޑެންގީއޯލްއަށް ހުއްދަ ދީފިނަމަ އެ ވެކްސިން ވެގެންދާނީ ދުނިޔޭގެ ފުރަތަމަ ސިންގަލް ޑޯޒް ޑެންގީ ވެކްސިންތަކުގެ ތެރޭގައި ހިމެނޭ އެއް ވެކްސިނަށެވެ. މިދިޔަ އަހަރު ބްރެޒިލުން ވަނީ މިފަދަ ވެކްސިނެއް ތައްޔާރުކޮށް ހުއްދަ ހޯދާފައެވެ.

އަދި މިހާރު އާންމުންނަށް ބޭނުން ކުރުމަށް ޑެންގީ ޝޮޓެއް ލައިސަންސް ދީފައި ނުވާ އިންޑިއާގައި ބޭނުންކުރާ ފުރަތަމަ ވެކްސިނަށްވެސް މި ވެކްސިން ވެގެންދާނެއެެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިއާގައި އުފައްދާ ކާމިޔާބު ވެކްސިނަކީ އާމްދަނީ ދަށް ގައުމުތަކުގައި އަގުހެޔޮކޮށް ގިނަ އަދަދަކަށް ތައާރަފް ކުރުމަށް މުހިންމު ވެކްސިނަކަށް ވެދާނެއެވެ.

ގައިގައި ރިއްސައި ހުން ހައިސް ހޮޑުލެވުން ފަދަ އަލާމާތްތަކާއެކު ފުރާނައަށް ވެސް ނުރައްކާވާ ޑެންގީ ޖެހޭ މީހުންގެ އަދަދު އެކި ގައުމުތަކުގައި މިހާރު އިތުރުވަމުން ދަނީ ފިނިހޫނުމިން މަތިވުމާއި އާބާދީ ތޮއްޖެހުމުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ވައިރޮލޮޖިސްޓް އަދި އޮކްސްފޯޑް ޔުނިވަސިޓީގެ ފެލޯއެއް ކަމަށްވާ ޝާހިދު ޖަމީލް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ދެމި އޮތް ނަމަ 2050 ވަނަ އަހަރު އަންނައިރު، ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު 50-75 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިތުރުވާނެއެވެ.

comment ކޮމެންޓް