ރޯދަ މަހު ދުވާލު ކައިގެން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި

ޝަހީދު ހުސައިން އާދަމް ބިލްޑިން --

ރޯދަ މަހު ދުވާލު ކައިގެން އަނެއްކާވެސް ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ރޯދަ މަހު ދުވާލު ކައިގެން މިފަހަރު ހައްޔަރު ކުރީ ގދ. ގައްދޫއަށް ނިސްބަތްވާ، އުމުރުން 26 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށްވަނީ 15 ދުވަސް ޖަހައިފައެވެ.

ރޯދަ މަހު ދުވާލު ކާން އިންދައި އިތުރު މީހަކު ހައްޔަރު ކުރިއިރު، މިއީ މި ރޯދަ މަހު މިހާތަނަށް ދުވާލު ގަޑީގައި ކޭ މައްސަލަ ދިމާވި ހަތަރުވަނަ މީހާއެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް މާލޭން، ދެ ފިރިހެނުން ދުވާލު ގަޑީގައި ކެއި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން އެކެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އަނެއް މީހާގެ ބަންދަށްވަނީ ދިހަ ދުވަސް ޖަހައިފައެވެ. ދެވަނަ ދުވަހުވެސް ދިވެހި ފިރިހެނަކު ދުވާލު ގަޑީގައި ކެއި މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ.

ރަމަޟާން މަހު ދުވާލު އިރު އޮއްސުމުގެ ކުރިން، ޝަރުޢީ އުޒުރެއް ނެތި އާންމު ތަންތަނުގައި ކައިބޮއެ ހެދުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމީ ޝަރީޢަތުގައި ރޯދަ ހިފުން ވާޖިބުވެގެންވާ މީހަކު، ރަމަޟާން މަހުގެ ދުވާލު ވަގުތެއްގައި އެއްވެސް ޝަރުޢީ އުޒުރެއް ނެތި އާންމު ތަނެއްގައި ކެއުމާއި، ބުއިމާއި ނުވަތަ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކުށެކެވެ.

ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން އެއީ ޖުނަޙްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

ޖުނަޙްގެ ތިން ވަނަ ދަރަޖައިގެ ކުށަކަށް ދެވޭނެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ކުށުގެ ހާލަތަށް ރިއާޔަތްކޮށް އަދަބުގެ މިންވަރު ބަދަލުވުމުގެ ފުރުސަތު އޮވެއެވެ. އަދި ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ މުޖުތަމައަށް ފައިދާހުރި މަސައްކަތް ކުރުން ފަދަ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

​މީގެ އިތުރުން، އިސްލާމް ދީނުގެ ޙުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލައި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންވެސް ފިޔަވަޅު އެޅިދާނެއެވެ.

comment ކޮމެންޓް