ރާއްޖެ އައި ފްލައިޓެއްގެ ފަސިންޖަރުންގެ އަތުން، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ދިވެއްސަކު ހައްޔަރުކޮށްފި

ވީއައިއޭގައި ފަސިންޖަރުންތަކެއް ކިއޫގައި: ފައިސާއާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނެގި މައްސަލައެއްގައި 46 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ---- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ދަތުރުކުރި ފަސިންޖަރުންތަކެއްގެ ފައިސާއާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނެގި މައްސަލައެއްގައި އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ބުރާސްފަތި ދުވަހުގެ ފަތިހު ހުށަހެޅުނު މި މައްސަލައިގައި، ތުހުމަތުކުރެވޭ މީހާ އިން ގޮނޑި ކައިރިންނާއި އޭނާގެ ތަކެތީގެ ތެރެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތިން ކްރެޑިޓް ކާޑާއި ފަސްދޮޅަސް ފަސްހާހަށްވުރެ ގިނަ ރުފިޔާގެ ފައިސާ ފުލުހުން ވަނީ ހޯދާފައެވެ. މީގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓެއްގައި ހިނގި ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރުން
  • މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް
  • ވަގަށް ނަގާފައިވާ 3 ކްރެޑިޓް ކާޑާއި އެކި ގައުމުތަކުގެ ފައިސާ ފެނިފައިވޭ
  • މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓެއްގައި ތިބި ފަސިންޖަރުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު އެ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ, އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ދަތުރުކުރި ފަސިންޖަރުންތަކެއްގެ ފައިސާ އާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ބުރާސްފަތި ދުވަހުގެ ފަތިހު 05:46 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި އެ ފްލައިޓުން ދަތުރުކުރި ހމ. ހިޔާ 9-12-17 މާލެ، އުމުރުން 46 އަހަރުގެ އިބްރާހީމް ނަޢީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ އާއި ކްރެޑިޓް ކާޑުތައް ފެނިފައިވަނީ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އިން ގޮނޑިއާއި ކައިރީގެ އެކި ސަރަހައްދުތަކުންނާއި އޭނާއަށް ފްލައިޓުން ދޫކޮށްފައިވާ ބައެއް ތަކެތީގެ ތެރެއިން ކަމަށެވެ.

ފެނުނު ތަކެތީގެ ތެރޭގައި ތިން ކްރެޑިޓް ކާޑާއި، 3,040 އެމެރިކާ ޑޮލަރު (46,998.40 ރުފިޔާ)، 1,300 ސިންގަޕޫރު ޑޮލަރު (15,780.95 ރުފިޔާ)، 1,000 ދިވެހި ރުފިޔާގެ އިތުރުން 420 މެލޭޝިއަން ރިންގިޓް (1,630.23 ރުފިޔާ) ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ ރުފިޔާއިން ބަލާނަމަ، ޖުމްލަ 65،409.58 ރުފިޔާއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް